ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް ސަލްމާން ޚާނަށް އާދޭސްކުރަނީ!
ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް ސަލްމާން ޚާނަށް އާދޭސްކުރަނީ!

އަރިޖީތު ސިންގް އަކީ މިހާތަނަށް ހިންދީ ފިލްމު އިންޑަސްޓްރީން ފެނުނު އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ އެވެ. މިހާރު ނުކުންނަ ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް އަރިޖީތު ދަނީ ލަވަ ކިޔައިދެމުންނެވެ.

އެހެންކަމުން "ސުލްތާން" އަށް އަރިޖީތު ކިޔައިދީފައިވާ ލަވަ ފޮހެނުލައި ނުވަތަ އެހެން މީހަކު ލައްވާ ނުކިޔުއްވާ ބާއްވާ ދިނުމަށް އަރިޖީތު ސަލްމާން ޚާނަށް އާދޭސް ކުރަނިއްޔޭ ބުނުމުން ގިނަ ބަޔަކަށް ގަބޫލުކުރަން ވެސް ދަތިވާނެ އެވެ.

"ސުލްތާން"ގެ ފުރަތަމަ ލަވަ ކިޔައިދީފައި ވަނީ އަރިޖީތު ނަމަވެސް ފިލްމު އުފައްދާ ފަރާތުން އެ ލަވަ ފިލްމުގައި ނުހިމެނުމަށް މިހާރު ނިންމާފައިވާ ކަމަށްވެ އެވެ.

ސަލްމާނަކީ މިހާރު ބޮލީވުޑްގެ އެންމެ އަލިގަދަ އެއް ސުޕަސްޓާރެވެ. އަދި ވާދަވެރިކަން ބޮޑު ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ޒުވާން ގިނަ ފަންނުވެރިންތަކަކަށް ސަލްމާން ހޯދާދީފައިވާ ކަމީ ވެސް ހަގީގަތެކެވެ.

އިއްޔެ ރިލީޒްވި ސަލްމާންގެ އާ ފިލްމު "ސުލްތާން"ގެ ފުރަތަމަ ޓްރެއިލާ އާއެކު ގިނަ ބަޔަކު އަނެއްކާވެސް ވަނީ ސަލްމާނާ ހެދި މޮޔަވެފަ އެވެ. އަދި އަންނަ ފިތުރު އީދުގައި ރިލީޒްކުރާ މި ފިލްމު ބްލޮކްބަސްޓާއަކަށް ވާނެކަމަށް މިހާރުއްސުރެ ގިނަ ބަޔަކަށް ޝައްކެއްވެސް ނެތެވެ.

ނަމަވެސް އިއްޔެ ސަލްމާންގެ ނަން ނޫސްތަކުގެ ސުރުޚީއަށް އެރި އެހެން ސަބަބެއް ވެސް އެބައޮތެވެ. ކޮންމެވެސް އެހެން މީހަކާ ހެދި އެވެ. އިންޑިޔާގައި މިހާރު ހުރި އެންމެ ހުނަރުވެރި އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް ސަލްމާން ޚާނަށް އާދޭސްކޮށްފައި ފޮނުވި ސިޓީއެއް މީޑިއާގައި އާންމުވުމުންނެވެ. އަރިޖީތު އެދެނީ އޭނާ "ސުލްތާން"އަށް ކިޔައިދީފައިވާ ލަވަ ފިލްމުން ފޮހެނުލާ ބާއްވައިދިނުމަށެވެ. އަދި އެހެން މީހަކު ލައްވާ އެ ލަވަ ކިޔުއްވަން ގަސްދުކުރާނަމަ އެކަން ވެސް އެގޮތަށް ނުކުރުމަށެވެ.

"ސުލްތާން" ފެށުނު ދުވަސްކޮޅު އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ އެ ފިލްމުގެ ފުރަތަމަ ލަވަ ކިޔައިދީފައިވަނީ އަރިޖީތު ކަމަށާއި މި ލަވައިގައި ހަރަކާތްތެރިވަނީ ސަލްމާން ކަމަށެވެ.

ނަމަވެސް އަރިޖީތު އާއި ސަލްމާންގެ މެދުގައި ފިނި ހަނގުރާމައެއް ފެށުމުގެ ސަބަބުން އެ ލަވަ ފިލްމުގައި ނުހިމަނަން ފިލްމު އުފައްދާ ފަރާތުން މިހާރު ގަސްތު ކުރާކަމަށްވެ އެވެ.

މި ހަނގުރާމަ ފެށުނުކަމަށް ވަނީ އަރިޖީތު އަށް ސަލްމާންގެ އަތުން އެވޯޑެއް ހަވާލުކުރުމުގެ ތެރޭގައި ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އަރިޖީތު އެރޭ ކަންތައްކުރި ގޮތުން ސަލްމާން ހިތްހަމަނުޖެހި އޭނާ ކުޅޭ ފިލްމުތަކުގައި އަރިޖީތުގެ ލަވަތައް ނުހިމަނަން ނިންމި ކަމަށްވެ އެވެ. އެހެންކަމުން "ސުލްތާން"އަށް އަރިޖީތު ކިޔައިދީފައިވާ ލަވަ ވެސް ފިލްމުގައި ނުހިމަނަން ނިންމީ އެވެ.

މިހާރު އަރިޖީތު ވަނީ އޭނާގެ ފޭސްބުކް އޮފިޝަލް ޕޭޖްގައި ސަލްމާން ކިބައިން މައާފަށް އެދި ސިޓީއެއް ޕޯސްޓްކޮށްފަ އެވެ. އަރިޖީތުގެ ސިޓީގައި އެވޯޑު ދިން ރޭ ހިނގި ހާދިސާއަކީ އޭނާ ގަސްތުގައި ސަލްމާނަށް އިހާނާތްތެރިކޮށް ހިތުމުގެ ގޮތުން ކުރިކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. ބޮލީވުޑްގައި މަސައްކަތްކުރާ ހުރިހާ އެކްޓަރުންނަށް ލަވަކިޔައިދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި "ސުލްތާން"ގެ ލަވަ ކަނޑާލައިފި ނަމަ ސަލްމާނަށް ލަވަކިޔައިދިނުމަށް އޭނާ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ނުވާނެތީ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަށް ކުށެއް ކުރެވިފައިވާ ނަމަ އެކަމަށް އިންތިހާއަށް މައާފަށް އެދޭ ކަމަށާއި އޭނާ އަކީ ކުރިން ވެސް އަދި މިހާރުވެސް އަދި މުސްތަގްބަލުގައި ވެސް ސަލްމާންގެ ފޭނެއްގެ ގޮތުގައި ދެމި ހުންނާނެކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ ފޭސްބުކް ޕޭޖްގައި މި ސިޓީ ޕޯސްޓްކުރަން ޖެހުނީ އޭނާ ކުރި ފޯންކޯލްތަކަށާއި ފޮނުވި މެސެޖުތަކަށް ވެސް ސަލްމާން ޖަވާބެއް ނުދިނުމުން ކަމަށެވެ. މިގޮތަށް މައާފަށް އެދި ސިޓީއެއް އާންމުކުރުމުން ގިނަ ބަޔެއްގެ މަލާމާތް އޭނާއަށް ރައްދުވެ އޭނާގެ ނަމަށް ހުތުރު ލިބޭކަން އެނގި ހުރެވެސް އޭނާ މި ސިޓީ ޕޯސްޓްކުރީ އެނޫން ގޮތެއް ނެތިގެން ކަމަށް ވެސް އަރިޖީތު ބުނެފައިވެ އެވެ.