03 ޖުލައި 2018 - 07:29

މަޝްހޫރު ޖޯޑުތަކަށް ނަން ދިނުމުގައި މީޑިއާތަކުން ފަހަކަށް އައިސް ގެންގުޅޭ އެއް އުސޫލަކީ ދެ މީހުންގެ ނަން ގުޅުވައިގެން ރީތި ނަމެއް ހެދުމެވެ. އެގޮތުން އައިޝްވާރިޔާ އާއި އަބީޝެކް ބައްޗަންއަކީ "އަބިއޭޝް" އެވެ. ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރަށް މީޑިއާތަކުން ދީފައިވާ ނަމަކީ "ސައިފީނާ" އެވެ. އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އަށް "ވިރުޝްކާ" އެވެ.
މި އަހަރުގެ ނޮވެމްބަރުގައި ކައިވެނި ކުރާނެ ކަމަށް އަޑު ފެތުރިފައިވާ ދީޕިކާ ޕަދްކޯނާއި ރަންވީރްގެ ސިންގްގެ ޖޯޑަކީ "ދީޕްވީރް" އެވެ.
ދެން މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ ލޯބީގެ ވާހަކަ އެވެ. އެއާ އެކު އެ ޖޯޑަށް ވެސް މިހާރު ނަމެއް ހަދައިފި އެވެ. އެއީ "ރާލިއާ" އެވެ.
އިހަކަށް ދުވަހު ރަންބީރު އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި އާލިއާ އަށް ނިސްބަތްކޮށް މީޑިއާތަކުން "ރާލިއާ" ކިޔާކަން ނޭނގޭ ކަމަށެވެ. އެކަމަކު އެ ނަން ކިޔުމަކުން މައްސަލައެއް ވެސް ނެތް ކަމަށެވެ.
"އަހަރެމެން ދެ މީހުން އެކުގައި އެބަ ކުޅެން ފިލްމެއް ވެސް. އެހެންވެ އެ ފިލްމް ރިލީޒް ކުރުމާ ދިމާކޮށް ޕްރޮމޯޝަންތަކުގައި ރާލިއާ ބޭނުން ކުރުމަކީ ހަމަ ވަރަށް ރަނގަޅު ކަމަކަށް ވެދާނެ،" ރަންބީރް ބުންޏެވެ.
އޭނާ އާއި އާލިއާ އެކުގައި ކުޅޭ ފުރަތަމަ ފިލްމް "ބުރައްމަސްތުރާ" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ. މީގެ އިތުރުން ރަންބީރު މިހާރު ސޮއިކޮށްފައިވާ ލަވް ރަންޖަންގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމްގެ ބަތަލާއަކަށް ވެސް އާލިއާ ގެންނަން ރަންބީރު މަސައްކަތް ކުރާ ކަމަށް އަޑު އަރާފައިވެ އެވެ. އެ ފިލްމްގެ ކާސްޓްގައި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.
އާލިއާ އާއި ރަންބީރު ވަރަށް ސީރިއަސްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީނާ ގާތަށް ކަށަވަރު ވިޔަސް، އެ ދެ ތަރިން ރަސްމީކޮށް އެކަމަށް އަދި އެއްބަހެއް ނުވެ އެވެ. އަދި ދެ މީހުން 2020 ގައި ކައިވެނި ކުރާނެ ކަމަށް ވެސް އަޑު އަރާފައިވެ އެވެ.
ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރް ކުރި ޓްވީޓެއްގައި ވަނީ މިއީ ރަންބީރު ކައިވެނި ކުރަންވީ ވަގުތު ކަމަށް ބުނެފަ އެވެ.
"ބުރައްމަސްތުރާ" ގެ ޑައިރެކްޓަރު އަދި ރަންބީރުގެ އެންމެ ގާތް އެކުވެރިޔާ އަޔާން މުކަރްޖީއާ އެކުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރަމުން ރިޝީ ބުނީ މިއީ މި ދެ މީހުން ކައިވެންޏާ ދޭތެރޭ ވިސްނަންވީ ވަގުތު ނޫންތޯ ކަމަށް ބުނެ ސުވާލުކޮށްފަ އެވެ.