01 ޖުލައި 2018 - 17:14

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރާނެ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖެއްސުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން ސިޔާސީ ހަމަޖެހުން ވެސް އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ނޮމިނޭޓް ކުރުމަކީ އިންތިހާބުގައި ވާދަ ކުރަން ޝަތުރު ހަމަވާ މީހަކާ އެކު ކުރިއަށް ދާން އެޅި ފިޔަވަޅެއް ކަމަށާއި ދެން އޮތީ އިހުލާސްތެރިކަމާ އެކު ކެމްޕެއިން ފަށައިގަންނަންވީ ވަގުތު ކަމަށެވެ.
ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމުން މިއަދު ބުނީ އިބޫ ވާނީ އިންތިހާބަށް ކުރިމަތިލާން އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕަޕެޓަކަށް ކަމަށެވެ.
އއ. އުކުޅަހުގައި އިއްޔެ ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އިބޫ އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ފާސްކޮށްފައި މި ވަނީ، އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި، ނަޝީދަށް ރިއާސީ ޓިކެޓް ދިނުމަށް ފަހު އެވެ. އިބޫ އަށް ރިއާސީ ޓިކެޓް ދިނީ، ޕްރައިމަރީން ނަޝީދަށް ކާމިޔާބު ލިބުނު ނަމަވެސް، އެމަނިކުފާނަށް އިއްވާފައި އޮތް 13 އަހަރު ޖަލު ހުކުމްގެ ސަބަބުން، އިންތިހާބުގައި ވާދަ ނުކުރެއްވޭނެތީ، އެމަނިކުފާނު ރިއާސީ ޓިކެޓް ދޫކޮށްލެއްވުމުންނެވެ.
ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބަށް ހުޅުވައިލުމުގެ ކުރިން، އެ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ މަގު ނަޝީދަށް ފަހިވެއްޖެ ނަމަ، އެ ފުރުސަތު ދޭނީ އެ މަނިކުފާނަށް ކަމަށް ކޮންގްރެސްގައި ފާސްކުރި ގަރާރުގައި ވެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ރޭ ވިދާޅުވީ އެއްވެސް މީހެއްގެ އަޅަކަށް އޭނާ ނުވާނެ ކަމަށާއި ހިޔާލު ތަފާތު މީހުންނާ އެކު ވެސް އުޅުއްވޭނެ ކަމަށެވެ.