އަހަރެންގެ ހަޔާތާ ބެހޭ ފިލްމެއް ހަދާކަށް ބޭނުމެއް ނޫން: ކާޖޮލް
އަހަރެންގެ ހަޔާތާ ބެހޭ ފިލްމެއް ހަދާކަށް ބޭނުމެއް ނޫން: ކާޖޮލް

މަޝްހޫރު މީސްމީހުންގެ ހަޔާތަށް ބިނާކޮށް ބޮލީވުޑްގައި ހަދާ ފިލްމްތައް، އިތުރުވެ، އެފަދަ ފިލްމްތަކަށް ލިބޭ ތަރުހީބު ވެސް މިހާރު ވަރަށް ބޮޑެވެ. އޭގެ އެއް މިސާލަކީ މިހާރު ސިނަމާގައި އޮތް އެކްޓަރު ސަންޖޭ ދަތުގެ ބައޮޕިކް "ސަންޖޫ" އެވެ.

ނަމަވެސް މަޝްހޫރު ބަތަލާ ކާޖޮލް، 43، ބުނަނީ އޭނާގެ ހަޔާތުގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ބޭނުން ނުވާ ކަމަށެވެ.

"އެކަހަލަ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެން ގަބޫލު ކުރަނީ އަހަރެންގެ ހަޔާތް ކުރިއަށް ދަނީ އަހަރެން އެންމެ ބޭނުންވާ ގޮތަށްކަން. މިއަކު ނެތް އަހަރެން ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް،" ފިލްމް "ބާހުދީ" އިން 1992 ގައި ފިލްމް ކުޅެން ފެށި ބަތަލާ ބުންޏެވެ. "ބަޔަކަށް ހުއްދައެއް ވެސް ނުދޭކަން އަހަންނާ ބެހޭ ފިލްމެއް ހަދާކަށް."

އެކްޓަރު އަޖޭ ދޭވްގަންއާ ކައިވެނިކޮށް މިހާރު ދެ ކުދިން ވެސް ތިބި ކާޖޮލްއަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކެކެވެ. ކައިވެނިކޮށް، ދަރިން ލިބުނު ފަހުން ސްކްރީނާ ތަންކޮޅެއް ދުރުގައި ހުއްޓަސް ދޭތެރެއަކުން އޭނާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އާދެ އެވެ.

މި އަހަރަކީ ވެސް ކާޖޮލްގެ ފިލްމެއް ރިލީޒް ވާނެ އަހަރެކެވެ. އެއީ ސެޕްޓެމްބަރު 14 ގައި ރިލީޒް ކުރާ "އީލާ އެވެ.

ކާޖޮލްއަކީ އިންޑިއާގެ ސިނަމާގެ ތާރީހުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ދެއްކި ފިލްމްގެ ބަތަލާ ވެސް މެ އެވެ. އޭނާ އާއި ޝާހްރުކް ހާން އެކުގައި 1995 ގައި ކުޅުނު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އަކީ މެދުނުކެނޑި 21 އަހަރު އިންޑިއާގައި ދެއްކި ފިލްމެކެވެ.