01 ޖުލައި 2018 - 13:16

އިސްލާމްއާބާދު (ޖުލައި 1) - ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރަން ކަމަށް ބުނެ ދެކުނު އޭޝިއާގެ ގައުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާ އިން ދީފައިވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީގެ ބައެއް އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދީފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 16.4 ބިލިއަން ޑޮލަރުގައި ހުރި ނަމަވެސް މިދިޔަ ހަފުތާއާ ހަމައަށް ދިޔަ އިރު ރިޒާވް އަކީ 9.66 ބިލިއަން ޑޮލަރު ކަމަށް އޮފިޝަލުން ބުނެ އެވެ.
ޗައިނާ އަކީ ޕާކިސްތާނަށް އެންމެ ބޮޑަށް އެހީވަމުންދާ އެއް ގައުމެވެ. އެންމެ ފަހުން ދިން ލޯނާ އެކު މި އަހަރުގެ ޖޫން މަހަށް ނިމުނު މާލީ އަހަރުގައި ޗައިނާ އިން ޕާކިސްތާނަށް ދިން ލޯނުގެ އަދަދު ވަނީ ފަސް ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މާލީ އަހަރުގެ ފުރަތަމަ 10 މަސް ދުވަހު ވަނީ ބައިލެޓްރަލް ލޯނުގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ޕާކިސްތާނަށް ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޗައިނާގެ ކޮމާޝަލް ބޭންކުތަކުން ވަނީ ޕާކިސްތާނަށް 2.9 ބިއަން ޑޮލަރުގެ ލޯނު ދީފަ އެވެ.