ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން
ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން

ސަންޖޭ ލީލާ ބާންސާލީގެ އަލަށް ފަށާ ފިލްމު "ޕަދުމާވަތީ" ކުޅެދޭ އަގު ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައިވާ ދީޕިކާ ޕަދުކޯން މިހާރު ވަނީ ބޮޑުކޮށްފަ އެވެ. ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ މި ފިލްމު ކުޅެދޭން އެއްބަސްވެފައި ވަނީ 15 ކްރޯޑު (150 މިލިއަން ރުޕީސް) އަށެވެ.

ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން
ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން

ފިލްމު އިންޑަސްޓްރީގައި ތިބި ދީޕިކާގެ އެންމެ ބޮޑު ވާދަވެރިން ކަމަށް ޕްރިޔަންކާ ޗޯޕްރާ އާއި ކަރީނާ ކަޕޫރު ފަދަ ބަތަލާއިން މިހާރު ފިލްމަކަށް ނަގަނީ ނުވަ ކްރޯޑު (90 މިލިއަން ރުޕީޒް) އެވެ.

"ޕީކޫ" ފަދަ މޮޅު ފިލްމުތައް ކުޅެގެން މިދިޔަ އަހަރު ގިނަ އެވޯޑުތަކެއް ގެންދިޔަ ދީޕިކާގެ ފިލްމީ ކެރިއަރަށް ފާއިތުވީ ދެ އަހަރު ދުވަސް ތެރޭ ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައި ވާއިރު ފާޑުކިޔުންތެރިން ވެސް އެ ފިލްމުތަކުގައި ދީޕިކާ ދައްކާފައިވާ މޮޅު ހުނަރަށް ތައުރީފު ކޮށްފައިވެ އެވެ.

ނަމަވެސް ޕްރިޔަންކާ ގެ ފަހަތުން ދީޕިކާ ހޮލީވުޑަށް ދާން ނިންމި ނިންމުމަކީ އެހާ ރަނގަޅު ނިންމުމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ހޮލީވުޑް ފިލްމު ނިންމާފައި އެނބުރި މުމްބައި އަށް ގޮސް ދީޕިކާ ސޮއިކުރި ފުރަތަމަ ފިލްމާއެކު ފާޑުކިޔާ މީހުންގެ އަނގަ ވަނީ ބެދިފަ އެވެ. ސަބަބަކީ އޭނާ ސޮއިކުރީ ބާންސާލީގެ ފިލްމެއްގައި ކަމަށް ވެފައި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ރަންވީރު ސިންގް އާ އެކު އަނެއްކާވެސް ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ދީޕިކާ ހޯދާފައި ވާތީ އެވެ.

ޚަބަރު ލިބޭ ގޮތުގައި ޕްރިޔަންކާ ވެސް މި ރޯލަށް ވަރަށް ޝައުގުވެރިވެގެން އުޅުނެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން ފިލްމު ލިބުނީ ދީޕިކާ އަށެވެ. އަދި އެވެސް ކުރިން ފިލްމު ކުޅެދޭ އަގަށް ވުރެ މާ ބޮޑު އަގަކަށެވެ. އެއާއެކު ކަންގަނާ ރަނާވަތު، އާލިއާ ބަޓް، ކެޓުރީނާ ކައިފް، ކަރީނާ ކަޕޫރު އަދި ޕްރިޔަންކާ ފަހަތަށް ޖައްސާލުމަށް ފަހު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ތަރީގެ މަގާމު ވެސް ދީޕިކާ އަށް ލިބުނީ އެވެ.

ކަންގަނާ "ރަންގޫން" ކުޅެދެނީ 11 ކްރޯޑު (110 މިލިއން ރުޕީޒް)އަށް ކަމަށާއި އެހެންވެ ކަންގަނާ އަކީ މިހާރު އެންމެ އަގުބޮޑު ބަތަލާކަމަސް ތަންކޮޅެއް ކުރިން ނޫސްތަކުގައި ލިޔެވުނަސް ފަހުން އެއީ ދޮގު ޚަބަރެއްކަން ވަނީ ފަޅާއަރާފަ އެވެ. ހަގީގަތުގައި އެ ފިލްމު ކަންގަނާ ކުޅެދޭނީ އެންމެ ތިން ކްރޯޑު ރުޕީސް އަށެވެ.

އެންމެ ޒުވާން ބަތަލާއިންގެ ތެރެއިން އާލިއާ ބަޓް އަށް ވެސް ލިބެނީ 3-5 ކްރޯޑު (30-50 މިލިއަން ރުޕީސް) އެވެ.