01 ޖުލައި 2018 - 12:58

ނިއު ދިއްލީ (ޖުލައި 1) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ 11 މެންބަރުން މަރުވެފައި ވަނިކޮށް މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އޭގެ ތެރޭން 10 މީހެއްގެ އަތް ވަނީ ފުރަގަހަށްވާ ގޮތަށް ބަނދެފައި ކަމަށެވެ. އަދި އެ މީހުން ތިބީ ސީލިންގައި އެލުވާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އުމުރުން ދުވަސްވީ މީހަކު އޮތީ ބިންމަތީގަ އެވެ. އަދި މީގެ ތެރޭން ގިނަ މީހުން ތިބީ ކަނު ބަނދެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވި މީހުންގެ ތެރޭން ހަތް މީހުންނަކީ އަންހެނުންނެވެ. ދެން ތިބީ އުމުރުން 75 އަހަރުގެ މީހަކާއި ދެ ކުދިންނެވެ.
މަރުވެފައިވާ މީހުން ތިބި ގެއަށް ވަޑައިގެންނެވި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ފުލުހުންނަށް އޭނާ މިހާރު ގުޅާފައިވާ ކަމަށާއި ތަހުގީގު ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން އަމިއްލަ އަށް މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެއް އާއިލާގެ ބަޔަކު މަރުވެފައިވާކަން އެނގުނީ އެ އާއިލާ އިން ހިންގާ ތަރުކާރީ ފިހާރަ މިއަދު ނުހުޅުވުމުންނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު ހައެއް ޖަހާއިރު ހުޅުވާ ފިހާރަ 7:30 ގައި ވެސް ނުހުޅުވުމުން އަވަށްޓެރިއަކު ގޮސް އެ ގޭ ޗެކްކުރި އިރު އެންމެން ތިބީ މަރުވެފަ އެވެ. ފުލުހުންނަށް ރިޕޯޓް ކުރީ އަވަށްޓެރިންނެވެ.
މަރުވެފައިވާ މީހުންގެ ހަށިތައް މިހާރު ވަނީ ޕޯސްޓްމޯޓަމް ހަދަން ގެންގޮސްފަ އެވެ.