02 ޖުލައި 2018 - 21:59

ބީނޯސް އޭރީޒް، އާޖެންޓީނާ (ޖުލައި 2) - މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަައް ދަށްވެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ މަގާމުން އިސްތިއުފާދޭން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން އެކަންޏެވެ. އަނެއް ދެ މެޗުގެ ތެރެއިން އައިސްލެންޑާ 1-1 އިން އެއްވަރުވި އިރު، ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި މުބާރާތުން ކެޓީ މިދިޔަ ހޮނިހިރު ދުވަހު ފްރާންސް އަތުން 4-3 އިން ބަލިވުމުންނެވެ.
އެ މެޗަށް ފަހު ސަމްޕައޮލީ ބުނީ އާޖެންޓީނާ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކާމިޔާބުގެ މަގަށް އަލުން އެ ޓީމު ގެންގޮސްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާ އަށް އެބައޮތް ކަމަށެވެ. އެކަމަކު އާޖެންޓީނާގައި ސަމްޕައޮލީ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް އިތުރުވަމުންދާތީ ދާދި ފަހުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ ސަމްޕައޮލީއާ ބައްދަލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ބައްދަލުވުމުގައި ސަމްޕައޮލީ ވަނީ މަގާމުން ވަކިވުމާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ.
އާޖެންޓީނާގެ ކޯޗުކަމާ ސަމްޕައޮލީ މިދިޔަ އަހަރުގެ ޖޫން މަހު ހަވާލުވީ އޭރު އެ މަގާމުގައި ހުރި އެޑުގާޑޯ ބައުޒާ ވަކިކުރުމުންނެވެ. ސަމްޕައޮލީ ހަވާލުވީ އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ. އެކަމަކު ޓީމުގެ ހާލަތު ރަނގަޅުކޮށް އޭނާ ވަނީ އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އާޖެންޓީނާ ކޮލިފައިވީ ފަހު މެޗުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު 3-1 އިން އެކުއެޑޯ އަތުން ހޯދި މޮޅާ އެކު އެވެ.
މި ފަހަރުގެ މުބާރާތް ފެށެން ކުޑަ ދުވަސް ކޮޅަކަށްވެފައި އޮއްވައި ސަމްޕައޮލީ އަށް ދިމާވި އެންމެ ބޮޑު ހިތްދަތިކަމަކީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އާއި މިޑްފީލްޑަރު މެނުއަލް ލަންޒީނީ އަށް އަަނިޔާވެ ވޯލްޑް ކަޕް ގެއްލުމެވެ. އަނެއްކޮޅުން ރަނގަޅު ފޯމެއްގައި ހުރި މައުރޯ އިކާޑީ އަށް ޓީމުން ފުރުސަތު ނުދިނުމުން ސަމްޕައޮލީ އަށް އޮތް ޕްރެޝަރު ދެގުނަވި އެވެ.
ވޯލްޑް ކަޕުން ކަޓައިގެން ދިޔައިރު އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު އެއް ކަމަކީ ޔުވެންޓަސްގެ ތަރި ޕައޮލޯ ޑީބަލާ އަށް ފްރާންސް މެޗުގައި ކުޅުމުގެ ފުރުސަތު ނުދިނުމެވެ. ޑީބަލާ އަށް ފުރުސަތު ނުދެނީ އޭނާ އަކީ ސީދާ މެސީއާ އެއް މަގާމަކަށް ކުޅޭ ކުޅުންތެރިއަކަށްވާތީ ކަމަށް ސަމްޕައޮލީ ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ހަވިއޭ މަޝެރާނޯ ވަނީ އާޖެންޓީނާ އަށް ކުޅުން ހުއްޓާލައިފަ އެވެ. އަދި މިއީ މެސީ އެ ޓީމުން ފެންނާނެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މުބާރާތް ފެށުމުގެ ކުރިން އޭނާ ވަނީ ބުނެފަ އެވެ.