30 ޖުލައި 2016 - 13:16

ހަތަރު އަހަރުގެ ކުޑަކުޑަ ބޭޒިދު ހުސެއިން ވައްތަރީ 80 އަހަރުގެ މުސްކުޅިއަކާ އެވެ. މިއީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ޒާތުގެ ބައްޔެއްގެ ޝިކާރައަކަށް ވުމުގެ ސަބަބުން މި ކުއްޖާއަށް ދިމާވެފައިވާ ކަމެކެވެ.

ބަންގްލަދޭޝްގެ ދެކުނުގައިވާ މަގުރާ ކިޔާ ހިސާބެއްގައި އުޅޭ މި ކުޑަ ކުއްޖާގެ މޫނު ހުންނަނީ ދުޅަވެފަ އެވެ. ލޯ ވަޅުވަދެ ހަންގަނޑުގައި ރޫޖެހިފަ އެވެ. ހުޅުތަކުގައި ވަރަށް ރިއްސަ އެވެ. ކުޑަކަމުދާން ވަރަށް އުނދަގުލެވެ. އަދި ކަށިތަކާއި ދަތްތައް އިންތިހާއަށް ބައްޔެވެ.

ބޭޒީދު އާ ބެހޭ ގޮތުން މެއިލްއޮންލައިން ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ބޭޒީދު އަކީ އެވްރެޖް ވަރެއްގެ ވިސްނުމެއް ހުންނަ ކުއްޖެކެވެ. އޭނާ ދިރިއުޅޭ ހިސާބުގެ މީހުން އޭނާ އުޅޭ ހިސާބަށް ދާކަށް ވެސް ބޭނުމެއް ނުވެ އެވެ. އަދި ކުޑަކުދިން އޭނާއާ އެކު ކުޅެން ބިރުގަނެ އެވެ.

މި ކުއްޖާއަށް ޖެހިފައިވަނީ ޕްރޮޖީރިޔާ ކިޔާ ބައްޔެކެވެ. މި ބަލީގައި އޭނާގެ ހަށިގަނޑަށް ބަދަލު އަންނަމުން ދަނީ އުމުރުން ދުވަސްވާއިރު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އަށް ގުނަ ހަލުވި ބާރުމިނެއްގަ އެވެ.
އެފް ސްކޮޓް ފިޒްގެރަލްޑްގެ ވާހަކަ އާއި ބްރެޑް ޕިޓް ގެ ފިލްމު "ދަ ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓްން" އަކީ ބޭޒީދު އަށް ޖެހިފައިވާ ބަލި ކަމަށްވާ ޕްރޮޖީރިއާ ބަލި ޖެހިފައިވާ ކުއްޖަކާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމުތަކެވެ. އަދި ހިންދީ ފިލްމެއް ކަމަށްވާ "ޕާ"ގައި އަމީތާބު ބައްޗަން ވެސް މި ބަލި ޖެހިފައިވާ ކުއްޖެއްގެ ރޯލު އަދާކޮށްފައިވެ އެވެ.
ޕްރޮޖީރިއާ ޖެހިފައިވާ ކުދިން މާގިނަ ދުވަހަކު ދުނިޔެއަކު ނުތިބެ އެވެ. އެންމެ ގިނަވެގެން ވެސް ތިބެނީ 13 ވަރަކަށް އަހަރު ވަންދެނެވެ. އާއްމުކޮށް މިފަދަ ކުދިން ސްޓްރޯކެއް ނުވަތަ ހާޓް އެޓޭކެއް ޖެހިގެން ޅަ އުމުރުގައި މަރުވެ އެވެ.
ބޭޒީދުގެ މަންމަ ޓްރިޕްތީ ޚާތޫން އަކީ ވެސް އަދި އެންމެ 18 އަހަރުގެ ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ކުޅަދާނަ ކުއްޖެކެވެ. ނަމަވެސް ދަރިފުޅުގެ ސިފައަށް އަންނަ ބަދަލުން އޭނާ ވަނީ ހިތް ހަލާކުވާ ވަރަށް ދެރަވެފަ އެވެ.
ބޭޒީދުގެ މަންމަ ބުނި ގޮތުގައި ބޭޒީދުއަށް ހިނގަން ދަސްވީ ތިން އަހަރު ފުރުނު ފަހުންނެވެ. ނަމަވެސް ތިން މަސް ވީއިރު އަނގައިގެ ހުރިހާ ދަތެއް ހަމަވެއްޖެ ކަމަށް އޭނާ ބުންޏެވެ.
ދަރިފުޅުގެ ހަށިގަނޑުގެ ހެދިބޮޑުވުމުން އާދައިގެ ގޮތަކަށް ނުދާ ކަމަށާއި ނަމަވެސް ވަރަށް ރީތިކޮށް ވާހަކަ ދައްކާ ކަމަށާއި ނަފްސާނީ ގޮތުން މައްސަލައެއް ނެތް ކަމަށް ވެސް ބޭޒީދުގެ މަންމަ ބުންޏެވެ. ނަމަވެސް ދަރިފުޅު އޭނާގެ އުމުރުގެ އެހެން ކުދިންނާ އެއް ސިފައެއްގައި ނުހުރެ މުސްކުޅި މީހެއްގެ ސިފަ ޖަހާތީ ޓްރިޕްތީ ޚާތޫން ވަރަށް ދެރަވެ އެވެ.
ބޭޒީދު އުފަންވީ ބަންގްލަދޭޝްގެ ސަރުކާރު ހޮސްޕިޓަލެއްގައި 2012 ވަނަ އަހަރު އެވެ.
ދަރިފުޅަށް ޖެހިފައިވާ ބައްޔަށް ބޭސްކުރަން އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނަށް ނޭނގުމަކީ ޓްރިޕްތީ އާއި އޭނާގެ ފިރިމީހާ ލޮވެލޫ ހަސަން، 22، އެންމެ ދެރަވާ މައްސަލަ އެވެ.
ޓްރިޕްތީ ބުނި ގޮތުގައި ދަރިފުޅު ވިހެއުމަށްފަހު ފުރަތަމަ ފެނުނު ވަގުތު އޭނާ ވެސް ބިރުގަތެވެ. ބަލާބެލުމަށް ހީވަނީ އޭލިއަން ހެން ކަމަށާއި އެވަގުތު އޭނާގެ ހިތް ކުދިކުދިވެގެން ދިޔަ ކަމަށް ޓްރިޕްތީ ބުންޏެވެ.
ޓްރިޕްތީ ބުނި ގޮތުގައި ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނަކަށް އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބައްޔަށް ކުރާނެ ބޭހެއް ނޭނގުނެވެ. އެފަދަ ކުއްޖަކު މީގެ ކުރިން ނުދެކޭ ކަމަށް ޑޮކްޓަރުން ބުނި ކަމަށްވެ އެވެ. އަދި އެމީހުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޑޮކްޓަރުން ޓްރިޕްތީ އާއި އޭނާގެ ފިރިމީހާ ގާތު ބުންޏެވެ.
ޓްރިޕްތީ ވިހައިގެން ގެއަށް ދިއުމާ އެކު އޭނާއަށް ލިބުނީ އާދައިގެ ކުއްޖެއް ނޫންކަމަށް ބުނެ މުޅި އެހިސާބުގަނޑުގައި އަޑު ފެތުރުނެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ދަރިފުޅު ދެކެން އަވަށްޓެރިން އެގޭ ދޮށުގައި ކިއު ހެދި އެވެ.
ގިނަ ބަޔަކު ދަރިފުޅު ދެކެން އެގޭ ދޮށަށް ދިޔަ ނަމަވެސް މީހެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް މި ދެމަފިރިންނަކަށް ނުލިބުނެވެ. އޭގެ ބަދަލުގައި އަވަށްޓެރިން ވެސް އެކި ފާޑުގެ ވާހަކަ ދައްކަން ފެށި އެވެ.
"ގިނަ މީހުން ބެއިޒީދުއާ ކައިރިވާން ބިރުގަނޭ. އަދި އަހަރެމެން ދެމަފިރިންނަށް އެކުއްޖާ ބެލިދާނެތޯ ވެސް ގިނަ ބަޔަކު ޝައްކު ކުރޭ."
ޓްރިޕްތީ އާއި ފިރިމީހާ އަކީ ދެބެންގެ ދެދަރިންނެވެ. ބަންގްލަދޭޝްގެ ރަށްފުށުގެ ހިސާބުތަކުގައާއި ސައުތު އޭޝިއާގެ ބައެއް ގައުމުތަކުގައި އާއިލީ ގޮތުން މިހާ ގާތް މީހުންނާ ކައިވެނި ކުރުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. އެގޮތުން ޓްރިޕްތީ ކައިވެނި ކުރިއިރު އޭނާއަށް އެންމެ 13 އަހަރެވެ.
އާއިލީގޮތުން މިހާ ބޮޑަށް ގާތް ވުމަކީ ވެސް ލިބޭ ދަރިންނަށް މިފަދަ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ވަރަށް ގިނަ ސިއްހީ މާހިރުން ވެސް އެއްބަސްވެ އެވެ.
ޓްރިޕްތީގެ ދެމަފިރިން ދަރިފުޅާ އެކު މިހާރު ދިރިއުޅެނީ ޓްރިޕްތީގެ ފިރިމީހާ ލޮވެލޫގެ މައިންބަފައިން ކަމަށްވާ ހާޝިމް ޝިކްދަރް، 50، އާއި އައިޝާ ބޭގަމް، 40، އާއެކުގައި ފިރިމީހާގެ ގޭގަ އެވެ.
ބެއިޒީދުގެ އުމުރުގެ އެހެން ކުދިންނަށް ވުރެ ބެއިޒީދު ބޮޑުވާލެއް އެތައް ގުނައެއް އަވަސްވެފައި ވިސްނުން ތަރައްގީވާލެއް ވެސް މާ އަވަހެވެ.
ޓްރިޕްތީ ބުނި ގޮތުގައި ބެއިޒިދު ވަރަށް ބޯހަރެވެ. އޭނާ ބުނާ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ކުރިޔަކަ ނުދޭނެ އެވެ. އަދި ކެތްތެރިކަން ވެސް އެހާ ކުޑަ އެވެ. ނަމަވެސް ކުޅެ މަޖާކޮށް ވެސް ހަދާނެ އެވެ. ވަރަށް އަނގަތަޅާ ވިސްނުން ތޫނު ވެސް ކުއްޖެކެވެ.
އަވަށްޓެރިން ވެސް މިހާރު ބެއިޒީދު އަބަދު ފެންނާތީ އެހާ ބޮޑަކަށް އޭނާ ދެކެ ބިރުންނެއް ނޫޅެ އެވެ. އެމީހުން ލޯބިން ބެއިޒީދު އަށް ގޮވަނީ "އޯލްޑް މޭން" އޭ ކިޔާފަ އެވެ.
ބެއިޒީދު ސްކޫލަށް ނުދިޔަނަމަވެސް ބޯޅަ ކުޅެ އަދި ކުރަހާ ވެސް ހަދަ އެވެ. އަދި ގަނެދޭ ކުޅޭ އެއްޗެހި ހަލާކުކޮށް ހަދަ އެވެ. އެއީ އަލުން އެ އެއްޗެތި މަރާމާތުކޮށް ހެދުމަށެވެ.
ޓްރިޕްތީގެ ފިރިމީހާ ލޮވެލޫ އަކީ މަސައްކަތު މީހެކެވެ. މަސައްކަތްކޮށްގެން މަހަކު 5000 ރުޕީޒް (50 ޑޮލަރު) ލޮވެލޫ އަށް ލިބެ އެވެ.
ލޮވެލޫ ބުނި ގޮތުގައި ބެއިޒީދު ލިބުނުފަހުން އެކި އެކި ޑޮކްޓަރުންނަށް ދައްކައިގެން ބޭސްކުރުމަށް މިހާތަނަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުޕީޒް (4000 ޔޫއެސް ޑޮލަރު) ވަނީ ޚަރަދު ކޮށްފަ އެވެ. ނަމަވެސް ދަރިފުޅުގެ ބައްޔަށް އެއްވެސް ވަރެއްގެ ފަރުވާއެއް ނުލިބެ އެވެ.
ދަރިފުޅުގެ ބަލި ހާލާއި އޭނާ މާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަން އެނގުމުން އެމީހުންގެ ހިތަށް ކުރާ އަސަރު އެނގޭނީ އެފަދަ ކަމެއް ދިމާވެފައިހުރި މީހަކަށް ކަމަށް ލޮވެލޫ ބުންޏެވެ.
ނަމަވެސް ދަރިފުޅަށްޓަކައި ލޮވެލޫ ފަޚުރުވެރިވެ އެވެ. އޭނާގެ ދަރިފުޅު އެ އުމުރުގެ އެހެން ކުދިންނަށް ވުރެ މާ ވިސްނުންތޫނު ކަމަށް ލޮވެލޫ ގަބޫލު ކުރެ އެވެ.
ކުޑަ ކުޑަ ބެއިޒީދު އަށް ވެސް އޭނާގެ ހާލަތު އެނގޭ ކަމަށާއި ނަމަވެސް އެނގޭ ކަމަށް ނުހަދާ ހުންނަ ކަމަށް ލޮވެލޫ ބުންޏެވެ.
"މާބޮޑަށް ދެރަވެއްޖިއްޔާ ރޯނީ،" ލޮވެލޫ ބުންޏެވެ.
އެމީހުންގެ ފަގީރުކަމުން ބެއިޒީދުއަށް ބޭނުންވާ ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުކޮށްދެވޭކަމަށް ލޮވެލޫ ގަބޫލު ކުރެ އެވެ. އަދި އޭނާގެ އަންހެނުން އަބަދު ރޮވިފައި އިންނަ މަންޒަރު ފެންނާތީ ހިތާމަކުރާ ކަމަށް ވެސް ލޮވެލޫ ބުންޏެވެ.
"ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް އުންމީދަކަށް ވާނީ އެމީހުންގެ ދަރިފުޅު ސިއްހަތު ރަނގަޅުކޮށް ދިގު އުމުރެއް ދުނިޔޭގައި ހޭދަކުރާތަން ދެކެލުން،" ލޮވެލޫ ބުންޏެވެ.