01 ޖުލައި 2018 - 11:41

ވޮޝިންޓަން (ޖުލައި 1) - އީރާނުގެ ވެރިކަން ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ރޫޑީ ޖިއުލިއާނީ އާއި ނިއުޓް ގިންގްރިޗް ގޮވާލައްވައިފި އެވެ.

ނިއު ޔޯކުގެ ކުރީގެ މޭޔަރު ޖިއުލިއާނީ އާއި ހައުސްގެ ކުރީގެ ސްޕީކަރު ގިންގްރިޗް ވިދާޅުވީ އީރާނުގައި ކުރިއަށް ވުރެ މުޒާހަރާތައް ގިނަވުމާ އެކު އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ބަދަލު ކުރުން ގާތްވަމުންދާ ކަމަށެވެ. އީރާނުގެ އިދިކޮޅު ފަރާތްތަކުން ޕެރިހުގައި ބޭއްވި އެއްވުމެއްގައި ޖިއުލިއާނީ އާއި ގިންގްރިޗް ވިދާޅުވީ އީރާނާ ދެކޮޅަށް އިތުރަށް ދަތި ކުރަން ޔޫރަޕުގެ ގައުމުތަކުގެ އެއްބާރުލުން ހޯދުމުގެ މަސައްކަތް ޓްރަމްޕް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މެދުއިރުމައްޗަށް އޮތް ހައްލަކީ ޚުދުމުޚްތާރު ވެރިކަން ޑިމޮކްރެސީއަކަށް ބަދަލު ކުރުން. އެއީ އެމެރިކާގެ އަމާޒަކީ،" ފްރީ އީރާން ރެލީގައި ގިންގްރިޗް ވިދާޅުވި އެވެ.
އީރާނާ އެކު ވިޔަފާރި ކުރަމުންދާ ގައުމުތަކަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އީރާނާ އެކު ވިޔަފާރި ކުރަމުންދާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ޖިއުލިއާނީ ވަނީ ގޮވާލައްވައިފަ އެވެ.
ޕެރިހުގެ އެއްވުން އިންތިޒާމްކޮށްފައި ވަނީ ގައުމުން ބޭރުގައި ދިރިއުޅޭ އީރާނުގެ އިދިކޮޅު އިސް ފަރާތްތަކުންނެވެ.
ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނެ ތެހެރާނުގެ ގްރޭންޑް ބާޒާރުގައި ހޯމަ ދުވަހު ވަނީ ބޮޑު މުޒާހަރާއެއް ކޮށްފަ އެވެ.