ބޭރުގެ ފަނޑިޔާރުން އައްޔަން ކުރުން: 10 އަހަރު ފަހުން އަނެއްކާވެސް އެ ބަހުސް
ބޭރުގެ ފަނޑިޔާރުން އައްޔަން ކުރުން: 10 އަހަރު ފަހުން އަނެއްކާވެސް އެ ބަހުސް

މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރެވެ. އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު، ސުޕްރީމް ކޯޓު އުފެއްދުމުގެ މަސައްކަތް އޭރު ދިޔައީ ކުރިއަށެވެ. އޭރު އިދިކޮޅު ޕާޓީ އެމްޑީޕީން ގޮވާލަމުން ދިޔައީ ސުޕްރީމް ކޯޓުގެ ބެންޗަށް ބޭރުގެ ފަނޑިޔާރުން ވެސް އައްޔަން ކުރުމަށެވެ.

ބޭރުގެ ފަނޑިޔާރުން އައްޔަން ކުރުން: 10 އަހަރު ފަހުން އަނެއްކާވެސް އެ ބަހުސް
ބޭރުގެ ފަނޑިޔާރުން އައްޔަން ކުރުން: 10 އަހަރު ފަހުން އަނެއްކާވެސް އެ ބަހުސް

އެކަމަކު އޭރު ވެރިކަން ކުރި ޑީއާރުޕީގެ އިތުރުން އަދާލަތު ޕާޓީ އާއި އެހެން ބައެއް ޕާޓީތަކުން އެކަމާ ދެކޮޅުހެދި އެވެ. އާ ގާނޫނު އަސާސީގެ ފޮނި މީރުކަން ދިވެހިން ހޯދަމުން ދަނިކޮށް، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް އެހެން ގައުމެއްގެ މީހަކު އައްޔަން ކުރުމަކަށް ގިނަ ބަޔަކު ބޭނުންނުވީ އެވެ.

އެކަމަކު އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް މިހާރު މިއޮތީ އެ ބަހުސް ފެށިފަ އެވެ.

ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ވެސް ފަނޑިޔާރު ކަމަށް ބޭރު ގައުމެއްގެ ރައްޔިތަކު އައްޔަން ކުރަން ހުރަހެއް ނެތެވެ. ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ބަޔާން ކޮށްފައިވާ ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައި، ފަނޑިޔާރުން ދިވެއްސަކަށް ވާން ޖެހޭނެ ކަމަކަށް ބުނެފައެއް ނޯވެ އެވެ. ފަނޑިިޔާރުންގެ ގާނޫނުގައި ވެސް އެހެންނެއް ނެތެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހިފައިގެން ނިކުތް މެނިފެސްޓޯގައި، ޝަރުއީ ނިޒާމަށް އެ ޕާޓީން ހުށަހަޅާ އެންމެ ބޮޑު އެއް ބަދަލުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކަށް ބޭރު ގައުމުތަކުގެ ފަނޑިޔާރުން އައްޔަން ކުރުން ހިމެނެ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ޚިޔާލަކީ އެއީ ކަމަށް ވިޔަސް، އެކަމާ މެދު އެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވިސްނުން އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން އެކަމާ ދެކޮޅެވެ. ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވެސް ގެންދަވަނީ ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކުރުމާ ދެކޮޅަށް ޚިޔާލު ފާޅުކުރައްވަމުންނެވެ.

ރާއްޖޭގެ ކޯޓެއްގައި މީގެ ކުރިން ބޭރު ގައުމެއްގެ ރައްޔިތަކު ފަނޑިޔާރު ކަން ކޮށްފައެއް ނެތެވެ. އެކަމަކު އެވަރުގެ ބޮޑު ނިިންމުމަކާ ހަމައަށް ދިއުމުގެ ކުރިން އުފެދޭ ސުވާލަކީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރަން ޖެހޭނީ ދިވެހިން ކަމަށް ގާނޫނު އަސާސީގައި އޮންނައިރު، ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުން ލާޒިމް ކޮށްފައި ނެތީ ކީއްވެގެން ހެއްޔެވެ؟. އަދި ގާނޫނު އަސާސީގައި އެހެން އޮތަސް، ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟. ރާއްޖޭގެ ގާނޫނީ ބޭފުޅުންގެ ތެރޭގައި އިލްމީ ގޮތުން ގާބިިލް ބޭފުޅުން ނެތީ ހެއްޔެވެ؟.

ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ފަނޑިޔާރުގެ ޝަރުތުތައް ގާނޫނު އަސާސީގައި ލިޔުނުއިރު ދިވެއްސަކަށްވުން ޝަރުތު ކޮށްފައި ނެތީ ބޭރުގެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށެވެ. ޚާއްސަ މަޖިލީހުގެ ވިސްނުން އޭރު ހުރީ ބޭރުގެ ފަނޑިޔާރުންނަށް ރާއްޖެއިން ފުރުސަތު ދިނަސް، މުސްލިމަކަށްވުން ޝަރުތު ކުރުމަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ޚާއްސަ މަޖިލީހުގައި ވަރަށް ބޮޑަށް ބަހުސް ކުރި ކަމެއް މިއީ. މިހާރު ވެސް މުސްލިމް ބޭރުގެ ފަނޑިޔާރުންގެ ތެރޭގައި އެބަތިއްބެވި ވަރަށް އިލްމީ ގޮތުން ގާބިލް އަދި މަޝްހޫރު ބޭފުޅުން. އެފަދަ ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި އެގޮތަށް ގާނޫނު އަސާސީގައި ލިޔުނީ. އެއްވެސް ހާލެއްގައި ޣައިރު މުސްލިމުން ފަނޑިޔާރުންނަށް ފުރުސަތު ދިނުމަކަށް ނޫން އެއީކީ. ހަމަ މުސްލިމުންނަށް އެކަނި އެ ފުރުސަތު ދިނުމަށްޓަކައި،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު ކަމަށް އެކަށީގެންވާ އިލްމީ ބޭފުޅުން ރާއްްޖޭގައި މިހާރު ވެސް އެބަތިއްބެވި އެވެ. ރާއްޖޭގެ ކަންކަން އޮތް ގޮތުން އިލްމީ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފުރުސަތު ނެތީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެފަދަ ބޭފުޅުންނަށް ފުރުސަތު ލިބޭ ނަމަ ބޮޑެތި އަދި އިލްމީ ނިންމުންތައް ނިންމޭނެ ވަރުގެ ޝަރުއީ ނިޒާމެއް ލިބިގެންދާނެ އޭނާ ވެސް ވިދާޅުވި އެވެ.

"ވަރަށް ގާބިލް އަދި އިތުބާރު ހިފޭ އިލްމީ ބޭފުޅުން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވި. އެކަމަކު އިލްމީ ކަންކަމަށް ވުރެ ބޮޑަށް އެހެން ކަންކަމަށް ބެލިގެން މިދަނީ މިއަދާ ހަމައަށް ވެސް. މިސާލަކަށް ސުޕްރީމް ކޯޓުގެ ބެންޗު 2010 ގައި އެކުލަވާލިއިރު އަޅުގަނޑު ލަފާ ދިނިން އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖެހޭނީ ޝާހީން ހަމީދު މެން ފަދަ ބޭފުޅެކޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޭރުގެ ފަނޑިޔާރުން ގެނައުމަށް ވުރެ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ތަފާތު ގައުމުތަކުން ގާނޫނީ އިލްމު ހާސިލް ކުރައްވައިގެން ތިބި ދިވެހިންނަށް ފުރުސަތު ދިނުމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކޮށް، ކޮމަންވެލްތުގެ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ ތިން ފަނޑިޔާރަކާއި އިސްލާމީ ގައުމުތަކުން މަތީ ތައުލީމް ހާސިލް ކުރާ ތިން ފަނޑިޔާރެއްގެ އިތުރުން ރާއްޖެއިން މަތީ ތައުލީމް ހާސިލްކުރާ އެއް ބޭފުޅަކު އައްޔަން ކުރުން މުހިންމު ކަމަށް ސުއޫދު ގަބޫލުކުރައްވަ އެވެ.

"މިގޮތަށް ކޮމްބިނޭޝަން ބަދަލުކޮށްފި ނަމަ ވަރަށް ވަރުގަދަ ނިންމުންތައް ނިންމޭނެ ތަނަކަށް ސުޕްރީމް ކޯޓު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލް މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި ބޭރު ގައުމުތަކުގެ މުސްލިމް ފަނޑިޔާރުން ގެނައުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އިތުބާރު ހިފޭ ނިޒާމަކަށް ހެދުމަށް ކުރުން މުހިންމު ކަމެކެވެ. އެކަމަކު އޭނާ ވިިދާޅުވާ ގޮތުގައި އެކަން ކުރަން ޖެހޭނީ ވަރަށް ދުރު ރާސްތާގެ ޕްރޮގްރާމްތަކެއް އެކުލަވާލުމާ އެކު ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އެފަދަ ނިޒާމެއްގެ ދަށުން ބޭރު ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކޮށްފި ނަމަ ރަނގަޅު ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ ފަނޑިޔާރުންނޭ ދެންނެވީމަ އެއީ ޣައިރު މުސްލިމުންގެ ވާހަކައެއް ނޫން. ބޭރުގެ ވެސް ލިބަރަލް ގައުމުތަކުގެ މުސްލިމް ފަނޑިޔާރުން އައްޔަން ކުރާ ވާހަކަ މިދަންނަވަނީ. އެހެންވެ، ރަނގަޅު ސްކްރީނިން ނިޒާމެއްގެ ތެރެއިން ގާބިލް ބޭރުގެ ފަނޑިޔާރުންތަކެއް މަސައްކަތް ކުރާ ގޮތަށް ހެދިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެނީ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މިހާރު ވެސް ފަނޑިޔާރު ކަމަށް ގާބިލް ބޭފުޅުން އެބަތިއްބެވި އެވެ. އެކަމަކު މައްސަލަ ދިމާވަނީ ޝަރުއީ ނިޒާމާ މެދު އިތުބާރު ކުޑަވުމުން ކަމަށް ވިދާޅުވި އެވެ. ޝަރުއީ ނިޒާމުގެ އިތުރުން އެހެން މުއައްސަސާތަކުގައި ވެސް މައްސަލަ އެބަހުރި ކަމަށާއި އެކަމަކު ޝަރުއީ ނިޒާމަކީ އިތުބާރު ހިފޭ ނިޒާމަކަށް ހެދިއްޖެ ނަމަ ވަރަށް ބޮޑެތި ކަންކަން ހައްލު ކުރެވިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދިވެހިންގެ ގާބިލްކަން ނެތީއެއް ނޫން. އިތުބާރު ނެތީމަ މައްސަލައަކީ. ޖުޑިޝަރީގައި އެކަންޏެއް ނޫން މައްސަލަ ހުރީކީއެއް. އެހެން މުއައްސަސާތަކުގައި ވެސް އެބަހުރި މައްސަލަތައް. އެކަމަކު ޗެކް އެންޑް ބެލެންސް ނިޒާމެއްގައި ޖުޑިޝަރީގެ ކަންކަން ރަނގަޅު ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ބައެއް ހައްލުވެގެން އެ ދިޔައީ،" މައުމޫން ވިދާޅުވި އެވެ.