އަކްޝޭ ކުމާރްގެ "ޓޮއިލެޓް" ގެ ވާހަކަ އަދި ނުނިމޭ
އަކްޝޭ ކުމާރްގެ "ޓޮއިލެޓް" ގެ ވާހަކަ އަދި ނުނިމޭ

މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރްގެ ކާމިޔާބު ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އަކްޝޭ ޓްވިޓާގައި ބުނީ ދެވަނަ ބްލޮކްބަސްޓާއަކަށް ތައްޔާރު ކަމަށާއި "ޓޮއިލެޓް 2" އިން މި ފަހަރު މުޅި އިންޑިއާ އަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ.

"ޓޮއިލެޓް" ވެގެން ދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސާފު ގައުމަކަށް ހައްދަވަން ފަށާފައިވާ "ސްވަޗް ބާރަތު" ކެމްޕޭނަށް ވެސް ލިބުނު ވަރަށް ބޮޑު ބާރަކަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މޯދީ ވަނީ އިންޑިއާގެ ރަށްފުށުގެ އަވަށްތަކުގައި ގިނަ އަދަދެއްގެ ފާހާނާތައް ގާއިމު ކުރުމުގެ މަޝްރޫއެއް އިއުލާން ކުރައްވައިފަ އެވެ.

އަކްޝޭ އާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅުނު "ޓޮއިލެޓް" އަކީ އިންޑިއާގެ ރަށްފުށުގައި ހަރުދަނާ ފާހާނާ ކުރުމުގެ ނިޒާމެއް ނެތުމުން ދިމާވާ މައްސަލަތަކެއް ކިޔައިދޭ އިޖުތިމާއީ ފިލްމެކެވެ. މި ފިލްމް ބަލާފައި މަހުޖަނު ބިލް ގޭޓްސް ވެސް ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.

ފިލްމްގައި ދައްކުވައި ދެނީ އަލަތު ކައިންވެންޏާ އެކު އަނބިމީހާ، ފިރިމީހާގެ ގެއަށް ބަދަލުވާ އިރު، ފާހާނާއެއް ނެތުމުން އަނބިމީހާ ގެ ދޫކޮށްފައި ދިއުމުން އޭނާ އަނބުރާ ގެންނަން ކުރާ މަސައްކަތެވެ. މި ފިލްމަކީ ޝްރީ ނާރަޔަން ސިންގް ޑައިރެކްޓް ކުރި ފިލްމެކެވެ.

އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "ޓޮއިލެޓް" އަށް ބޮކްސް އޮފީހުގައި 311.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމް ހަދަން ހަރަދު ކުރީ އެންމެ 18 ކްރޯޑް ރުޕީސް އެވެ.

"ޓޮއިލެޓް" ގެ ބޮޑު ކާމިޔާބީ އަށް ފަހު ނާރަޔަން އަންނަނީ މިހާރު ވެސް އިންޑިއާގައި ބޮޑުވެފައިވާ އިޖުތިމާއީ އެހެން މައްސަލައަކަށް ފިލްމެއް ހަދަމުންނެވެ. އެއީ ކަރަންޓް ބިލް ބޮޑުވާ މައްސަލަ ކިޔައިދޭ "ބައްޓީ ގުލް މީޓަރު ޗާލޫ" އެވެ.

އަންނަ އޮގަސްޓް 31 ގައި ރިލީޒް ކުރާ ފިލްމްގެ ތަރިންނަކީ ޝާހިދު ކަޕޫރާއީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ.

ފެބުރުއަރީގައި ރިލީޒް ކުރި "ޕެޑްމޭން" އަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޮގަސްޓް 15 ގައި ރިލީޒް ކުރާ "ގޯލްޑް" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ކެސަރީ"، "ހައުސްފުލް 4" އަދި 2.0" ހިމެނެ އެވެ.