01 ޖުލައި 2018 - 12:41

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ނަން، ވޯޓު ކަރުދާހުގައި އޮންނާނެތޯ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ އަރިހުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު އައްސަވައިފި އެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި މި ސުވާލު ކުރިމަތި ކުރެއްވީ، އިދިކޮޅުން ކިތަންމެ ގިނަ ރިޔާސީ ކެންޑިޑޭޓުންނާއި ރަނިން މޭޓުން ނެރުނަސް ރިޔާސީ އިންތިޚާބު ރައްޔިތުންގެ 52 ޕަސެންޓު ވޯޓުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވުމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އިސް މެމްބަރު ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީ އަށް ރައްޔިތުން ތާއީދު އެބައޮތް ކަމަށާއި އެހެންވެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.
ރައީސް ޔާމީނަށް 52 ޕަސެންޓު ވޯޓު ޔަގީންވާ ނަމަ، އަވަހަށް އިންތިޚާބު ބޭއްވުމަށް މަހްލޫފް ގޮވާލައްވައި، އެކަމަކު އެދިވަޑައިގަތީ ތިން ކަމެއް އޭނާ އަށް ސާފުކޮށްދެއްވުމަށެވެ.
ފުރަތަމަ ކަމަކަށް އެދިވަޑައިގަތީ، ސެޕްޓެމްބަރު، 23، ގައި އިންތިޚާބު ބާއްވާނެތޯ ޔަގީންކޮށް ދެއްވުމަށެވެ.
"އިބޫގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ؟ ގާނޫނުއަސާސީގައި ވާ ގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނާ ނަތީޖާ އިއުލާން ކުރާނަންތޯ؟" މަހްލޫފް ސުވާލު ކުރެއްވި އެވެ.
އިބޫގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ މަހްލޫފް އެއްސެވިއިރު، އިދިކޮޅު ކޯލިޝަނުން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ޝަރުތު ހަމަނުވާ ކަމަށް ސަރުކާރުން ކަނޑައަޅާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ.
މަހްލޫފްގެ މި ސުވާލުތަކަށް، ޖަވާބު ދެއްވަމުން، ވޯޓު ކަރުދާހުގައި އިބޫގެ ނަން އޮންނާނެތޯ ނުވަޔަ ނޫންތޯ ނިހާން ސީދާ ވިދާޅެއް ނުވެ އެވެ. ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ އަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކަށް ވާތީ އެއްޗެއް ވިދާޅު ނުވީ ކަމަށް ވެސް ވެދާނެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު އޮންނާނެ އެވެ. އެއާ އެކު، ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ ނަން ވެސް ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެފައިވާ ފަދަ މިނިވަން އިންސާފުވެރިކަން އީސީން ގެންގުޅޭނެ،" ނިހާން ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ވަނީ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރައިފަ އެވެ. އެހެންވެ، އިންސާފުވެރި އިންތިޚާބެއް ނުބާއްވާނެ ކަަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.