ސްރީ ލަންކާގެ ހޮޓާތައް ވިއްކާނެ އެންމެ ދަށް ރޭޓް އަންނަ އަހަރު އުވާލަނީ
ސްރީ ލަންކާގެ ހޮޓާތައް ވިއްކާނެ އެންމެ ދަށް ރޭޓް އަންނަ އަހަރު އުވާލަނީ

ސްރީ ލަންކާގެ ޓޫރިސްޓް ހޮޓާތަކުގެ ކޮޓަރިތައް ވިއްކޭނެ އެންމެ ދަށް ރޭޓް އުވާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ދިވެހިން އެންމެ ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުގެ ހޮޓާތަކުގެ ކޮޓަރި ވިއްކާނެ އެންމެ ދަށް ރޭޓް އަންނަ އަހަރުގެ މާޗް 31ގެ ފަހުން އުވާލަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރުތުންގާއާ ހަވާލާދީ ލަންކާގެ ނޫސްތަކުގައިވެ އެވެ.

ލަންކާ ބިޒްނަސް އޮންލައިންގައި ބުނީ، ހޮޓާތައް ވިއްކާނެ އެންމެ ދަށް ރޭޓް އުވާލަން ސަރުކާރުން ނިންމީ އެ ގައުމުގެ ޓޫރިޒަމް އަދި ވިޔަފާރީގެ އިސް ފަރާތްތައް ހިމެނޭ ޓޫރިޒަމް އެޑްވައިޒަރީ ކައުންސިލްގެ ލަފާގެ މަތިން ކަމަށެވެ. އެ ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މިނިމަމް ރޭޓް އުވާލަން ފެންނަ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ލަންކާ ބިޒްނަސް އޮންލައިންގައި ބުނެފައި ވަނީ ކުރިއާލައި ހޮޓާތަކުގެ ކޮޓަރިތައް ވިއްކަން ކޮންޓްރެކްޓް ހަދާފައިވާތީ، ކޮޓަރިތައް ވިއްކާނެ އެންމެ ދަށް ރޭޓް އުވާލަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ބޭނުން ވަނީ އަންނަ ފިނި މޫސުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ހޮޓާތަކުން ހަދާފައިވާ ކޮންޓްރެކްޓްތަކަށް އިހުތިރާމްކުރަން. އެހެންވެ އަޅުގަނޑުމެން ނިންމީ އަންނަ އަހަރުގެ މާޗް 31ގެ ނިޔަލަށް ފަސްކުރަން،" މިނިސްޓަރު އަމަރުތުންގާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލަންކާގެ ހުރިހާ ހޮޓާތަކުން ވެސް ބޭނުން ވަނީ ކޮޓަރިތައް ވިއްކާނެ އަގުތައް ކަނޑައެޅުން އެ ފަރާތްތަކަށް ދޫކޮށްލުމަށެވެ. އަދި ކޮޓަރިތައް ވިއްކާނެ އަގުތައް ކަނޑައެޅުމުން ސަރަހައްދީ ފަރާތްތަކާ ވާދަނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އަލަށް މިގެނައި ބަދަލާ ގުޅިގެން ކޮލަމްބޯ އަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިނިމަމް ރޭޓް އުވާލުމުން ހޮޓަލަކުން ބޭނުން ރޭޓެއްގައި ވިއްކިދާނެ. އެތަނެއްގެ ކޮލިޓީއަށް ބެލުމަށްފަހު 50 ޑޮލަރު ނުވަތަ 500 ޑޮލަރަށް ވެސް ވިއްކަންވީ. މާކެޓުން އަގުތައް ކަނޑައަޅާނީ. އޭރުން ޓޫރިސްޓުންނަށް އަގާ އެކަށީގެންވާ ތަންތަން ލިބެން ހުންނާނެ."

ލަންކާގެ ހޮޓާތައް ވިއްކާނެ އެންމެ ދަށް ރޭޓެއް ކަނޑައެޅީ އެ ގައުމުގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމާ ގުޅިގެންނެވެ. އޭރުގެ ސަރުކާރުން ނިންމާފައި ވަނީ ފަސް ތަރީގެ ފެންވަރުގެ ހޮޓަލެއްގެ ކޮޓަރިއެއް ދުވާލަކު ވިއްކަން ޖެހެނީ ޓެކްސްތައް ނުލައި މަދުވެގެން 125 ޑޮލަރަށް ކަމަށެވެ. އަދި ތިން ތަރީގެ ހޮޓާތައް ވިއްކަން ކަނޑައަޅާފައި ވަނީ ޓެކްސްއާއެކު 80 އާއި 85 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.