01 ޖުލައި 2018 - 10:44

އޮސްޓްރޭލިޔާގައި މިއަދު ބޭއްވި ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކުރި ރާއްޖޭގެ ކުޅަދާނަ ދިގު ދުވުންތެރިޔާ މުހައްމަދު ޝިފާޒް ގައުމީ މެރަތަން ރެކޯޑް އާ ކޮށްފި އެވެ.

ޝިފާޒުގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ހެދި ރެކޯޑް އޭނާ އާކުރީ ދުބާއީ މެރެތަންގައި މިދިޔަ ޖެނުއަރީ މަހު 2 ގަޑި 39:40 މިނެޓުން ދުވެގެންނެވެ.
އޭނާ މިއަދު އަނެއްކާވެސް އެ ރެކޯޑް އާ ކުރީ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެންނެވެ.
ގައުމީ ހާފް މެރަތަން ރެކޯޑް ވެސް މި ވަގުތު އޮތީ ޝިފާޒް އަތުގަ އެވެ. އޭނާ ވަނީ މި އަހަރުގެ މޭ 19 ގައި ނޭޕާލުގައި އޮތް ހާފް މެރަތަން ރޭސް 1 ގަޑި 14:01 މިނެޓުން ދުވެފަ އެވެ.
ރާއްޖޭގައި މުގުރާނުލެވި އެންމެ ގިނަ ދުވަހު އޮތް އެތުލެޓިކްސްގެ ރެކޯޑް ކަމަށްވާ ފިރިހެނުންގެ މެރެތަން ރެކޯޑް ނުވަ މަސް ތެރޭ ތިން ފަހަރަށް މުގުރާލާފައިވާ ޝިފާޒް ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދީ ސިފައިންގޭގެ އިތުރު ދުވުންތެރިންނާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.
ޝިފާޒުގެ އަތުގައި މެރެތަން އަދި ހާފް މެރެތަން ދުވުމުގެ ރެކޯޑް ވެސް އޮވެ އެވެ. ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.
ގޯލްޑް ކޯސްޓުގައި މިއަދު އޮތް ދުވުމުގައި ރާއްޖޭގެ ގިނަ ދުވުންތެރިންތަކެއް ވަނީ ދުވެފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ކްލަބްގެ ނަސްރުﷲ އަހުމަދާއި އަދި މުހައްމަދު ރަޝީދު (މޯޑު) ހިމެނެ އެވެ.
ގޯލްޑް ކޯސްޓްގެ ކުޑަކުދިންގެ ބައިގައި ރާއްޖޭގެ އުމުރުން 10 އަހަރުގެ އަބްސަލް އަބްދުﷲ އާދަމް ވަނީ، ރާއްޖޭގެ ނިސްބަތުން ވަރަށް ބާރަށް ދުވެފަ އެވެ. ހަތަރު ކިލޯމީޓަރުގެ މި ރޭސް އޭނާ ނިންމީ 16:02 މިނިޓުންނެވެ.