"ކެދަރްނާތު"ގެ މައްސަލައެއްގައި ވާޝޫ ގޮވައިގެން އަބީޝެކާއި ރޯނީ ކޯޓަށް
"ކެދަރްނާތު"ގެ މައްސަލައެއްގައި ވާޝޫ ގޮވައިގެން އަބީޝެކާއި ރޯނީ ކޯޓަށް

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުކުރާ ފިލްމް "ކެދަރްނާތު" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އޮތީ ޕޫޖާ އެންޓަޓައިންމަންޓްސް އަށް ކަމަށް ބުނެ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދެއްކި ވާހަކަތަކާ ގުޅިގެން ފިލްމްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަބިޝެކް ކަޕޫރާއި ޕްރޮޑިއުސަރު ރޯނީ ސްކޫރްވާލާ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސާރާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ ފިލްމްގެ މިހާރު ޕްރޮޑިއުސަރު ކުރަނީ ރޯނީގެ އާރްއެސްވީޕީ އާއި އަބީޝެކްގެ ގާ އިން ދަ ސްކައި ގުޅިގެންނެވެ.

ކުރިން މި ފިލްމްގައި ހިއްސާވީ ޕްރޭނާ އަރޯރާގެ ކްރިއާޖް އެންޓަޓައިންމަންޓާއި ބުޝަން ކުމާރްގެ ޓީ ސީރީޒެވެ.

ނަމަވެސް ކްރިއާޖާއި އަބީޝެކާ ދޭތެރޭ ޖެހުނު މައްސަލަތަކާ ގުޅިގެން، ފިލްމްގެ މިލްކުވެރިކަމާ ރޯނީ ހަވާލުވެ، ފިލްމަށް އިންވެސްޓް ކުރި ސްޓޫޑިއޯތަކަށް ބަދަލު ވެސް ވަނީ ދީފަ އެވެ.

އެކަމަކު ވާޝޫ ބުނަނީ ކްރިއާޖުން އޮތީ އޭނާއާ އެކު، "ކެދަރްނާތު" ޑިސްޓްރިބިއުޝަން ރައިޓްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އޭނާ ފިލްމަށް ހަރަދުތަކެއް ވެސް ކުރި ކަމަށެވެ.

މި މައްސަލާގައި އަބީޝެކާއި ރޯނީ ވަނީ ވާޝޫ ހަގީގަތެއް ނެތް ވާހަކަތަކެއް މީޑިއާތަކުގައި ދައްކާފައިވާ ކަމަށް ބުނެ ދައުވާ ކުރާނެ ކަމަށް ބުނެ މި މަހުގެ 20 އާއި 28 ގައި ދެ މީހުންގެ ނަމުގައި ވަކިވަކިން ވާޝޫ އަށް ސިޓީ ވެސް ފޮނުވައިފަ އެވެ.

އެ ސިޓީތަކުގެ ޖަވާބުގައި ވާޝޫގެ ޓީމުން ބުނީ ހެކި އެބަހުރި ކަމަށާއި ކޯޓަށް ލިޔުންތައް ހުށަހަޅާނެ ކަމަށެވެ.

ރޯނީ އާއި އަބިޝެކް ބުނި ގޮތުގައި ކްރިއާޖާއި ޕޫޖާއާ ދެމެދު މުއާމަލާތެއް ހިނގާފައި އޮތް ނަމަ، އޭގެ ބަދަލު ހޯދަން ދާން ޖެހޭނީ ކްރިއާޖަށެވެ. އަދި އެއީ އެ މީހުންނާ ބެހޭ މައްސަލައެއް ނޫން ކަމަށާއި މިހާތަނަށް "ކެދަރްނާތު" ގައި ވާޝޫގެ އެއްވެސް ބައިވެރިވުމެއް، ހިއްސާއެއް އޮތް ކަމަށް އެ މީހުންނަށް އެނގިފައެއް ނެތެވެ. އެހެންވެ ތިން ވަނަ ފަރާތަކަށް ފިލްމްގެ އެއްވެސް ކަމަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ބުންޏެވެ.

އަންނަ ނޮވެމްބަރު މަހުގެ 30 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ކެދަރްނާތު" ގެ ހުރިހާ ހައްގެއް އޮތީ އާރްއެސްވީޕީ އާއި ގާއި އިން ދް ސްކައިގައި ކަމަށް ދެ މީހުން ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ރޯނީ އާއި އަބީޝެކްގެ ވަކީލު ހިތޭޝް ޖެއިން ވެސް ބުނި ގޮތުގައި "ކެދަރްނާތު" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އޮތް ކަމަށް ބުނެ ވާޝޫ ދެއްކި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އަދި ކޯޓް މެދުވެރިކޮށް އެކަން އިތުރަށް ސާފުވެގެން ދާނެ ކަމަށް ބުންޏެވެ.

ވާޝޫ ވަނީ އަންނަ އޮގަސްޓް 3 ގައި ރިލީޒް ކުރާ އަނިލް ކަޕޫރާއި އައިޝްވާރިޔާ ރާއީގެ "ފެނީ ހާން" އާއި އެ މަހުގެ 31 ގައި ރިލީޒް ކުރާ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ވެސް ޑިސްޓްރިބިއުޝަން ރައިޓްސް އޮތީ އޭނާގެ ފިލްމް ކުންފުނީގައި ކަމަށް ބުނެފަ އެވެ. މި ދެ ފިލްމަކީ ކްރިއާޖާއި ޓީ ސީރީޒުން ގެނެސްދޭ ފިލްމްތަކެކެވެ.

"ފެނީ ހާން" ގެ ޕޯސްޓަރާއި ޓީޒާ ދައްކައިލި އިރު، ކްރެޑިޓް ދީފައި ނުވާތީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދީފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކްރިއާޖާއި ޓީ ސީރީޒުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ވާޝޫއަކީ ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޕްރޮޑިއުސަރެކެވެ.

އޭގެ ތެރޭގައި "ހީރޯ ނަމްބަރު 1"، "ބީވީ ނަމްބަރު 1" އަދި "ކޫލީ ނަމްބަރު 1" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ވާޝޫ" އަކީ "ފާލްޓޫ" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ޖެކީ ބަގްނާނީގެ ބައްޕަ އެވެ.