ސްޕެއިނަށް އޮތް ބިރަކީ 2002 ގެ ހަނދާންތައް!
ސްޕެއިނަށް އޮތް ބިރަކީ 2002 ގެ ހަނދާންތައް!

މޮސްކޯ (ޖުލައި 1) - މީގެ 16 އަހަރު ކުރިން، 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ސްޕެއިން ކުޅެން ޖެހުނީ އެ ފަހަރުގެ މުބާރާތް ބޭއްވި އެއް ގައުމު ކަމަށްވާ ދެކުނު ކޮރެއާއާ އެވެ. ސްޕެއިން އެ މެޗުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ނިންމައިފައި ވަނިކޮށް ޕެނަލްޓީ ޖަހައިގެން ކެޓިއިރު، އެ މެޗުގައި ހުރި ރެފްރީގެ ގިނަ ނިންމުންތަކެއް ދިޔައީ ސްޕެއިނާ ދެކޮޅަށެވެ. އޭރު ޓީމުގެ ކެޕްޓަނަކަށް ހުރި ޑިފެންޑަރު ފެނާންޑޯ ހިއޭރޯ އަކީ މިހާރުގެ ސްޕެއިނުގެ ކޯޗެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްޕެއިން ކުޅެން ޖެހޭނީ މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު ރަޝިއާއާ އެވެ. ހިއޭރޯ ބުނީ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، ރަޝިއާ އަށް އޮތް އެޑްވާންޓޭޖްތައް ގިނަވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ސްޕެއިނުން ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އަހަރެމެން މީގެ ކުރިން ވަނީ ހިތި ތަޖުރިބާއެއް ކޮށްފައި. އެއީ 2002 ވަނަ އަހަރު ކޮރެއާއާ ދެކޮޅަށް. އެ ފަހަރުގެ ހަނދާންތައް އެބަހުރި. މުބާރާތް ބާއްވާ ގައުމަށް ވަރަށް ބޮޑެތި އެޑްވާންޓޭޖްތައް ހުންނާނެ. އެގޮތުން ރަޝިއާ އަށް ހުރި ފަސޭހަތައް ވެސް ގިނަ. އަހަރެމެން އެ ކަންތައްތަކަށް ސަމާލުވާން ޖެހޭނެ،" މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ އެއް ދުވަސް ކުރިން ސްޕެއިންގެ ކޯޗުކަމާ ހަވާލުވި ހިއޭރޯ ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ޓީމުގެ ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި ނޮކައުޓް ބުރަށް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު ކަމަށެވެ.

ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ބުނީ ވޯލްޑް ކަޕްގައި އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށެވެ.

"ވޯލްޑް ކަޕްގައި ކޮންމެ މެޗެއް ވެސް އުނދަގޫވާނެ. އެކަން ފެނިގެން ހިނގައްޖެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ވެސް. އަހަރެމެން ދެކޭ ގޮތުގައި ވޯލްޑް ކަޕްގައި ރަޝިއާއާ ކުޅުމެކޭ ބްރެޒިލާ ދެކޮޅަށް ކުޅުމެކޭ ވާނީ ހަމަހަމަ. ޕްރެޝަރު އޮންނާނެ ހުރިހާ ގޮތަކުން ވެސް،" މެންޗެސްޓާ ސިޓީ އަށް ކުޅޭ ސިލްވާ ބުންޏެވެ.

ރަޝިއާ އަށް ސްޕެއިން އަތުން އެންމެ ފަހުން މޮޅެއް ހޯދުނީ އެ ޓީމުން ސޯވިއެޓް ޔޫނިއަންގެ ނަމުގައި ކުޅުނުއިރު އެވެ. ރަޝިއާގެ ނަމަށް ބަދަލުކޮށްގެން ކުޅެން ފެށި ފަހުން ސްޕެއިން އަތުން މޮޅެއް ނުލިބޭއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ސްޕެއިންގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެގެން އެ ޓީމުގެ މައްޗަށް ކުރިހޯދޭނެ ކަމަށް ރަޝިއާގެ މިޑްފީލްޑަރު ޑެނިސް ޗެރީޝެފް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު، މި ފަހަރުގެ މުބާރާތަށް އެ ޓީމުން ނުކުތީ އެ ކަން ހަނދާން ނައްތާލައި ރަނގަޅު ކާމިޔާބެއް ހޯދުމަށެވެ. މިރޭ ރަޝިއާއާ ދެކޮޅަށް ނުކުންނައިރު ސްޕެއިނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ފޯމެވެ. ގްރޫޕް ސްޓޭޖުގައި ޑެހެއާ ކޮޅަށް ވަނީ ތިން މެޗުން ފަސް ގޯލު ވަދެފަ އެވެ.

ސްޕެއިނާއި ރަޝިއާ މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެކުވެރި ކަމުގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.