މި އަނގޮޓީގައި 6،690 ޖަވާހިރު؛ އަގަކީ 4 މިލިއަން ޑޮލަރު
މި އަނގޮޓީގައި 6،690 ޖަވާހިރު؛ އަގަކީ 4 މިލިއަން ޑޮލަރު

އިންޑިއާގައި ޖަވާހިރު އުފައްދާ ދެ މީހަކު ގުޅިގެން ކުރި މަސައްކަތުން، 6.690 ޖަވާހިރުން އަތްކަން އަޅައިގެން އަނގޮޓިއެއް ހަދައި، ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ވިޝާލް އަގަރަވާލް އާއި ޚުޝްބޫ އަގަރަވާލް މި އަނގޮޓި ހެދީ 18 ކެރަޓްގެ ރޯޒް ގޯލްޑުންނެވެ. މި އަނގޮޓި ހަދާފައި ވަނީ 48 ފިޔަ ލީ ލޮޓަސް މަލެއްގެ ސިފަޔަށެވެ. މީގެ އަގަކީ 4،116،787 ޑޮލަރެވެ.

މިހާ ގިނަ ޖަވާހިރު ހުއްޓަސް އަނގޮޓީގެ ބަރުދަނުގައި ހުރީ 58 ގްރާމެވެ. މި އަނގޮޓި ޑިޒައިންކޮށް، ހެދުމަށް ހަ މަސް ދުވަސް ހޭދަވި އެވެ.

އަނގޮޓި ހެދި މީހުން ބުނީ މި އަނގޮޓި ލޮޓަސް މަލެއްގެ ސިފަޔަށް ހެދީ ފެން ރައްކާކުރުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކަން އިތުރުކުރަން ކަމަށެވެ. ލޮޓަސް މަލަކީ އިންޑިއާގެ ގައުމީ މަލަށް ވެފައި، އެއީ ފެނުގައި ހެދޭ ރީތި މަލަކަށް ވުމުން، ފެނުގެ ރީތި ދުނިޔެ މި އަނގޮޓިން ރަމްޒުކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

މި އަނގޮޓީގެ ވީޑިއޯއެއް ގިނިސް ވޯލްޑް ރެކޯޑްސްގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކޮށްފައި ވާއިރު މީހުންގެ ޚިޔާލުތައް ވަނީ މައްސުނިވެފަ އެވެ. އެއްބަޔަކު ބުނަނީ މި އަނގޮޓި އަޅައިގެން ހުންނަ މީހެއްގެ ވަށައިގެން ސެކިއުރިޓީން ވެސް ތިބެން ޖެހޭނެ ކަމަށެވެ.