01 ޖުލައި 2018 - 07:28

ބުރާސްފަތި ދުވަހާ ގުޅޭ
"އައްސަލާމް އަލައިކުމް!" ސަމަދު ފޯނު ނެގިއެވެ.
އޭރު ޢަލީ ސައިކަލުން ފައިބަމުން ފޯނު ކަނޑައިލަނީއެވެ. ފޯނު ޖީބަށް ލުމަށް ފަހު ސައިކަލު ބަހައްޓައިފައި ފާލަމާ ދިމާއަށް ޢަލީ އައެވެ. ވަކި މީހެއްގެ ގައިގައި ދެ ލޯ ތަތްކޮށްލައިގެން ހުރެއެވެ. ފެރީން ފޭބި މީހާ ވާޓަރު މަތިން މަގަށް ފޭބިއެވެ. ކާރެއް ފެނޭތޯ ދެކޮޅު ހޯދައިލިއެވެ. އެއިން ހިސާބަކު ވެސް ކާރެއް ނެތެވެ. އެ މީހާގެ ލޮލުގައި އަޅައިގަތީ ގާތުގައި ހުރި ޢަލީއެވެ.
"ޖަމީލު؟" ޝައްކެއް މަތީގައި ހުރި ޢަލީ އެހިއެވެ.
ޢަލީއަކީ ކާކުކަމެއް ޖަމީލަކަށް ނޭނގުނެވެ. ވީމާ، ޢަލީގެ ފައިން ފެށިގެން ބޮލަށް ޖަމީލު ބަލައިލިއެވެ.
"ނޭނގުނޭ!" ޖަމީލު ބުންޏެވެ.
"ނޭނގުނޭ؟" ކާކުކަން ޔަގީންވުމުން ޢަލީ އުފާވެފައި ބުންޏެވެ. "މީ އައްޔައޭ! ރުގިއްޔާގެ އައްޔަ!"
"އައްޔަ؟" ޖަމީލަށް އެނގުނީ އެ ހިސާބުންނެވެ. "އާނ އައްޔަ!"
ދެމީހުން ސަލާންކޮށް ހާލުއަހުވާލު އަހައި ހެދިއެވެ.
"ކިހިނެއް އެނގޭނީ؟" ޖަމީލު ބުންޏެވެ. "ތިހިރީ ބަދަލުވެފަ ހުރި ވަރު. ކީއްކުރަން މާލެއައިސް ތި އުޅެނީ؟ މަންމަ ކޮބާ؟"
ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ޢަލީ ފޮށި ނެގިއެވެ.
"ހުރިހާ ވާހަކައެއް ހުއްޓާފަ ސައިކަލަށް އަރާ!" ޢަލީ އެދުނެވެ. "ޓެކްސީއެއް ނުލިބޭނެ. މީ ކުޑަކުޑަ ފޮށްޓެއްނު! ސައިކަލުގަ ގެންދެވޭނެ. ކޮފީއެއް ބޯލައިގެން ގެއަށް ދާނީ!"
ޖަމީލު ގެއަށް ގެންދިޔުމުގެ ބަދަލުގައި ޖަމީލު ގޮވައިގެން ޢަލީ މިސްރާބުޖެހީ ހެދިގޮނޑުދޮށާ ދިމާއަށެވެ. ޒޫނާ އެ ވަގުތު އިނީ ގުރައިދޫގެ އަތިރިމަތީގައެވެ. އެކަނިމާއެކަންޏެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލައިލައެވެ. ޖިނާގެ ކޯލަކަށް އިންތިޒާރު ކުރެވޭތީއެވެ. ޒޫނާ ހީކުރީ މާލެ ދާގޮތަށް ޖިނާ ގުޅާނެ ކަމަށެވެ. މާލެ ދެވުނުކަން އަންގައިލާށެވެ. ނުވަތަ ޒޫނާގެ ހާލު އަހައިލާށެވެ. ނުވަތަ ނުބުނެ ޖިނާ ފުރައިގެން ދިޔަ ސަބަބު ކިޔައިދޭށެވެ. ބޭނުން ނަމަ ޒޫނާއަށް ގުޅުނީހެވެ. އެކަމަކު ކީއްކުރަން ހެއްޔެވެ؟ ޖިނާއަކީ ޒޫނާގެ ކާކު ހެއްޔެވެ؟ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޒޫނާގެ ހިތް ޖިނާގެ އުނގަށް ބަންޑުން ކުރެވިއްޖެއެވެ. ނިޝާގެ އަނގަބޮޑުކަމުންނެވެ. ނުބުނަން އެދިފައި އޮއްވައި ވެސް ނިޝާ ބުނީއެވެ. އެހެންކަމުން ޖިނާ ބޭނުން ނަމަ އެ ގުޅުމަށް ނަމެއް ދެވުނީހެވެ. ދެން ހިތަށްއެރިއެވެ. މި ކުރެވެނީ ކޮން ފަދަ މޮޔަ ޚިޔާލެއް ހެއްޔެވެ؟ ޖިނާ ދިޔައީ ޢާއިލާ ގާތަށެވެ. އޭނަގެ އަންބަކު އެބަހުއްޓެވެ. ޒޫނާއަށް ގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ސައިމޭޒު ދޮށުގައި އިން ޢަލީގެ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ. ބައެއް ސުވާލު ޢަލީ ކޮށްފިއެވެ. ޙަޤީޤަތުގައި ވެސް ބައްޕަ މީހަކާ އިނީ ހެއްޔެވެ؟ މަންމައަށް އެ ކަން ސިއްރުކުރީ ހެއްޔެވެ؟ ކުރިމަތީގައި އިން ޖަމީލު އިސްޖަހައިލައިގެން އިނެވެ. ޢަލީ އިނީ ޖަމީލު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ބަހެއް ނުބުނެ ޖަމީލަށް އިނދެވެންޏާ ޢަލީއަށް މާ ގިނައިރު އިނދެވޭނެއެވެ.
"މިހާރު ދެން ސިއްރުކުރުމުގެ ބޭނުމެއް ނެތްތާ!" ޢަލީ ބުންޏެވެ. "ވީކަމެއް އެއޮތީ ވެފަ!"
"ފަހުން ފަހަރު އަހަރެން މާލެއައިސް އިހުސާން ގާތަށް ނުދެވިގެން އުޅެނިކޮށް އަހަރެން މީހަކާ އިންނަންވެއްޖެ! ވަރަށް ހައިޖާނު ބޮޑުކޮށް އެ ކަން ދިޔައީ. ބަފާބެ އުޅުނީ ދަރިފުޅު ރާއްޖެއިން ބޭރަށް ފުރުވާލަން،" ޖަމީލު ލަސްލަހުން ކިޔައިދޭން ފެށިއެވެ. "އޭރު އިހުސާންމެން ރާވާފައޮތީ ގެ ކުއްޔަށްދީފަ އިންޑިޔާއަށް ނައްޓާލަން. ހުރިހާ ކަމެއް ރެޑީވެ ނިމިފަ އޮތީ. އޭގެ ދެތިން ދުވަހެއް ފަހުން އިހުސާން ގުޅީ. ގުޅާފަ ބުނީ ދަރިފުޅު މަރުވެއްޖޭ!"
"ދަރިފުޅު މަރުވިއްޔޭ؟" ޢަލީއަށް ބުނެވުނެވެ. "ބައްޕަ އެހެން ބުނީ؟"
ޖަމީލު އިސްއުފުލައިލައިފައި ޢަލީގެ މޫނަށް ބަލައިލިއެވެ. ޢަލީ އިނީ ހައިރާންވެފައެވެ.
"އަހަންނަށް އެނގޭ އައްޔަ ހައިރާންވާނެކަން،" ޖަމީލު ބުންޏެވެ. "އަހަރެން މިދައްކަނީ އިހުސާންގެ ހަގު އަނބި ޒޫނާއަށް ލިބުނު ދަރިފުޅުގެ ވާހަކަ. ސާޖިދު."
ވަގުތުން ޢަލީގެ މޫޑު ބަދަލުވިއެވެ. ހައިރާންކަމުން ނަފުރަތަށެވެ.
"ބައްޕަ ހަމަ މީހަކާ އިން ދޯ؟" ޢަލީ މަޑުމަޑުން ބުންޏެވެ. "ކަނޑައެޅިގެން ހުރިހާ އެއްޗެއް އެނގިހުރެ ޖަމީލު ވެސް އެ ވާހަކަ ސިއްރޭ ކުރީ! ކިހާ ރަނގަޅު؟ ތީ ރައްޓެހިންނަކީ."
"އަހަރެންގެ ބޮލުގަ ތި ތުހުމަތު ނާޅުވާ!" ކުރި ކަންތައް ދިފާޢުކުރުމުގެ ގޮތުން ޖަމީލު ބުންޏެވެ. "އަހަރެން ކަންތައް ކުރީ އައްޔަގެ ބައްޕަ ބުނި ގޮތަށް. އަކުރެއް ފިއްޔެއް ވެސް ތަފާތެއް ނުކުރަން. އެހެންނޫނަސް އިހުސާން މީހަކާ އިން ވާހަކަ ބުނެގެން އައްޔަގެ މަންމަގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ. އައްޔައަށް ކެރޭނެތަ ދޮންމަންމަ ވަރިކުރުވަން؟ ނުކުރޭނެ! މަށަށް ހަމަ ކަށަވަރު ނުކެރޭނެކަން. އަނެއްކޮޅުން މާ ގިނަ ދުވަހެއް ނުވެ އަހަރެން ނައްޓާލައިފިން ދަތުރުކުރަން. އޭގެ ފަހުން އިހުސާންގެ ޚަބަރެއް ނުވޭ! ލައްކަ ދުވަސް ކޮށްފަ މި އައީ."
"މީހަކު ބުނި ބައްޕަ މަރުވެއްޖޭ!" ނުތަނަވަސް ރާގެއްގައި ޢަލީ ބުންޏެވެ.
"ހިޔެއްނުވޭ!" ޖަމީލު ބުންޏެވެ.
"ބައްޕަ އުޅޭ ގެ ދައްކާ ނޫނީ ގުޅޭނެ ނަންބަރެއް ދީ!" ރުޅިއައިސްފައި ޢަލީ އެދުނެވެ. "މަ ބޭނުން ބައްޕަ ގާތުގަ އަހާލަން ކީއްވެގެންހޭ މަންމައަށް ތިހާ ބޮޑު ލަނޑެއް ދިނީ."
ޢަލީ އެހާ ރުޅިއައިސްފައި ހުރީމަ އެއްވެސް މަޢުލޫމާތެއް ދޭކަށް ޖަމީލު ބޭނުމެއް ނުވިއެވެ.
"ކުންފުނި ބަނގުރޫޓުވެގެން އެތައް ދުވަހެއް ވަންދެން މާލެ ނާދެވި ރަޝިޔާގަ ތާށިވެގެން ހުރެފަ މިއަދު މާލެ މި އާދެވުނީ،" ޖަމީލު ކިޔައިދިނެވެ. "ކިހިނެއްވާނެ އަހަރެން އިހުސާނާ ވާހަކަދައްކާލާފަ ޖަވާބެއް ދިނިއްޔާ؟ ގެނޭ އައްޔަގެ ނަންބަރު!"
ޢަލީ ގާތަށް ރުޅިއައިސް ފުންމައިގެން ތެދުވިއެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ބައްޕައާ ބައްދަލުކުރަން އެޕޮއިންޓުމަންޓު ހަދާކަށް،" ޢަލީ ބުންޏެވެ. "ޖަމީލުގެ އެހީޔާ ނުލާ ވެސް އަހަރެންނަށް އެ ގެ ހޯދޭނެ. މަށަށް އެނގޭ ޒޫނާ އުޅެނީ ކޮންތާކުކަން. މި ފަހަރު ކޮޅެއްގަ ޖައްސާފަ ނޫނީ ނޭވާ ވެސް ނުލާނަން."
ޢަލީ ނުކުމެގެން ދިޔައިރު ވެސް ޖަމީލަށް ވިސްނަން އިނދެވުނީއެވެ. ދެން ހަދަންވީ ގޮތް ވިސްނިގެން ޖަމީލު ބޭރަށް ނުކުތްއިރު ޢަލީ ސައިކަލުގައި ނައްޓައިލަނީއެވެ.
"އޭ އައްޔާ މަޑުކޮށްބަލަ!" ޖަމީލު ގޮވައިލި ވެސް މެއެވެ.
ޒޫނާގެ ގޭ ދޮރާށީގެ ކަންޏަށް އިދުރީސް މޮހޮރު ޖެހިއިރު ގާދިރު ކައިރީގައި ބަލަހައްޓައިގެން ހުއްޓެވެ. އެ ކަހަލަ ކަންކަން ކުރުމަކީ ގާދިރު ވެސް މާ ގަޔާވާ ކަމެއްހެނެއް އޭނަގެ މޫނުމައްޗަކުން ހިޔެއް ނުވެއެވެ. އެކަމަކު މަތިމައްޗަށް ދަގަނޑު ތޭރި ޖަހައިގެން ވިޔަސް ޒޫނާ ސަލާމަތުން ބަހައްޓަން ގާދިރު ބޭނުމެވެ. އެ މަންޒަރު ބަލަން ގޭތެރޭގައި ސަކީނާ ވެސް ހުއްޓެވެ.
"ކަނި ފީވެ ބައިބައި ނެއްޓިގެންދިޔަސް، މި މޮހޮރު ސަލާމަތުން ހުރިއްޔާ ލާހިކު ކުޅަދާނައެއް ނޫން ޖިންނިސައިތާނެއް މި ގެއަށް ވައި ވެސް އެޅޭކަށް،" ފަޚުރުވެރިކަމާ އެކުގައި އިދުރީސް ބުންޏެވެ. "އެ ވަބާއިން ދެން މި ސަލާމަތްވީ! ގެ އަމާންވީ!"
ޢަލީއަށް އާދެވުނީ އެ ހިސާބުންނެވެ.
"އައްސަލާމް ޢަލައިކުމް!" ޢަލީ ބުންޏެވެ.
"ވަޢަލައިކުމް ސަލާމް!" ގާދިރު ސަލާމް ބަލައިގަތެވެ.
ޢަލީ ދެވަނަ ފަހަރަށް ގޭގެ ނަންބޯޑަށް ބަލައިލިއެވެ. ކަށަވަރު ކޮށްލިއެވެ.
"އިހުސާނާ ބައްދަލުކޮށްލެވިދާނެ ތޯ؟" ޢަލީ ސުވާލުކުރިއެވެ.
ޢަލީގެ ސުވާލުގެ އަޑަށް، އެތެރޭގައި ހުރި ސަކީނާ ބޭރަށް ނުކުތެވެ. ގާދިރާއި ސަކީނާ އެކަކުއަނެކަކަށް ބަލައިލިއެވެ.
"ތީ ކޮން ކުއްޖެއް؟" ސަކީނާ އެހިއެވެ.
"އެބައުޅުއްވާތޯ އިހުސާން ކިޔާ މީހެއް؟" ޢަލީ އަނެއްކާ ވެސް ސުވާލުކުރިއެވެ.
ތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެކެވެ. ދެން ވާހަކަދައްކަންވީ ކާކުކަމާ މެދު އެންމެންގެ ހިތުގައި ސުވާލު އުފެދުނު ކަހަލައެވެ. އިސްނެގީ ގާދިރެވެ.
"ކޮއްކޯ އިހުސާން މަރުވިތާ އެތައް އަހަރެއް ވެއްޖެ މިހާރު." ގާދިރު ބުންޏެވެ.
ޢަލީގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ސަކީނާއާއި ގާދިރަށް ވެސް އެ ކަން ފާހަގަކުރެވުނެވެ.
"ތީ ކޮންކުއްޖެއް؟" ގާދިރު އެހިއެވެ.
"އިހުސާން ކައިވެނިކުރި ޒޫނާ އުޅެނީ މި ގޭގަތޯ؟" ޢަލީ އިތުރަށް އޮޅުންފިލުވިއެވެ. "ސާޖިދު ކިޔާ ކުއްޖެއް ލިބުނުތޯ އެ މީހުންނަށް؟"
"ރަނގަޅު،" ސަކީނާ ޖަވާބުދިނެވެ. "ތީ ކޮންކުއްޖެއްހޭ؟"
ޢަލީ ޖަވާބެއް ނުދިނެވެ. ދިޔަގޮތަށް ގޮސް ސައިކަލަށް އަރައިގެން ނައްޓައިލީއެވެ. ސަކީނާއާއި، ގާދިރާއި އިދުރީސް ވެސް ހުރީ ޢަލީއަށް ބަލަހައްޓައިގެންނެވެ. އެކަމަކު ޢަލީ ބަލައިވެސް ނުލިއެވެ.
"ކާކު އެއީ؟" ސަކީނާއަށް ބުނެވުނެވެ.
"އަހަންނަކަށް ނޭނގެ އެއީ ކާކުކަމެއް،" އަޒްރާ ބުންޏެވެ. "ޒޫނާ ކިޔާކަން އެނގެނީ."
ދަންވަރު ގަޑިން އެކެއްޖެހިއިރު ވެސް އަޒްރާ އިނީ ފޯނުން ވާހަކަދައްކާށެވެ. ޖިނާޔާ ވަކިވި ފަހުން އަޒްރާ ދިރިއުޅެނީ މައިންބަފައިން ކައިރީގައެވެ. ފޯނުގެ އަނެއް ކޮޅުގައި ހުރީ ފަރުހާދެވެ. އެހެންނަމަވެސް އޭނައެއް ނުފެނެއެވެ. ފެންނަނީ ފޯނެކެވެ. ފޯނު އޮތީ ލޮނުޒިޔާރަތްކޮޅުގައި ހުރި ރުކެއްގެ ކުރިގަނޑު ތެރޭގައެވެ.
"އަހަރެން ބޭނުމެއް ނޫން އެއީ ކާކުތޯ ބަލާކަށް ވެސް،" އަޒްރާ ފޫހިވެފައި ބުންޏެވެ. "އަހަންނަކީ މިނިވަނެއް. ބޭނުން ތާކަށް ދާންވީ. ބޭނުން ކަމެއް ކުރަންވީ."
އަޒްރާ ވާހަކަދައްކައި ނިމުމުން ފޯނު ތަންކޮޅެއް މައްޗަށް ހިއްލުނެވެ. ހީވަނީ ނުފެންނަ މީހަކު ފޯނު ނެގިހެންނެވެ.
"އަހަރެން ބޭނުން ކަންތައް ތިވީ،" ފަރުހާދު ބުނި އަޑު އިވުނެވެ. "ދެން އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އަޒޫއާ އިނދެގެން ރާއްޖެ ދޫކޮށް ދާން. އަހަރެން އުޅޭ ތަނަށް."
"ފަރޫ އުޅެނީ ރާއްޖެއަކު ނޫންތަ؟" އަޒްރާ ސުވާލުކުރިއެވެ. "ދެން ކޮންތާކު އުޅެނީ؟"
"ބުންޏަކަސް ނޭނގޭނެ،" ފަރުހާދު ބެލީ ވީހާ ވެސް ކުރު ޖަވާބެއް ދެވޭތޯއެވެ. "ކިޔައިދޭން ފަށައިފިއްޔާ އިރުއަރާއިރު ވެސް ނުހުއްޓޭނެ. ކުރުކޮށް ބުނަންޏާ، އަހަންނަކީ މީހުންގެ ލޯތަކަށް ނުފެނި އުޅޭ މީހެއް."
"ތިކަން އެނގެޔޭ!" ހީނގެންފައި އަޒްރާ ބުންޏެވެ. "އެހެންވެއެއްނު އަދިވެސް ސިންގަލްކޮށް ތި ހުންނަނީ. އަހަރެން ވެއްޖެ ތީގެ ސިއްރު ހޯދަން."
ފަރުހާދު ހޭން ފެށިއެވެ. ތަންކޮޅެއް ފުސް، ބަރު އަޑަކުންނެވެ.
"އަހަރެންގެ ޙަޤީޤަތް ހޯދަން ވަރަށް އުނދަގޫވާނެ." ފަރުހާދު ބުންޏެވެ.
ނުނިމޭ