ބެލްޖިއަމްގެ ދަރިވަރަކު 8 އަހަރުގައި ޔުނިވާސިޓީ އަށް
ބެލްޖިއަމްގެ ދަރިވަރަކު 8 އަހަރުގައި ޔުނިވާސިޓީ އަށް

ބްރަސެލްސް (ޖޫން 30) - ބެލްޖިއަމްގެ ދަރިވަރަކު އާދަޔާޚިލާފު ތޫނުފިލި ކަމެއް ދެއްކުމަށް ފަހު އުމުރުން އެންމެ 8 އަހަރުގައި ޔުނިވާސިޓީ އަށް ވަދެއްޖެ އެވެ.

ލޯރެންޓް ސިމޮންސް ނަމަކަށް ކިޔާ ފިރިހެން ދަރިވަރު ވަނީ ހަ އަހަރުގެ ކިޔެވުން ދޮޅު އަހަރުން ފުރިހަމަކޮށް ސެކަންޑަރީ ތައުލީމް ވެސް ނިންމައިފަ އެވެ. ކުއްޖާގެ ބައްޕަ އަކީ ބެލްޖިމް މީހެއް ނަމަވެސް މަންމަ އަކީ ހޮލެންޑް މީހެކެވެ. ސިމޮންސްގެ އައިކިޔޫ އަކީ 145 ކަމަށް އެ ކުއްޖާގެ މައިންބަފައިން ބުނެ އެވެ. ސިމޮންސް ވަނީ 18 އަހަރުގެ ދަރިވަރުންނާ އެކު ކިޔަވައި ޑިޕްލޮމާ ވެސް ހާސިލްކޮށްފައި ކަމަށް އާއިލާ އިން ބުނެ އެވެ.

ބެލްޖިއަމްގެ ރޭޑިއޯ ޗެނެލްއެއްގައި ވާހަކަ ދައްކަމުން ސިމޮންސް ބުނީ އޭނާ އެންމެ ކިޔަވާހިތްވާ މާއްދާ އަކީ ހިސާބު ކަމަށެވެ. ސަބަބަކީ އެއީ ސްޓެޓިސްޓިކްސް އާއި ޖިއޮމެޓްރީ އަދި އަލްޖިބްރާ ހިމެނޭ ވަރަށް ފުޅާ މާއްދާއެއް ކަމަށް ސިމޮންސް ބުންޏެވެ.

ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ސިމޮންސް ދެން ކިޔަވާނީ ޔުނިވާސިޓީގަ އެވެ.

ސިމޮންސްގެ ބައްޕަ ބުނީ ކުޑަ އިރު ސިމޮންސް އަކީ އެހެން ކުދިންނާ އެކު ކުޅެ އުޅެން އެހާ ގަޔާވި ކުއްޖެއް ނޫން ކަމަށާ އަދި އެއްވެސް ކުޅޭ އެއްޗަކަށް ވެސް ޝައުގުވެރިވެގެން ނޫޅޭ ކަމަށެވެ.

ސިމޮންސް ބުނީ އޭނާ އޮޕަރޭޝަން ޑޮކްޓަރަކަށް ވާން އަަދި އެސްޓްރޮނޯޓަކަށް ވާން ވެސް ބޭނުންވި ކަމަށާއި އެކަމަކު މިހާރު ވިސްނަނީ ކޮމްޕިއުޓަރުގެ އިލްމު ކިޔަވަން ކަމަށެވެ.

ސިމޮންސްގެ ބައްޕަ ބުނީ ސިމޮންސް ހިތްހަމަ ޖެހޭ ނަމަ ވަޑާންކުރާ މީހަކަށްވި ނަމަވެސް އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.