30 ޖޫން 2018 - 22:33

މޮސްކޯ (ޖޫން 30) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ އެއް މެޗެއްގައި ޒުވާން އުމުރުގައި (20 އަހަރުން ދަށް) ދެ ލަނޑު ޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައި އޮތް 60 އަހަރުވީ ރެކޯޑާ މިރޭ އާޖެންޓީނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހަމަކޮށްފި އެވެ.
އާޖެންޓީނާ އަތުން ފްރާންސް މޮޅުވީ 4-3 އިންނެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ، ޕެލޭގެ ރެކޯޑާ ހަމަކުރީ މި މެޗުގައި ދެ ގޯލު ޖަހައިގެންނެވެ. ޕެލޭ ރެކޯޑް ހެދީ އުމުރުން 17 އަހަރުގައި 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ސްވިޑެން ކޮޅަށް ދެ ލަނޑު ޖަހައިގެންނެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އެކަމަކު ޕެލޭ ކަހަލަ ކުޅުންތެރިއަކާ އަހަންނާ އެއްގޮތް ނުކުރުން އެދެން. ޕެލޭ އަކީ އެހެން ކެޓަގަރީ އަަކަށް ނިސްބަތްވާ ކުޅުންތެރިއެއް. އަހަރެން އަދި ކެރިއަރު މި ފެށީ. އަދި ހާސިލްކުރަން ޖެހޭ ކަންތައްތައް ގިނަ،" މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެވޯޑާ ހަވާލުވުމަށް ފަހު އެމްބާޕޭ ބުންޏެވެ.
ވޯލްޑް ކަޕެއްގައި ފްރާންސަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާގެ ރެކޯޑް އޮތް އެމްބާޕޭ އަކީ 1998 ވަަނަ އަހަރު އުފަންވި ކުޅުންތެރިއެކެވެ. އެ އަހަރަކީ އެންމެ ފަހުން ފްރާންސް ވޯލްޑް ކަޕް ތަށި އުފުލާލި އަހަރެވެ. އޭރު ފްރާންސް ޓީމުގެ ކެޕްޓަނަކީ މިހާރު އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ.
މިރޭގެ މެޗުގައި އާޖެންޓީނާ ޑިފެންޑަރުންނަށް އެންމެ ބާރުބޮޑުކުރި ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އޭނާ ގިނަ ފަހަރު ހުއްޓުވީ ފައުލުކޮށްގެންނެވެ. ފްރާންސުން ޖެހި ފުރަތަމަ ގޯލަކީ އެމްބާޕޭ އަށް ކުރި ފައުލަަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.
ޑެޝޯމްޕްސް ވަނީ މި މެޗުގައި ފްރާންސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފްކޮށްފަ އެވެ. އަދި މިހާރު ފްރާންސްގެ ސްކޮޑުގައި ޒުވާން ކުޅުންތެރިން ގިނައިރު، އެމްބާޕޭ ފަދަ ކުޅުންތެރިން މި ގޮތުގައި ކުރިއަށްދާނަަމަ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
ކުއާޓާ ފައިނަލުގައި ފްރާންސް ކުޅެން ޖެހޭނީ މިރޭ އުރުގުއޭ އާއި ޕޯޗުގަލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.