30 ޖޫން 2018 - 21:03

ކަޒާން (ޖޫން 30) - އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު 4-3 އިން އާޖެންޓީނާ ބަލިކޮށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސުން މިރޭ ހޯދައިފި އެވެ.

ލިއޮނަލް މެސީ ކެޕްޓަންކަމުގައި ކުޅޭ އާޖެންޓީނާ ކެޓިއިރު، އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ދެ ޓީމަށް ވެސް ވަނީ މި ފަހަރުގެ މުބާރާތް ނިމިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގަދަ 16 ޓީމު ކުޅޭ ބުރުގައި މިހާތަނަށް ފްރާންސް ކުޅުނު ހުރިހާ ފަހަރަކު އެ ޓީމު ވަނީ މޮޅުވެފަ އެވެ. ވޯލްޑް ކަޕުގައި ދެކުނު އެމެރިކާގެ ޓީމެއްގެ އަތުން ފްރާންސް އެންމެ ފަހުން ބަލިވެފައިވަނީ 1978 ވަނަ އަހަރު އެވެ. އެ ފަހަރު ބަލިވީ ގްރޫޕް ސްޓޭޖުގަ އެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕުން ފްރާންސް ކެޓީ ކުއާޓާ ފައިނަލުންނެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ފަހުން ޖެހިގެން އައި ހުރިހާ މުބާރާތެއްގައި ވެސް އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އާޖެންޓީނާ އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރީ 1986 ވަނަ އަހަރު އެވެ.
މި މުބާރާތުގެ ނާކާމިޔާބީއާ އެކު އާޖެންޓީނާގެ ތަރި މެސީ އަށް އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުއްމީދުތައް ދިޔައީ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ މެސީގެ ފަހު ވޯލްޑް ކަޕެވެ.
މިއީ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ފްރާންސާއި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭ އުފަންވީ 1998 ވަނަ އަހަރު އެވެ. އެއީ ފްރާންސުން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ގްރީޒްމަން ވަނީ ފްރާންސަށް ލިޑު ނަގައިދީފަ އެވެ. މިއީ އެމްބާޕޭ އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރައަށް ވަތް ވަގުތު އާޖެންޓީނާގެ މާކޯސް ރޯހޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފްރާންސްގެ އަވަސް އެޓޭކުތަކާ އެކު އާޖެންޓީނާގެ ފަހަތަށް ބާރުބޮޑުވި އެވެ. އެ ވަގުތު ކޮޅުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިންނަށް ޖެހުނީ ފްރާންސް ކުޅުންތެރިންނަށް ފައުލުކުރާށެވެ.
މެސީ އެންމެ ކުރިއަށް ލައިގެން އާޖެންޓީނާ އިން ފޯލްސް ނައިން ސިސްޓަމަށް ކުޅެމުން ދިޔައިރު، އޭނާ އަށް ލިބޭ ބޯޅަތައް ހުއްޓުވަން ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ބްލައިސް މަޓުއިޑީ އާއި އެންގޯލޯ ކާންޓޭ ފުރަތަަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެެވެ.
ގޯލާ ސީދާކޮށް ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ޖެހި ހަމައެކަނި ޝޮޓުން އެ ޓީމުން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 41 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ އޭރިއާ ބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާގެ ފުރަތަމަ ގޯލެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި އާޖެންޓީނާ އިން ވަނީ ލީޑު ނަގައިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މެސީ އަށް ލިބުނު ބޯޅަ އޭނާ ޖެހީ ގޯލަށެވެ. އެ ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޯލަށް ވަނީ އޭރިއާ ތެރޭގައި ހުރީ އާޖެންޓީނާގެ ޑިފެންޑަރު ގަބްރިއެލް މެކާޑޯ ފައިގައި ޖެހިފަ އެވެ. މިއީ މެކާޑޯ އާޖެންޓީނާ އަށް ޖަހައިދިން ހަތަރު ވަނަ ގޯލެވެ.
މެޗުގެ 55 ވަނަ މިނިޓްގައި އާޖެންޓީނާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ގްރީޒްމަން އަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ފްރާންސްގެ ކަނާތު ފުލްބެކް ބެންޖަމިން ޕަވާޑް ޖެހި ގޯލުން ފްރާންސުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޕަވާޑަކީ 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފްރާންސްގެ ފުރަތަމަ ޑިފެންޑަރެވެ.
މި ގޯލާ އެކު ފްރާންސްގެ ކުޅުން ރަނގަޅުވި އެވެ. އަދި ކެނޑިނޭޅި އާޖެންޓީނާ ފަހަތަށް ބާރުބޮޑުކުރަމުން ދިޔަ އެވެ. ފްރާންސަށް މި މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ އެމްބާޕޭ އެވެ. އޭރިއާ ތެރެއިން އެމްބާޕޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ފްރާންކޯ އަރްމާނީ އަތުގައި ޖެހިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ކައުންޓަ އެޓޭކުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އެއާ އެކު ފްރާންސަށް ހަމަޖެހުމެއް ލިބުނެވެ.
އާޖެންޓީނާ އިން ފަހު ވަގުތަށް ވަނީ މެކްސިމިލިއާނޯ މޭޒާ އާއި ސާޖިއޯ އަގުއޭރޯ ކުޅެން އަރުވައިފަ އެވެ. މި މެޗުގައި އާޖެންޓީނާ އިން ޕައޮލޯ ޑީބަލާ އާއި ގޮންޒާލޯ ހިގައިން ބޭނުމެއް ނުކުރެ އެވެ.
ގިނަ ވަގުތު ފްރާންސްގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ފްރާންސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު މެސީ ޖެހި ބޯޅަ ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ ފަސޭހަކަމާ އެކު އަތަށް ނަަގައިފަ އެވެ. އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން އަގުއޭރޯ އެވެ. ފަހު ވަގުތު އިތުރު ލަނޑެއް ޖަހަން އާޖެންޓީނާ އިން މަސައްކަތްކުރި ނަމަވެސް ކާމިޔާބުނުވި އެވެ.
ކުއާޓާ ފައިނަލުގައި ފްރާންސް ކުޅޭނީ މިރޭ ދެ ވަނަ ބުރުގައި އުރުގުއޭ އާއި ޕޯޗުގަލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.