30 ޖުލައި 2016 - 09:29

ޒިއުރިކް (ޖުލައި 30) - ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް އަދާކުރަން އޭނާ ތައްޔާރުކޮށްދިނީ، ޔުނައިޓެޑް ނޭޝަންސްގެ ވަޒީފާގައި ހަނގުރާމައިގެ މައިދާންތަކުގައި މަސައްކަތްކުރި އިރު ލިބުނު ތަޖުރިބާ ކަމަށް ފާތިމާ ސަމޫރާ ވިދާޅުވެއްޖެ އެވެ.
ސެނެގާލް އަށް އުފަން އުމުރުން 54 އަހަރުގެ ސަމޫރާ އަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް އެވެ. މިދިޔަ މަހު ފީފާގައި މަސައްކަތްކުރައްވަން ފެށްޓެވި ސަމޫރާ އަށް އެ މަގާމް ދެއްވީ ފީފާގެ އާ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.
"ދުނިޔޭގައި ހިނގައިދިޔަ ކުއްލި ހުރިހާ ހާލަތްތަކެއްގައި، އަހަރެން މަސައްކަތްކުރިން. އޭގެ ތެރޭގައި އަފްގާނިސްތާނާއި ލައިބީރިއާ އާއި ސިއެރަލިއޯނާއި އީސްޓް ޓީމޯ އާއި ކޮސޯވޯ އަދި ނައިޖީރިއާ ހިމެނޭ،" ބީބީސީ ވޯލްޑް ސާވިސަސް އަށް ވާހަކަ ދައްކަމުން ސަމޫރާ ވިދާޅުވި އެވެ. "މި ވަޒީފާ އަހަރެން ތައްޔާރުކޮށްދިނީ، މިދިޔަ 20 އަހަރު އަހަރެން އދ. ގައި ކުރި މަސައްކަތް."
ސަމޫރާ ވިދާޅުވީ ފީފާގައި ކުރިމަތިވާނެ ގޮންޖެހުންތައް އެނގޭ ކަމަށާއި ފީފާ ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ފެށިއްޖެ ކަމަށެވެ. ފުޓްބޯޅައިގައި ކުރިން މަސައްކަތްކުރައްވާފައި ނުވުމަކީ މައްސަލައެއް ކަމަށް އޭނާ ނުދެކެ އެވެ.
"ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔަކާ ކައިވެނިކޮށް އުޅޭތާ 28 އަހަރުވެއްޖެ. އޭނާ ކޮންމެ ދުވަހަކު ވެސް އަހަންނަށް ލަފާ އާއި މަޝްވަރާދޭ. އަހަރެންގެ އެކުވެރިންގެ ތެރޭގައި ތިބޭ ބައިވަރު ކުރީގެ ފުޓްބޯޅަ ކުޅުންތެރިން. މީގެ އަހަރުތަކެއް ކުރިން އަހަންނާ ދިމާވި ކެމަރޫންގެ ކުރީގެ ކުޅުންތެރިޔާ ރޮޖާ މިލާއާ މިހާރު ވެސް ގުޅުން އޮވޭ،" ސަމޫރާ ވިދާޅުވި އެވެ. "ދުވަހުން ދުވަހަށް އަހަންނާ ވާހަކަދެކެވޭ ކުރީގެ ބައިވަރު ކުޅުންތެރިން ތިބޭ."
ސަމޫރާ ވަނީ އޭނާގެ ޑެޕިއުޓީއެއްގެ ގޮތުގައި ކްރޮއޭޝިއާ އާއި އޭސީ މިލާނުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ވޮނިމިރް ބޮބާން ހުރުމުން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ބޮބާންގެ ޒިންމާއަކަށް ވަނީ ފީފާ އިން ކުރާ ފުޓްބޯޅައާ ސީދާ ގުޅުން ހުރި ކަންކަން ހިންގުމެވެ. ފީފާއަށް ގެނައި އާ ބަދަލުތަކާ އެކު ފުޓްބޯޅައާ ސީދާ ގުޅުން ހުރި ކަންކަމާއި ވިޔަފާރީ އަދި އިދާރީ މަސައްކަތްތައް ކުރާނީ ވަކިންނެވެ. އެ ބައި ބަލަހައްޓާނީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ދެން ހަމަޖެއްސި ކުރީގެ ލީގަލް ޑިރެކްޓަރު މާކޯ ވިލިގާ އެވެ.