30 ޖޫން 2018 - 16:47

މާދަމާ އޮސްޓްރޭލިޔާގައި އޮންނަ ގޯލްޑް ކޯސްޓް މެރަތަންގައި ރާއްޖޭގެ ތިން ދުވުންތެރިޔަކު ދިވެހި ސިފައިންގެ ކްލަބް ތަމްސީލްކުރާނެ އެވެ.
މެރަތަން ދުވުމުގައި މިވަގުތު ރާއްޖޭގައި ތިބި އެންމެ ބާރު ދެ ދުވުންތެރިން ކަމަށްވާ ގައުމީ ރެކޯޑް އޮތް ޝިފާޒް މުހައްމަދު އާއި މުހައްމަދު ރަޝީދު (މޯޑު) ގޯލްޑް ކޯސްޓްގައި ކުރިއަށް ވުރެ އަވަސް ވަގުތެއްގައި ރޭސް ނިންމާނެ ކަމަށް، ބައެއް ކޯޗުން ލަފާކުރެ އެވެ.
މި ދެ ދުވުންތެރިންގެ އިތުރުން ސިފައިންގެ ކްލަބްގެ ނަސްރުﷲ އަހުމަދު ވެސް މާދަމާގެ ރޭހުގައި ވާދަކުރާނެ އެވެ. ނަސްރަކީ މިހާތަނަށް އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ދިވެއްސެވެ.
މި ތިން ދުވުންތެރިން ވެސް ތަމްރީން ހަދަމުން އަންނަނީ ނޭޕާލުގަ އެވެ.
ގޯލްޑް ކޯސްޓްގެ ކުޑަކުދިންގެ ބައިގައި މިއަދު ރާއްޖޭގެ އުމުރުން 10 އަހަރުގެ އަބްސަލް އަބްދުﷲ އާދަމް ވަނީ، ރާއްޖޭގެ ނިސްބަތުން ވަރަށް ބާރަށް ދުވެފަ އެވެ. ހަތަރު ކިލޯމީޓަރުގެ މި ރޭސް އޭނާ ނިންމީ 16:02 މިނިޓުންނެވެ.
އަބްސަލް ހިމެނެނީ 700 އަށް ވުރެ ގިނަ ކުދިން ދުވި ރޭހުގެ 61 ވަނާގަ އެވެ. އެކަމަކު އުމުރުން 10 އަހަރުގެ ކުދިންގެ ބައިން އޭނާ އަކީ އަށް ވަނަ އެވެ.
ނަސްރު ބުނީ ޝިފާޒާއި މުހައްމަދު އަނެއްކާވެސް ރަނގަޅު ވަގުތެއްގައި މެރަތަން ނިންމާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ.
"ދެ ދުވުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބީ. ނޭޕާލުގައި ވަރަށް ރަނގަޅު ތަމްރީންތަކެއް ފުރިހަމަކޮށްފައި އެ ތިބީ،" ނަސްރު ބުންޏެވެ.
ނަސްރަކީ ކޮކާކޯލާ އިން ސްޕޮންސަކޮށްފައިވާ ދުވުންތެރިއެކެވެ. އޭނާގެ އަމާޒަކީ ކޮކާކޯލާގެ ލޯގޯއާ އެކު އަހަރަކު 12 މެރަތަން، ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމެވެ.
މި ދުވުންތެރިންގެ އިތުރުން ވެސް ދިވެހިން ގޯލްޑް ކޯސްޓް މެރަތަންގައި މާދަމާ ދުވާނެ އެވެ.