02 ޖުލައި 2018 - 07:19

ދެހާސް އެގާރަ ވަނަ އަހަރު ރިލީޒް ކުރި ޝާހްރުކް ހާންގެ ސުޕަހީރޯ ފިލްމް "ރާ.ވަން" ގެ ދެވަނަ ބައެއް ހަދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މި އަހަރަށް 26 އަހަރުވުމާ ގުޅިގެން، ޓްވިޓާގައި އާންމުކޮށްފައިވާ ޝާހްރުކްގެ ވީޑިއޯއެއްގައި ވަނީ މި ޒަމާނުގެ ޓެކްނޮލޮޖީއާ އެކު އަނެއްކާ ވެސް "ރާ.ވަން" ގެ ތަޖުރިބާ އާކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ ފިލްމަކީ އިންޑިއާގައި ހެދި ފިލްމްތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި އެންމެ މޮޅު ސްޕެޝަލް އިފެކްޓްސް (ވީއެފްއެކްސް) ފެނިގެން ދިޔަ އެއް ފިލްމެވެ. އެ މަސައްކަތް ކުރީ ޝާހްރުކްގެ އަމިއްލަ ފިލްމް ކުންފުނި ރެޑް ޗިލީޒްގެ ވީއެފްއެކްސް ޓީމުންނެވެ.
"ރާ.ވަން" އަކީ އަނޫބަވް ސިންހާ ޑައިރެކްޓް ކުރި ފިލްމެކެވެ. މީގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. އަދި ފިލްމްގެ ވިލަންއެއްގެ ރޯލް ކުޅުނީ އަރްޖުން ރާމްޕާލް އެވެ.
ޝާހްރުކްގެ ކެރިއަރުގައި ކުޅުނު ފުރަތަމަ ސުޕަހީރޯ ފިލްމް "ރާ.ވަން" އަކީ ބޮޑު ބަޖެޓަކުން ހެދި ނަމަވެސް، ބޮކްސް އޮފީހުގައި އުންމީދު ކުރި ކަހަލަ ވިޔަފާރިއެއް ކުރި ފިލްމެއް ނޫނެވެ. އަދި ފިލްމަށް އާންމުންގެ ފަރާތުން ވެސް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެކަމަކު މި ފިލްމަކީ ކުޑަކުދިން ވަރަށް ގަޔާވި ފިލްމެކެވެ.
"ރާ.ވަން" ގެ މުހިއްމު ރޯލެއް ކުޑަކުއްޖަކު ވެސް ކުޅެފައިވެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު، ޝާހްރުކް، 52، ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އިންނެވެ.
ދެން އެންމެ އަވަހަށް އޭނާ މަސައްކަތް ފަށާނީ، ކުޅޭ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ސެލިއުޓް" ގެ މަސައްކަތެވެ. މި ފިލްމްގައި ޝާހްރުކް ފެނިގެން ދާނީ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ރޯލުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރް މިހާރު އިއުލާން ކުރަން ތައްޔާރުވަމުން އަންނަ އޭނާގެ ހަ ވަނަ ޑައިރެކްޝަންގެ ބަތަލުގެ ރޯލުން ޝާހްރުކް ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ.