01 ޖުލައި 2018 - 07:32

ޖެނިފާ ލޮޕޭޒަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށް އަދި ބަތަލާއަލަށް ވިޔަސް، އޭނާގެ 10 އަހަރުގެ އަންހެން ދަރިފުޅު އެމީ މެރިބެލް މުނިޒްގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ. މަންމަގެ ކެރިއަރުގެ މިސްރާބާއި ދަރިފުޅުގެ މިސްރާބު ހާސް ބައި ތަފާތެވެ.

ލޮޕޭޒް ދާދި ފަހުން ހާޕާސް ބާޒާރު މެގެޒިން އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެމީ ވަނީ ވަރަށް ތުއްތު އިރުއްސުރެ ފަހަން ދަސްކޮށްފަ އެވެ. އެހެންވެ ގޭތެރެއިން ފެޝަން ޑިޒައިނަރެއް އުފެދިގެން އަންނާނެ ކަމުގެ ކުލަވަރު ވަރަށް ވެސް ބޮޑު ކަމަށް ބުންޏެވެ.
އެކަމަކު އަދި އެ ހިސާބަކުން ވެސް ނުނިމެ އެވެ. އުމުރުން އަދި އެންމެ 10 އަހަރު ކަމަށް ވިޔަސް އެމީ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފޮތް ނެރެން ތައްޔާރުވަމުންނެވެ. އޭނާ އަމިއްލަ އަށް ލިޔެފައިވާ ފޮތަށް ދީފައިވާ ނަމަކީ "ލޯޑް ހެލްޕް މީ" އެވެ.
އެމީއަކީ ލިޔުންތެރި ކަމަށް ވެސް ވަރަށް ބޮޑަށް ލޯބި ކުރާ ކުއްޖެކެވެ. އެކަމަކު ފުރަތަމަ ފޮތް ނެރޭނެ އިރަކާއި އެއީ ސީދާ ކޮން ކަހަލަ ވާހަކަތަކެއް ހިމެނޭ ފޮތެއް ކަމެއް އަދި ނުބުނެ އެވެ.
"ލޯޑް ހެލްޕް މީ" ޝާއިއުކޮށްދޭ، ޕަބްލިޝިން ހައުސްއާ ބައްދަލުކުރަން ދިޔަ މަގުމަތީގައި ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯތަކެއް އިސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން ލޮޕޭޒް، 48، ބުނީ ދަރިފުޅުގެ ހުވަފެއް ހަގީގަތަކަށް ވާން އުޅޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި މިއީ ވަރަށް ހާއްސަ ކަމެއް ކަމަށް ވެސް ބުންޏެވެ.
އޭނާ މިހާރު އުންމީދުކުރަނީ ދަރިފުޅު ބޮޑުވެގެން ވާނީ ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ލިޔުންތެރިއަކަށެވެ.
އެމީއަކީ 2008 ގައި އެމެރިކާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަށް ލިބުނު އެއްމާބަނޑު ދެބެއިންގެ ތެރެއިން އެކެކެވެ. އަނެއް ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ. އެއީ މެކްޒިމިލަން ޑޭވިޑް މުނީޒެވެ. އެ ދެ ކުދިންނަކީ ލޮޕޭޒާއި ލަވަކިޔުންތެރިޔާ އަދި ކުރީގެ ބައިވެރިޔާ މާކް އެންތަނީ އަށް ލިބުނު ދެ ކުދިންނެވެ.