ސަންޖޭ ބަންސާލީ އާއި ސަލްމާން ހާންގެ އާ ފިލްމްގެ ނަމަކީ "އިންޝާﷲ"
ސަންޖޭ ބަންސާލީ އާއި ސަލްމާން ހާންގެ އާ ފިލްމްގެ ނަމަކީ "އިންޝާﷲ"

ޑައިރެޓަރު ސަންޖޭ ލީލާ ބަންސާލީ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ސަލްމާން ހާނާ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާ އިރު، އެ ފިލްމްގެ ނަމަކީ "އިންޝާﷲ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑީއެންއޭ އިން ބުނި ގޮތުގައި އެ ނަން ބަންސާލީ މިހާރު ވަނީ ރަސްމީކޮށް ރަޖިސްޓްރީ ވެސްކޮށްފަ އެވެ. ނަމަވެސް ފިލްމުގެ އެއްވެސް ތަފުސީލެއް އަދި ބަންސާލީ ނުދެ އެވެ.

އެކަމަކު ބަންސާލީގެ ފިލްމަކުން ފެންނާނެ ކަމުގެ ޔަގީންކަން ސަލްމާން ދާދި ފަހުން ވަނީ ދީފަ އެވެ.

މި ފިލްމަކީ ވަރަށް ވެސް ރީތި އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަށާއި ފިލްމްގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ޑީއެންއޭ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި "އިންޝާﷲ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2020 ގެ ފިތުރު އީދުގަ އެވެ.

ބަންސާލީ އާއި ސަލްމާން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ 2007 ގެ "ސާވަރިޔާ" ގަ އެވެ. ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރް ބޮލީވުޑަށް ތައާރަފު ކުރި އެ ފިލްމްގައި ސަލްމާން ކުޅުނީ ވަރަށް ކުރުކުރު ރޯލެކެވެ.

ނަމަވެސް ސަލްމާން ވަނީ ބަންސާލީގެ ވަރަށް ކާމިޔާބު އިތުރު ދެ ފިލްމެއްގެ ލީޑް ރޯލް ކުޅެފަ އެވެ. އެއީ ހަމް ދިލް ދޭ ޗުކޭ ސަނަމް (1999) އާއި ހާމޯޝީ: ދަ މިއުޒިކަލް (1996) އެވެ.

ދެހާސް ފަނަރައިގައި "ބަޖިރާއޯ މަސްތާނީ" ހަދައިގެން ނެޝަނަލް އެވޯޑް ވެސް ހޯދި ބަންސާލީ އެންމެ ފަހުން ގެނެސް ދިނީ މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އެވެ.

މި މަހުގެ 15 ގައި ރިލީޒް ކުރި "ރޭސް 3" އަށް ފަހު، ސަލްމާން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ އަލީ އައްބާސް ޒަފަރުގެ "ބާރަތު" ގަ އެވެ. އަދި އޭނާގެ އިތުރު ފިލްތަކެއް ޝޫޓިން ފަށަން ކިއުގައި އެބަ ހުއްޓެވެ.