30 ޖުލައި 2016 - 08:40

މެންޗެސްޓާ (ޖުލައި 30) - ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމަށް އިއްޔެ ކުޅުން ހުއްޓާލި ބަސްޓިއަން ޝްވެއިންސްޓެއިގާ އަށް މެންޗެސްޓާ ޔުނައިޓެޑުގައި އޮތް ފުރުސަތާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޔުނައިޓެޑުގެ ސްކޮޑް ބުރާސްފަތި ދުވަހު އެއްކޮށް ހަމަވެ، ޕްރެކްޓިސް ކުރި ނަމަވެސް ޝްވެއިންސްޓެއިގާ އެ ދުވަހު ޓްރެއިނިން ހެދީ ވަކިންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޔުނައިޓެޑުގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި ޝްވެއިންސްޓެއިގާ ނުހިމެނެ އެވެ. ކްލަބުން ދޫކޮށްލާ ނުވަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބަޔާން މިއުނިކުން 14 މިލިއަން ޕައުންޑަށް މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ޝްވެއިންސްޓެއިގާ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. ގައުމީ ޓީމަށް ކުޅެނިކޮށް މާޗު މަހު ކަކުލަށް އަނިޔާވި އިރު އޭނާ އަލުން ފިޓްވީ ޔޫރޯ އަށެވެ.
ޖަރުމަން ގައުމީ ޓީމަށް 2004 އިން ފެށިގެން 120 މެޗު ކުޅެދީފައިވާ އުމުރުން 31 އަހަރުގެ ޝްވެއިންސްޓެއިގާ ވަނީ އެ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޝްވެއިންސްޓެއިގާގެ އިތުރުން ޔުނައިޓެޑުގެ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނޫޒާއީގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ޑޭވިޑް މޮއިސްގެ ކޯޗުކަމުގެ ދަށުން 2013/2014 ގައި މޮޅަށް ކުޅުނު ނަމަވެސް ފަހުން އޭނާގެ ކުޅުން ދަށްވި އެވެ. ލޯނެއްގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް މިދިޔަ ސީޒަނުގައި ކުޅުނު އިރު ވެސް އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ.
މޮރީނިއޯ ވަނީ ޔުނައިޓެޑަށް ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗާއި ޑިފެންޑަރު އެރިކް ބެއިލީގެ އިތުރުން ޑޯޓްމަންޑުގެ ހެންރިކް މިކިތަރިޔަން ގެނެސްފަ އެވެ. މީގެ އިތުރުން އެ ޓީމުން އަންނަނީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަންނަން ވެސް މަސައްކަތްކުރަމުންނެވެ.