ވޮށްމުލި ރިސޯޓުގައި އަލިފާންރޯވެ ގެއްލުން ލިބިއްޖެ
ވޮށްމުލި ރިސޯޓުގައި އަލިފާންރޯވެ ގެއްލުން ލިބިއްޖެ

ދ. އަތޮޅު ވޮށްމުލި ރިސޯޓުގެ ވޯޓާ ސްޕާގައި މިއަދު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވޮށްމުލީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 9:05 ހާއިރު ކަމަށެވެ. ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކުރެވުނަސް އެ ސަރަހައްދުގައި ސިފައިން އަދި ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެެވެ.

އަލިފާނުގެ އެ ހާދިސާ ފުލުހުން ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭގޮތުން ވޮށްމުލީ ރިސޯޓުން އަދި ވާހަކައެއް ނުދައްކަ އެވެ.

މިިދިޔަ ހަފުތާގެ ހޯމަ ދުވަހު ވެސް ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނީ އެކަން ދިމާވީ ކަރަންޓް ޝޯޓުއްގެ ސަބަބުން ކަމަށެވެ.