އިބޫއާ އެކު ނައިބު ރައީސަކަށް އައިޝާ އިންތިޚާބުކުރަން ތާއީދުކުރަން: އަލީ ވަހީދު
އިބޫއާ އެކު ނައިބު ރައީސަކަށް އައިޝާ އިންތިޚާބުކުރަން ތާއީދުކުރަން: އަލީ ވަހީދު

އިދިކޮޅު ކޯލިޝަން ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ނައިބު ރައީސަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) އިންތިޚާބުކުރަން ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ކަމަށް އެމްޑީޕީގެ ބޭފުޅަކު އަދި ނައިބު ރައީސްކަން ޖޭޕީ ގެ ބޭފުޅަކަށް ދޭން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓް ހައްގުވަނީ މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ ހިތްވަރުގަދަ އާއިލާ އަށް ކަމަށެވެ.

ގާސިމް އިބްރާހީމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގަ އެވެ. އެ ހުކުމުގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.

ނައިބު ރައީސަކަށް ހޮވަން އަލީ ވަހީދު ތާއީދު ކުރެއްވި ގާސިމްގެ ހަގު އަނބިކަނބަލުން އައިޝާ ސިޔާސީ ދާއިރާ އަށް ނުކުންނެވީ މިދިޔަ ހަފުތާގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގަ އެވެ. ކޮންގްރެސްގައި ވާދަކުރައްވައި ކައުންސިލަށް އޭނާ ވަނީ ހޮވިވަޑައިގެންފަ އެވެ.

ކޮންގްރެސްގެ ކުރިން، އައިޝާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ކުރިމަތިލެއްވިއިރު، އޭނާގެ ކެމްޕެއިންގެ ތެރެއިންނެވެ. އޭރު، ގާސިމަށް ކެމްޕެއިން ކޮށްދެއްވުމަށް އައިޝާ ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.

ސެޕްޓެމްބަރު 23، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އެއް ކެންޑިޑޭޓަކު ނެރުމުގައި ޕާޓީތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ހައްލެއް ލިބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓް ދޫކޮށްލައްވައި އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވުމުންނެވެ.

އެއާއެކު، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް އަދި ޖޭޕީން ރަނިންމޭޓެއް ނެރެން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އިދިކޮޅުގެ އެންމެން އެއްބަސްވެ ނެރޭ ރިޔާސީ ކެންޑިޑޭޓް، ރަނިންމޭޓާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ނަޝީދު ޓިކެޓް ދޫކޮށްލެއްވުމުން، ދެން އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވެނީ ހިންނަވަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިބޫ އެވެ. އޭނާ އަށް ރިޔާސީ ކެންޑިޑޭޓުކަން ދިނުމާ މެދު، އއ. އުކުޅަހުގައި މިއަދު ފަށާ އެމްޑީޕީގެ ކޮންގްރެސް ގައި ގޮތެއް ނިންމާނެ އެވެ. ޖޭޕީން ކަނޑައަޅާ ރަނިންމޭޓް ވެސް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.