30 ޖޫން 2018 - 07:35

ސޯޗީ (ޖޫން 30) – ކްރިސްޓިއާނޯ ރޮނާލްޑޯ ހިފަހައްޓައިފި ނަމަ ޕޯޗުގަލްގެ 50 ޕަސެންޓް ހުއްޓުވުނީ ކަމަށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި މިރޭ އެ ގައުމާ ދެކޮޅަށް ނުކުންނަ އުރުގުއޭގެ ކުރީގެ ފޯވާޑް ޑިއޭގޯ ފޯލާން ބުނެފި އެވެ.
މުބާރާތުގައި ރޮނާލްޑޯ މިހާތަނަށް ހަތަރު ގޯލް ޖަހާފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ މެޗުގައި ސްޕެއިން ކޮޅަށް ހެދި ހެޓްރިކް ހިމެނެ އެވެ. އަނެއްކޮޅުން އުރުގުއޭ އަކީ މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ގޯލެއް ނުވަންނަ ހަމައެކަނި ޓީމެވެ.
"ރޮނާލްޑޯ އަކީ ލީޑަރެއް. އޭނާ ގޯލް ޖަހާ ގޮތާއި އެ ގޯލްތައް ޓީމަށް މުހިއްމުވާ މިންވަރަށް ބަލާއިރު،" 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ފޯލާން ބުންޏެވެ. "އަހަރެމެންގެ އޮތީ ވަރަށް ޑިފެންސިވް ޓީމެއް. އަދި ވަރަށް ރަނގަޅު ޑިފެންޑަރުން އެބަތިބި.
ފޯލާން ބުނީ ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އުރުގުއޭގެ ޑިފެންސާއި އެ ޓީމުން ކުޅެމުން އަންނަ ގޮތާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
"ޑިފެންސިވްލީ އަހަރެން ކަންބޮޑެއްނުވޭ. އެކަމަކު އަހަރެމެން ވަރަށް ސަމާލުވެގެން ތިބެން ޖެހޭނީ. އެހެން މެޗުތަކަށް ވުރެ މި މެޗުގައި ސަމާލުވެގެން ތިބެން ޖެހޭނީ. އަހަރެމެން ހުރިހާ ޓީމުތަކަށް ވެސް އިހުތިރާމްކުރަން. ކޮންމެހެން ޕޯޗުގަލްވީތީ އަހަރެމެން ބަދަލުވާން ޖެހެނީއެއް ނޫން،" އުރުގުއޭ އިން 2010 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ހޯދިއިރު ފަސް ގޯލް ޖެހި ފޯލާން ބުންޏެވެ.
ރޮނާލްޑޯ އަންނަނީ މި ފަހަރުގެ ރަންބޫޓަށް ވާދަކުރަމުންނެވެ. ފޯލާން ބުނީ ރޮނާލްޑޯގެ ދިރިއުޅުން ހުންނަނީ ގޮންޖެހުންތަކާ ކުރިމަތިލާ ހިތްވާ މީހެއްގެ ގޮތުގައި ކަމަށާއި މިހާތަނަށް ވެސް އެތައް ކަމެއް ހާސިލްކޮށްފައިވާއިރު ރަންބޫޓަށް ޓާގެޓްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ޕޯޗުގަލް އާއި އުރުގުއޭ ބައްދަލުކުރާ ދެ ވަނަ ބުރުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރެވެ.