30 ޖޫން 2018 - 00:57

އަލަށް ގުޅުނު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ފ. ނިލަންދޫ އަތުން 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
މިނިވަން ޗެމްޕިއަންޝިޕުން މުބާރާތަށް ހޮވުނު ޓީމުތައް ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މިވަނީ ތަފާތު ބޮޑު ނަތީޖާއެއް ފެނިފަ އެވެ. ރޭ ނިއު ރޭޑިއަންޓުން ވަނީ ތ. ތިމަރަފުށި ކޮޅަށް 10 ގޯލް ޖަހައިފަ އެވެ. ދެން އޮންނާނީ ށ. ފޯކައިދޫއާ ދެކޮޅަށް މާދަމާ ހަވީރު ކްލަބް ގްރީންސްޓްރީޓްސް ކުޅޭ މެޗާއި ބ. ފެހެދޫންއާ ދެކޮޅަށް މާދަމާރޭ ވިކްޓަރީ ކުޅޭ މެޗެވެ.
މިރޭގެ މެޗުގައި ނިލަންދޫ ކޮޅަށް ފުރަތަމަ 15 މިނެޓުގެ ތެރޭގައި ޓީސީން ވަނީ ތިން ގޯލް ޖަހައިފަ އެވެ. ފުރަތަމަ ގޯލް ފަސް ވަނަ މިނެޓުގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލީ ކެޕްޓަން އަހުމަދު ފައްރާހް ނެގި ހުރަހަކުންނެވެ. އޭގެ ދެ މިނެޓު ފަހުން ދަގަނޑޭ ވަނީ ލަނޑު ޖަހައި ޓީސީގެ ޖާޒީގައި އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފަ އެވެ. ޓީސީގެ ތިން ވަނަ ގޯލް 15 ވަނަ މިނެޓުގައި ޖެހީ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ.
އޭގެ ފަހުން ނިލަންދޫ އިން ކޮންމެވެސް ވަރަކަށް މެޗުގެ ތެރެއަށް ވަނެވެ. އެކަމަކު މައްސަލައަކަށްވީ ކުރީގައި ބޯޅަ ނުހިފެހެއްޓި ފަހަތަށް ބާރުބޮޑުވުމެވެ. އެ ޓީމު ކޮޅަށް ހަތަރު ވަނަ ގޯލް ވަނީ ހާފުގެ ފަހު މިނެޓުގަ އެވެ. ހިތްގައިމު ހިލޭ ޖެހުމަކުން މި ގޯލް ވައްދާލީ ދަގަނޑޭ އެވެ.
ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ޓީސީން ފަސް ވަނަ ގޯލް ޖެހި އެވެ. ޓީސީން ގޯލަށް ފޮނުވާލި ހަމަލާ ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހް އަތަށް ނަގާފައި އޮއްވާ އެ ބޯޅަ ދޫވެ ޓީސީ ކުޅުންތެރިންނަށް ލިބުނެވެ. އެ ވަގުތު އިއްބެ ވަހީދު ވަނީ ޓީސީ އަށް ފަސް ވަނަ ގޯލް ޖަހައިދީފަ އެވެ.
ދެ ވަނަ ހާފުގައި ނިލަންދޫ ކުޅުންތެރިންނަށް އިތުބާރު ލިބި ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓަން މަސައްކަތްކުރި އެވެ. އަދި ޑިފެންސްގައި ވެސް ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު 76 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އިތުރު ލަނޑެއް ޖަހައި ޓީސީ އަށް އަނެއްކާ ވެސް ތަފާތު ބޮޑުކޮށްދިނެވެ.
ނިލަންދޫގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ އިތުރު ވަގުތުގެ ތެރޭގަ އެވެ. ނިލަންދޫގެ ޓީމުގެ ކެޕްޓަން އަހުމަދު އަލީ (އައްމަޑޭ) އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ކުޅުންތެރިއަކަށް ނުލިބި، ލިބުނީ ޓީސީގެ ޑިފެންޑަރު މުހައްމަދު އައްޒާމަށެވެ. އެކަމަކު އޭނާ ކޮންޓްރޯލްކޮށްލަން ޖައްސާލި ބޯޅަ ގޮސް ގޯލުގެ ކަނަށް ވަނީ އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުގައި މުހިއްމީ ތިން ޕޮއިންޓް ހޯދައި އަދި ފުރަތަމަ މެޗަށް ވުމާ އެކު ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުކޮށް އިތުބާރު ހޯދަން ކަމަށާއި ތަފާތު ބޮޑު ނަތީޖާއަކަށް ނުވިސްނާ ކަމަށެވެ.
އޭނާ ބުނީ ރޯދަ މަހަށް ފަހު ކުޅުންތެރިން އަލުން ފިޒިކަލީ ތައްޔާރުވެ މެޗަށް ސަމާލުވާން ވަގުތުތަކެއް ނަގާނެ ކަމަށާއި އެކަމަކު މިރޭގެ މެޗުގައި އެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ. މީގެ އިތުރުން އަލަށް ކުޅުނު ދަގަނޑޭއާ އެހެން ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު ކަމަށާއި އޭނާ އަކީ އަލަށް ކުޅުނު ކުޅުންތެރިއެއްހެން ހީނުވާ ކަމަށް ނިޒާމްބެ ބުންޏެވެ.
ނިލަންދޫގެ މެނޭޖަރު އަބްދުލްހަލީމް ހަމީދު ބުނީ ތައްޔާރުވަން ލިބުނު ވަގުތާއި ހުރިހާ ކަމަކަށް ބަލާއިރު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ޓާގެޓަކަށް ހަދާފައި އޮތީ ބައިކޮޅަށް ހަތް ގޯލަށް ވުރެ އިތުރަށް ވައްދާނުލައި ހިފަހައްޓާލުން ކަމަށެވެ.