އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް
އިންޑިއާ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް

ނިއު ދިއްލީ (ޖޫން 30) - އިންޑިއާ ފައިސާގެ އަގު ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ހިނގައްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ޑޮލަރަކަށް އިންޑިއަން ރުޕީސް މާރުކުރާ އަދަދު ވަނީ 69.0925 އަށް ވެއްޓިފަ އެވެ. މީގެ ކުރިން ރުޕީސްގެ އަގު އެންމެ ދަށްވެފައި ވަނީ ނޮވެމްބަރު 24، 2016 ގަ އެވެ. އެ ފަހަރު ޑޮލަރާ އަޅާބަލާ އިރު ރުޕީސްގެ އަގު ވަނީ 68.8650 އަށް ވެއްޓިފަ އެވެ.

އޭޝިޔާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ އިގްތިސާދަށް މިހާރު ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އޭގެ ތެރޭގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމާ އަދި ތެލުގެ އަގު މައްޗަށް ދިއުން ހިމެނެ އެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެބަޔަކީ އިމްޕޯޓެވެ. ތެޔޮ އުފައްދާ މިންވަރު ލިމިޓް ކުރަން އޯޕެކުން މިދިޔަ މަހު ނިންމުމާ ގުޅިގެން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 80 ޑޮލަރަށް އަރައިފަ އެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އެމެރިކާ އިން ދަނީ އިންޑިއާ އިން އީރާނުން ތެޔޮ އިމްޕޯޓް ނުކުރުމަށް އިންޒާރު ދެމުންނެވެ.

އިންޑިއާގެ އިގްތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ރަނގަޅަށް ނުކުރެއްވިގެން އުޅެނިކޮށް އަންނަ އަހަރުގެ މެއި މަހު އާއްމު އިންތިޚާބު އޮންނާނެ އެވެ. ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ މޯދީ ވަނީ ޒުވާނުންނަށް އަހަރަކު 10 މިލިއަން ވަޒީފާ އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.