ދިހައެއް: ދަލޭކަދައިތަ
ދިހައެއް: ދަލޭކަދައިތަ

(ޖުލައި 28 ގައި ޖެހި ބަޔާ ގުޅޭ)

ގަދަ ވަޔާއި ރާޅުތަކުގެ ތެރޭގައި ރަށުގެ ފަޅަށް ވަންނާނެ ގޮތެއް ނުފެނި، އެންމެ ފަހުން އޮޑި އެރީ ފަރަށެވެ. ދޯނިން ބޮޑު ފިލާގަނޑެއް ނަގައި، އޭގެ މަތީގައި ދޮންއިސްމާއިލް ބާއްވައިގެން، އެދުރު ގާސިމާއި ވީރު މޫސަ ފަތާފައި ކުރި މަސައްކަތުން ލައްވާލީ ދައްޕަރު ސަރަހައްދެވެ. އެމީހުން ވަލީއަހުދު ނަގައިގަނެގެން ގެންގޮސް ބޭއްވީ ރާވެރިޔަކު ފަނުން ހަދާފައި ހުރި ކުޑަކުޑަ ގެއެއްގެ ދަނޑި އަށި މަތީގަ އެވެ.

ދޮންއިސްމާއިލަށް ފަރުވާދޭނެ ރަނގަޅު ތަނެއް ހޯދަން ދެ އެކުވެރިން، ފިއްލަދޫގައި މީހުން އުޅޭ ސަރަހައްދަށް އެރި އެވެ. އެތަނުން އެމީހުންނަށް ލިބުނީ، ކުރިން އެރަށުގައި އުޅުނު ބާރަށު ދެމަފިރިއަކު ބޭނުންކުރި ގެއެކެވެ. ދޮންއިސްމާއިލް ގެނެސް އެގޭގައި ބާއްވައި، އެދުރު ގާސިމް އިސްކޮށް ހުރެ ފަރުވާދޭން ފެށި އެވެ. އެގެއަށް އެހެން އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް، ވީރު މޫސަ ދިޔައީ ބަލަހައްޓަމުންނެވެ.

އެކަމަކު ދޮންއިސްމާއިލަށް ލިބިފައި އޮތީ އާދައިގެ ޒަހަމެއް ނޫނެވެ. ރަނގަޅު ނުވާނެކަން އޭނާ އަށް ވެސް އެނގެ އެވެ. މަރު ކައިރިވަމުން ދިޔަ އިރު އެދުރު ގާސިމާއި ވީރު މޫސަ ގެނެސް ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ކޮންމެ ވަގުތަކު ވެސް ރަސްގެފާނުގެ ލަޝްކަރު ފިއްލަދު އަށް އަތުވެދާނެ ކަމަށާއި އޭނާ ދޫކޮށްލާފައި، އެރަށުން ފިލައިގެން މަލިކަށް ދާން، ދެ އެކުވެރިންގެ ކިބައިން އާދޭސްކުރި އެވެ.

އެކަމަކު އެ މީހުންގެ ވާހަކަ ވަރަށް ސާފެވެ؛ ދޮންއިސްމާއިލް ފެށީ ރާއްޖޭގެ އަނިޔާވެރި އަދި ފާފަތަކުން ފުރިފައި އޮތް ރަސްކަން ބަދަލުކުރުމުގެ މާތް މަސައްކަތެވެ. އެ އަޒުމުގައި އުޅެނިކޮށް ޝަހީދުވާ މީހެއް ދޫކޮށްލާފައި ނުދާނެ ކަމެވެ.

ދޮންއިސްމާއިލަށް ހޭވެރިކަން ވާ ކޮންމެ ވަގުތަކު ލޮލުން ކަރުނަ ފައިބަ އެވެ. އޭނާ ރޮމުން ދިޔައީ، ބައްޕަގެ ނުރުހުމުގައި، ފިލައިގެން މިސްރަށް ގޮސް، ދީނީ ބޮޑު އިލްމުވެރިޔަކަށް ވެގެން އަމިއްލަ ގައުމަށް އައުމުން އެ ގައުމުގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ނުލިބި ދުނިޔެ ދޫކުރަން ޖެހޭތީ އެވެ. އޭނާގެ ހުވަފެނަކަށް ވެފައި އޮތީ، އިސްލާމީ ރަނގަޅު ވެރިކަމެއް ކުރާ، އިލްމުވެރި މުޖުތަމައުއެއް އުފެއްދުމެވެ. އެ ފުރުސަތު ނުދިނީ އޭނާގެ އަމިއްލަ ބައްޕަ އާއި ކޮއްކޮމެންނެވެ. ދީނީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ދިޔައީ ސީދާ އޭނާގެ އަމިއްލަ އާއިލާގެ މެމްބަރުންނެވެ. އެމީހުން ތައުލީމް ދެކެ ފޫހިވެ އެވެ. އިލްމުވެރިން ދެކެ ރުޅިއާދެ އެވެ. އިލްމުވެރިން މަރަމުން ގެންދިޔަ އެވެ.

"އަހަރެން މި އޮތީ މަރު އެނދުގައި. އަހަރެންގެ ހަނދާންތައް އާކުރާނެ، ހެޔޮ ދުއާކުރާނެ، ދަރިއަކު ވެސް ނެތް. ކަލޭމެންގެ ކިބައިން އެދެނީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ދަރިންތަކެއް މި ގައުމަށް ގެނެސްދޭން. ފާޅުގައި އެކަން ނުކުރެވެންޏާ ސިއްރުގައި ނަމަވެސް އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާތި. މޫސައާ އަހަރެން މި ހަވާލުކުރަނީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އިލްމުވެރިޔާ. ގާސިމްގެ ލެޔަށް އަހަރެންގެ ބައްޕަ ހުންނާނީ ފެންބޮވައިގެންފައި. އެކަމަކު މޫސަ އޭނާ ކައިރީގައި ހުރިއްޔާ ކޮންމެ މީހަކު ވެސް ޖެހިލުންވާނެ. މިއީ އަހަރެންގެ ވަސިއްޔަތް،" އެއް ރޭ ދަންވަރު، ވަރަށް ސާފުކޮށް ދޮންއިސްމާއިލް ވާހަކަ ދެއްކި އެވެ.

އެއީ ޒަހަމްވި ފަހުން އެންމެ ރަނގަޅަށް އޭނާ އަށް ވާހަކަ ދެއްކުނު ފަހަރެވެ. އޭނާ މަރުވީ އެރޭ ފަތިސް ނަމާދު ވަގުތު ހަމަ ޖެހުނުތަނާ އެވެ.

އެދުރު ގާސިމާއި ވީރު މޫސަ ނިންމީ ފިއްލަދޫގައި ދިރިއުޅުން ކުރިއަށް ގެންދާށެވެ. ގާސިމްގެ އިލްމުވެރިކަމުގެ ބޭނުންހިފި އެވެ. ދޮންއިސްމާއިލް މަރުވި ގެއަކީ އޭނާގެ ގެ ކަމަށް ހެދި އެވެ. އެގެއަށް ރުނބައެއް ވައްދާ، ގަދަ ވިއްސާރައިގެ ތެރޭގައި، ހަތް ފަހަރު މަތިން، ފެން އަޅާ ފުރާލި އެވެ. އެއިން ފެން ތައްޓެއް ކޮންމެ ދުވަހަކު، އޭނާ އާއި ވީރު މޫސަ ބޮމުން ގެންދިޔަ އެވެ.

އެމީހުން ބަލާ، މާލެއިން އެއްވެސް ލަޝްކަރެއް ނާދެ އެވެ. ރަދުން މަހާމުހައްމަދަށް ކުރެވުނުހާ ވެސް ކަމަކީ ސިފައިން ފޮނުވުމާ ބެހޭ ގޮތުން ދެ ދަރިންނާ އެކު ކުޑަ ވަގުތުކޮޅަކު ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އެމީހުންނަށް ދިމާވީ މުޅިން އެހެން ބަދުނަސީބެކެވެ.

އެދުރު ގާސިމްގެ ފަރާތުން ރަސްގެފާނަށް ވަރަށް ހާއްސަ ލިއުމެއް ފޮނުވި އެވެ. އެ ލިއުން އޮތީ ހުދު ފޮތިގަނޑެއްގައި ރަނގަޅަށް ބަނދެފަ އެވެ. ރަސްގެފާނު އަތުން އެ ފޮތިކޮޅު މޮހެލައި، އޭގައި ރައްކާކޮށްފައި އޮތް، ވަރަށް މަޑު ފެހި ކުލައެއްގެ ބޮޑު ފަތެއް ނެގި އެވެ. އޭގެ ފަހުން އޭނާގެ ފިރިހެން ދެ ދަރިންގެ އަތަށް ވެސް އެ ފަތް ދިނެވެ. އޭގައި ފުރަތަމަ އިއުލާންކޮށްފައި އޮތީ، "އިސްލާމް ދީނުގެ މަތިވެރިކަން ރާއްޖޭގެ ރަސްކަމުގެ ކިއްލާގައި ފެތުރުމުގެ އުއްމީދުގައި، ހިތްވަރާއި އަޒުމުގައި ހަނގުރާމަކުރި ދޮންއިސްމާއިލް ޝަހީދުވެއްޖެ" އެވެ، މިހެންނެވެ. ދެން ގުރުއާނުގެ އާޔަތަކަށް ފަހު ލިއުނީ "އަހަރެމެން މި އުޅެނީ ފިއްލަދޫގައި" ކަމަށެވެ. އެ ރަށު މީހުންނަށް އެމީހުންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށް ލިއުމަށް ފަހު ދެން އޮތީ، ފާޑެއްގެ އަމުރެކެވެ. "އަހަރެމެންނަށް އުނދަގޫކުރަން އެއްވެސް ބަޔަކު މާލެއިން ފޮނުވައިގެން ނުވާނޭ" އެވެ.

އެ ކިޔާ ނިންމާފައި ރަސްގެފާނާއި އޭނާގެ ދެ ދަރިން ފެށީ ހޭށެވެ. އެމީހުންގެ މޫނުމަތީގައި ވަނީ މަލާމާތާއި ބޮޑާކަމުގެ އަސަރުތަކެވެ. އާދައިގެ ދެ ސޮރަކު، ރަސްކަލުންނަށް އެ އަންގަނީ، އެ މީހުންނަށް އުނދަގޫ ނުކުރުމަށެވެ. އެއަށް ވުރެ ބޮޑު މަލާމާތެއް އޮންނާނެ ހެއްޔެވެ؟

ލަޝްކަރެއް ފޮނުވައި، އެދުރު ގާސިމާއި ވީރު މޫސަގެ ބޯ ކަނޑާލައިގެން މާލެ ގެންނަން، އެވަގުތުން ފެށިގެން ވެސް ތިން މީހުން ރާވަން ފެށި އެވެ. އެ މަޝްވަރާގައި އިންދާ އެންމެ ފުރަތަމަ ދުޅަވާން ފެށީ ރަސްގެފާނުގެ ދެ އަތްތިލަ އެވެ. ބަލަބަލާ ހުއްޓާ އެ ދުޅަ، ދެ އަތަށް ފެތުރި، ކަނދުރާ މައްޗަށް އެރި އެވެ. ދެން ފެނުނީ ރަސްގެފާނު ކުއްލިއަކަށް މަރުވެގެން ވެއްޓުނު ތަނެވެ.

އެ ކުއްލި ބިރުވެރިކަން އަމިއްލަ ސިކުނޑި އަށް ނަގައި ނުގެނެވެނީސް، އޭނާގެ ފިރިހެން ދެ ދަރިންގެ ދެ އަތް ތިލަ ވެސް ދުޅަވެ، އެ ދުޅައިގެ ތެރެއަށް މުޅި ދެ އަތް ވަދެ، އެންމެ ފަހުން ކަނދުރާ އާއި މޫނުގެ މަސްގަނޑާއި ހަންގަނޑު ވެސް މިލައިގެން ދިޔަ އެވެ.

ބައްޕަ އާއި ދެ ދަރިން މަރުވީ، އެދުރު ގާސިމް ފޮނުވި ފަތުގައި އަތްލިތާ ވިއްސަކަށް މިނިޓް ތެރޭގަ އެވެ.

އެދުރު ގާސިމްގެ ލިއުމެއް އޭރުގެ ބޮޑުވަޒީރަށް ވެސް ފޮނުވި އެވެ. އޭގައި އޭނާ ލިއުނީ، ރަސްކަމަށް ދެން އަންނާނީ ބޮޑުވަޒީރު ކަމަށެވެ. އެކަމަކު އެ މީހުންގެ ދިރިއުޅުމަށް އުނދަގުލެއް ކުރަން ރަސްކަމުގެ ފަރާތުން އެއްވެސް ބަޔަކު ފިއްލަދު އަށް ފޮނުވައިގެން ނުވާނެ ކަމަށް އެދިފައި އޮތެވެ. ދެން ބޮޑުވަަޒީރަށް އެންގީ އެ މީހުން ރާއްޖޭގައި ވެސް ނޫޅޭކަން ރަސްމީކޮށް އިއުލާންކުރުމަށެވެ. ރަސްކަލުން މަހާމުހައްމަދާއި އޭނާގެ ދެ ދަރިން މަރުވި ގޮތް ބޮޑުވަޒީރަށް ފެނުނެވެ. އެހެންކަމުން އޭނާގެ ދިރިއުޅުން އެދުރު ގާސިމްގެ ސިހުރުވެރި ބާރުގެ ތެރޭގައި ގުރުބާންކުރާކަށް ބޭނުމެއް ނުވި އެވެ.

ބޮޑުވަޒީރު ކަންތައް ކުރީ އެދުރު ގާސިމް ބުނި ގޮތަށެވެ. ރަސްކަމަށް އިސްވެ، ދޮންއިސްމާއިލާއި އޭނާގެ ދެ އެކުވެރިންގެ ވާހަކަ އޮޅުވާލި އެވެ. އެމީހުން ދިޔައީ އިންޑިއާގެ ކޮއްޗޭ އަށް ކަމާއި އެތަނުން އިންޑިއާގެ އެހެން ހިސާބަކަށް ފަހުން ދަތުރުކުރި ކަމަށް ވެސް، ރަސްކަމުގެ ފަރާތުން ރަސްމީކޮށް ލިއުނެވެ.

މަހާމުހައްމަދާއި އޭނާގެ އާއިލާގެ އަތްދަށުން ރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިއުމާ އެކު، އެދުރު ގާސިމާއި ވީރު މޫސަ، ޖެހިޖެހިގެން ހުރި ދެ ގޭގައި، އާންމު ދިރިއުޅުމެއް ފެށި އެވެ. އެދުރު ގާސިމް ކައިވެނިކުރީ އުތީމު އަންހެނަކާ އެވެ. ވީރު މޫސަ ޒަވާޖީ ހަޔާތް ފެށީ، ހދ. މަކުނުދު އަށް ދަތުރުކޮށް، އެރަށުން ހޯދި އަންހެން ކުއްޖަކާ އެވެ.

ދެ އަންހެނުން އެ ދެ ގޭގައި ދިރިއުޅެން ފެށުމާ އެކު އެއް ރޭ ދަންވަރު ބަރާބަރު ދޭއް ޖެހި ވަގުތު އެދުރު ގާސިމް ބޭރަށް ނުކުތެވެ. އޭނާގެ އަތުގައި އޮތީ ފަންޑިތަ ލިއެފައި އޮތް ކުރެދި އަބެކެވެ. ދެ ގޭގެ ވަށައިގެން ބިންގަނޑުގައި އެއިން ރޮނގެއް ދަމާލީ ހުއްޓުމެއް ނެތި އެވެ.

އަދިއަދަށް ދާންދެން ވެސް އެ ދެ ގެއާ ޖެހިގެން ފިއްލަދޫގައި އެހެން ބަޔަކު ދިރިއުޅެން ފަށާފައެއް ނުވެ އެވެ. އެހެން ގޭގެ ހަދަމުން އަންނަނީ އެރޭ އެދުރު ގާސިމް ދަމާލި ރޮނގަށް ވުރެ ބޭރުންނެވެ.

ދަރިން ލިބުމުން އެދުރު ގާސިމްގެ އިލްމުވެރިކަމާއި ދީންވެރިކަން، އެމީހުންނަށް ދަސްކޮށްދެމުން ގެންދިޔަ އެވެ. ވީރު މޫސަގެ އާއިލާގެ ޒިންމާއަކަށް ވީ، އެދުރު ގާސިމްގެ ދަރިންގެ ބަސް ގަބޫލުކޮށް، އެއީ އެމީހުންގެ ސާހިބުން ކަމަށް ދެކިގެން ދިރިއުޅުމެވެ. ރަށުގެ އެހެން މީހުންނާ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ. އެހެން މީހުން ވެސް އެ ދެ އާއިލާގެ ކަންކަމާ ބެހިއެއް ނޫޅެ އެވެ.

ދަލޭކަދައިތަ އުފަންވީ ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައިގެ ވެސް ކުރިންނެވެ. އެއީ އެދުރު ގާސިމް އާއިލާގެ ހަތަރު ވަނަ ޖީލެވެ. ދަލޭކަދައިތަގެ ދޮއްޓަށް ހުރި ބޭބެ، މަލިކަށް ކުރި ދަތުރެއްގައި ގެއްލުނު ގޮތަށް އަދިވެސް ނުފެނެ އެވެ. ދަލޭކަދައިތަ ކައިވެނިކުރީ، ދައްޕަރުގައި ރާވެރިކަން ކުރަން އައިސް އުޅުނު ހދ. ފިނޭ މީހަކާ އެވެ. އެކަމަކު ދީންވެރި ދެމަފިރިންގެ ދަރިއަކު ނެތެވެ.

ފިއްލަދު އަށް އެކަނިމާއެކަނި ދަތުރުކުރި އިރު ފޮރުވިފައި އޮތް އެ ތާރީހުގެ އެއްވެސް މައުލޫމާތެއް ފާތިރަށް ލިބިފައެއް ނުވެ އެވެ. އޭނާ ހަމައެކަނި ޔަގީންކުރީ އެރަށުގައި 90 އަހަރުގެ އަންހެނަކު އޮތްތޯ އެވެ. އަދި އެ އަންހެންމީހާ ބަލަހައްޓަމުން ދަނީ ކޮން ބައެއްތޯ އެވެ. އޭނާ އަށް ލިބުނު މައުލޫމާތާއި އިބްރާހިމް ކިޔައިދިން ވާހަކަތަކާ ދިމާވި އެވެ.

އެކަމަކު އިބްރާހިމް އޭނާ ގާތު ބުނި ސިއްރު، އޭނާގެ ދެ އެކުވެރިންނަކަށް ކިޔައެއް ނުދެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޒަވީން އާއި ނާވިޝް ސުވާލެއް ވެސް ނުކުރެ އެވެ. ފާތިރުގެ އަމުރަަށް އެ ދެ އެކުވެރިން ބޯލަނބަނީ ޝައްކެއް ނެތި، އިހުތިރާމާ އެކު އެވެ. އެ މީހުން ގާތުގައި ބުނަން ޖެހޭ ވާހަކައެއް ނަމަ ސިއްރުނުކުރާނެކަމުގެ ޔަގީންކަން ޒަވީން އާއި ނާވިޝް އަށް އޮވެ އެވެ.

ފިއްލަދޫގައި ދުވަހު ކުއްޔަށް ފާތިރު ހިފި ކޮޓަރިން، ދެ ނަމާދު ދޭތެރޭގައި، އޭނާ ނުކުމެ ފުރަތަމަ ދިޔައީ މިސްކިތަށެވެ. އިޝާނަމާދުކޮށްގެން އޭނާ ހިނގައިގަތީ، އެދުވަހު ހަވީރު އޭނާ ފާހަގަކުރި ގެއާ ދިމާއަށެވެ. ރަށުގައި ކަރަންޓް ހުއްޓަސް މަގުމަތީ ހޮޅިބުރިތައް ހުރިލެއް ދުރުކަމުން މަގުތަކުގެ ބޮޑު ބައި އޮތީ އަނދިރިކަމުގެ ތެރޭގަ އެވެ.

އެ ގެއާ ޖެހިގެން ހުރި ގެ ފިޔަވައި ދެން އެހެން ގެތައް ހުރީ ތަންކޮޅެއް ދުރަ އެވެ. ހީވަނީ އެ ދެ ގެއާ ކައިރީގައި އެހެން ބަޔަކު އުޅެން ބޭނުން ނުވާ ހެންނެވެ.

ފުރަތަމަ ގޭ ކައިރި އަށް ދެވުނު ތަނާ، އެގޭ ދޮރުން ނުކުން ތަން ފެނުނީ ދިވެހިންގެ އާންމު އިސްކޮޅަށް ވުރެ ބިޔަ ހަތަރު ފިރިހެނުންނެވެ. އެހާ ހިސާބުން ފާތިރަށް ހުއްޓުން އެރި އެވެ. އިބްރާހިމް ބުނި ގޮތުން ނަމަ މުސްކުޅި އަންހެންމީހާ ބަލަހައްޓަނީ ޖެހިގެން ހުރި ގޭގެ މީހުންނެވެ. ނުކުމެ އެތިބީ އެމީހުންނެވެ. ހަތަރު މީހުން ވެސް ތިބީ ހުދު މުންޑު އަނދެ، ހުދު ގަމީސް ލައި، ބޮލުގައި ހުދު ފޮށާ އައްސައިގެންނެވެ. އެއީ މި ޒަމާނުގެ މީހުންގެ ހެދުން އެޅުމުގެ އާދައެއް ނޫނެވެ.

ފާތިރަށް ހުއްޓުން އެރިތަން ފެނުމުން އޭގެ ތެރެއިން އެކަކު އޭނާ ކައިރި އަށް މަޑުމަޑުން އައިސް ކުރިމަތީގައި މަޑުކޮށްލި އެވެ. އެވަރުގެ ކަޅު ދިވެއްސެއް މީގެ ކުރިން ފާތިރަށް ފެނިފައެއް ނުވެ އެވެ، އޭނާގެ މޫނުމަތީގައި ވަނީ ހަރުކަށިކަމެވެ. ހިނިތުންވުމުގެ އެއްވެސް އަސަރެއް ނެތެވެ.

"އެ ގޭ ދޮރު ހުންނާނީ ހުޅުވާފައި. ގޭ ތެރެއަށް ވަންނަން ޖެހޭނީ ބިސްމިނުގެ ބަރަކާތުން. އެނދު ކައިރީގައި ހުންނާނެ ގޮނޑިއެއް، އެ ގޮނޑީގައި އިށީންނާނީ ދަލޭކަދައިތަ އިށީންނާށޭ ބުނީމާ،" ކަޅިޖަހާނުލާ ފާތިރުގެ މޫނަށް ބަލަހައްޓައިގެން ހުރެ އެމީހާ ބުންޏެވެ.

މިއީ ސުވާލުކުރަންވީ ވަގުތެއް ނޫނެވެ. މިއީ ކިޔަމަންވާން ޖެހޭ ހާލަތުކަން ފާތިރަށް ވިސްނުނެވެ. އެހެންކަމުން އޭނާ މަޑުމަޑުން ހިނގައިގަތެވެ. އޭނާގެ ފަހަތުން އެ ފިރިހެން މީހާ ވެސް ދިޔަ އެވެ. އެކަމަކު އޭނާ ގޮސް ހުއްޓުނީ އަނެއް ހަތަރު މީހުން ކައިރީގަ އެވެ.

ދަލޭކަދައިތަގެ އާދައިގެ ކުޑަކުޑަ ގޭ ދޮރުމައްޗަށް އެރިއިރު އެގޭ ދޮރު ހުރީ، އެމީހާ ބުނި ހެން، ހުޅުވައިފަ އެވެ. ގޭތެރެއަށް ފެތުރިފައި ވަނީ، ހުދު ފޮތިން ނިވާކޮށްފައިވާ އެނދު ކައިރީގައި އަޅުވާލާފައި ހުރި ފުޅި ބައްތީގެ ފަނޑު އަލިކަން އެކަންޏެވެ. ފަންކާއެއް، ހޮޅިބުރިއެއް ނުވަތަ ބޮތްކެއްހާ ހިސާބު ވެސް ނެތެވެ. މިއީ ގަރުނެއް ކުރީގެ ގެއެކެވެ.

ބިސްމިން ކިޔުމަށް ފަހު އޮޅިގަނޑު ގިރާކޮށްލި އެވެ. ފާތިރުގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އޭނާ ގޮސް، އެނދު ކައިރީގައި ހުރި ލަކުޑި އަދަރާދަ ގޮނޑީގެ ފަހަތުގައި މަޑުކޮށްލި އެވެ. ހުދު ބާލީހެއް މަތީގައި، ލޯ މަރާލައިގެން، އުއްޑުން އޮތް އަންހެންމީހާގެ މޫނު އޭނާ އަށް ފެނުނެވެ. ދޮންކަމުން ހީވަނީ ވިލާތު މީހެއް ހެންނެވެ. މޫނުމަތީގައި ރޫތައް ހުއްޓަސް އޭނާ އަށް 90 އަހަރު ވެދާނެ ކަމަށް ގަބޫލުކުރެވޭ ވަރަށް ވުރެ މާ ރީތިވެފައި، ޒުވާނެވެ. ކުއްލިއަކަށް އޭނާ ލޯ ހުޅުވާލި އެވެ. ނުތަނަވަސްކަމުގައި ހުރި ފާތިރު ދިޔައީ ސިހިގެންނެވެ. އެކަމަކު އެ ދަނޑިވަޅު، ދަލޭކަދައިތަގެ މޫނުމައްޗަށް ރީތި ހިނިތުންވުމެއް ވެރިވި އެވެ.

"ފާތިރު، އެދުރު ގާސިމްގެ ގެއަށް ފިޔަވަޅު އެޅީތީ އުފާކުރަން. ތިހިރަ ބައްތި ހިފައިގެން އެތެރެ ގެއަށް ވަދޭ. އެތަނުގައި ހުންނާނެ ފެން ރުނބައެއް. ރުނބާ ކައިރިއަށް ހުއްޓި ފުރަތަމަ ކިޔާނީ ބިސްމިން. އޭގެ ފަހުން ކުރުސި. ރުނބާ މަތީގައި ހުރި ތައްޓަށް އެ ރުނބައިން ފެން އަޅައިގެން އައިސް މި ގޮނޑީގައި އިށީނދޭ!" އެ އަޑުގެ ސާފުކަމާއި ރީތިކަމެވެ. ދަލޭކަދައިތަ ލޯ މަރާލި އެވެ.

އޭނާގެ ނަމުން ގޮވާލުމުން ފާތިރު ހުރީ ހައިރާންވެފަ އެވެ. ފިއްލަދު އަށް އޭނާ އައީ ކީއްވެގެން އަދި ކީއްކުރަންކަން އެނގޭނެ މީހަކު ނުހުންނާނެ އެވެ. އެހެންކަމުން ދަލޭކަދައިތަ އަށް އޭނާގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ފާތިރުގެ ހިތަށްއެރި އެވެ. ޖަވާބެއް ނެތެވެ.

ފުޅި ބައްތި އަޅުވާފައި ހުރި ވާގަނޑުން އެ ނައްޓާލި އެވެ. ޖެހިގެން ހުރި އެތެރެގޭގެ ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ. (މި ވާހަކައިގެ ތިން ވަނަ ބައި މާދަމާ)