އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރަނިންމޭޓެއް ނެރުމަށް ދެންމެ އެއްބަސްވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް އެއްބަސްވީ، މި އަހަރުގެ ރިޔާސީ އިންތިޚާބާއި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ "އަށާރަ، ނަވާރަ" ކޮމެޓީގެ މިރޭގެ ބައްދަލުވުމުގަ އެވެ.

ނަމަވެސް އިދިކޮޅުގެ އެންމެން އެއްބަސްވެ ނެރޭ ރިޔާސީ ކެންޑިޑޭޓް، ރަނިންމޭޓާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވާފައިވާއިރު، ދެން އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އޭނާ އަށް ރިޔާސީ ކެންޑިޑޭޓުކަން ދިނުމާ މެދު، އއ. އުކުޅަހުގައި މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސް ގައި ގޮތެއް ނިންމާނެ އެވެ. ޖޭޕީން ކަނޑައަޅާ ރަނިންމޭޓް އިއުލާން ކުރާނެ ދުވަހެއް އަދިއެއް ނޭނގެ އެވެ.

ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ލީޑަޝިޕްގައި ކުރިއަށް ގެންދާ އިދިކޮޅު ކޯލިޝަނުން، މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިންމޭޓެއް ނެރުމުގައި އެއްގަލަލަށް އެރުމަކީ ބޮޑު ކާމިޔާބީ އެއް ކަމަށް އެ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.