ހަތް އަހަރުގެ ކުއްޖާގެ ރޭޕާ ގުޅިގެން އިންޑިއާ އިން ދެ މީހުން ހައްޔަރުކޮށްފި
ހަތް އަހަރުގެ ކުއްޖާގެ ރޭޕާ ގުޅިގެން އިންޑިއާ އިން ދެ މީހުން ހައްޔަރުކޮށްފި

މަދްޔަ ޕްރަދޭޝް (ޖޫން 29) - އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގައި ހަތް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރުމާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

ހަތް އަހަރުގެ ކުއްޖާގެ ރޭޕްއާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ މަދްޔަ ޕްރަދޭޝްގެ މަގުތަކަށް ނުކުމެ ރޭޕް ކުރި ކުއްޖާ އަށް އިންސާފް ހޯދައިދިނުމަށް އެދި މުޒާހަރާކޮށްފަ އެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ސްކޫލުން ވަގަށް ނަގައިގެން ގެންދިއުމަށް ފަހު އެވެ. މިދިޔަ ބުދަ ދުވަހު ހެނދުނު އެ ކުއްޖާ ފެނުނު އިރު ހޭ ވެސް ނެތެވެ.

ކުއްޖާ މިހާރު އޮތީ ހޮސްޕިޓަލުގަ އެވެ. އެ ކުއްޖާ އަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ދީފަ އެވެ. ޑޮކްޓަރުން ބުނެފައި ވަނީ ކުއްޖާ ނުރައްކަލުން ސަލާމަތްވި ނަމަވެސް ޒަޚަމްތައް ރަނގަޅުވާން ވަގުތު ނަގާނެ ކަމަށެވެ.

އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރުން އިތުރުވާތީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ ކުއްޖާގެ ރޭޕާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖް ބަލައިގެން ކަމަށެވެ. ހައްޔަރު ކުރި އެކަކު އެ ކުއްޖާ އަށް މެޓާ ދިނުމަށް ފަހު ގޮވައިގެންދާ މަންޒަރު ސީސީޓީވީން ފެނެ އެވެ.