30 ޖޫން 2018 - 08:06

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އެންމެ އަޑުގަދައީ "ވުވުޒެލާ"ގެ އެވެ. އެ ވުވުޒެލާގެ އަޑުން އެކި ދަނޑުތައް ގުގުމާލިއިރު، އެ މުބާރާތް އެ ގައުމުގައި ބޭއްވުމަށް ގިނަ ބަޔެއް ވަނީ މަސައްކަތްކޮށްފަ އެވެ. އޭގެ ތެރެއިން އެކަކަކީ އެ ގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އެވެ. އޭނާ ވަނީ ދެކުނު އެފްރިކާގެ ވޯލްޑް ކަޕު ކާމިޔާބުކަމާ އެކު ބޭއްވުމަށް މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ.
ފީފާ އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެފްރިކާ ބައްރުގެ ގައުމަކަށް ދޭން ނިންމުމާ އެކު، ހަތަރު ބިޑެއް ހުށަހެޅުނެވެ. އެއީ މިސްރު، މޮރޮކޯ، ދެކުނު އެފްރިކާގެ އިތުރުން ލީބިޔާ އާއި ޓިއުނީޝިއާގެ ޖޮއިންޓް ބިޑެކެވެ. ޓިއުނީޝިއާ އާއި ލީބިޔާގެ މެދުގައި މައްސަލަތަކެއް ޖެހި އެ ދެ ގައުމުގެ ބިޑް ވޯޓުގައި ބައިވެރިނުކުރެ އެވެ.
ދެކުނު އެފްރިކާ އިން ބިޑް ކާމިޔާބުކުރީ 14 ވޯޓާ އެކު އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި 14 ވޯޓު ހޯދުމުގައި ވެސް އެންމެ ބުރަކޮށް މަސައްކަތްކުރި އެކަކަކީ މަންޑޭލާ އެވެ. އަދި މަންޑޭލާ ވަނީ އޭރު ފީފާގެ ރައީސް ސެޕް ބްލެޓާއާ ގާތް ގުޅުމެއް ބާއްވަވައިފަ އެވެ.
ފީފާގެ ކޮރަޕްޝަން ތަހުގީގުގައި 2015 ވަނަ އަހަރު މީޑިއާގައި އާންމުވި ރިޕޯޓްގައިވާ ގޮތުން އެ ފަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރީ މޮރޮކޯ އިންނެވެ. ދެކުނު އެފްރިކާ އަށް ވޯލްޑް ކަޕު ބޭއްވުމުގެ ފުރުސަތު ދޭން ފީފާގެ ރައީސް ބްލެޓާ އާއި ނައިބު ރައީސް ޖެކް ވާނާ ރިޝްވަތު ނެގި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. ތަހުގީގުގެ ކަންތައްތަކަށް ޖަވާބުދާރީ ވުމަށް ޖެކް ވާނާ އަށް ދިން ފުރުސަތުގައި އޭނާ ވަނީ އެއީ ދެކުނު އެފްރިކާގެ އެފްއޭއާ ގުޅިގެން އޭނާ ކުރި ކަމެއް ކަމަށް އެއްބަސްވެފަ އެވެ. އެހެން ކަމުން އެ ކަމުގައި މަންޑޭލާގެ ދައުރެއް ނެތް ކަމަށް ތަހުގީގުން އެނގެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މަންޑޭލާ އެ ފަހަރުގެ ވޯލްޑް ކަޕުގެ ހުުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވުމުގެ ފަހަތުގައި ދެ ސަބަބެއްވެ އެވެ. ފުރަތަމަ ސަބަބަކީ އޭނާގެ ކާފަދަރިކަލުން ޒެނާނީ މަންޑޭލާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވުމެވެ. އަނެއް ސަބަބަކީ ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ފީފާއިން ގުޅިގެން ހިންގި ކޮރަޕްޝަންގެ އަމަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަތުމެވެ.
ވޯލްޑް ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތު މަންޑޭލާ ނުލައި ކުރިއަށް ދިޔަ ނަމަވެސް ފައިނަލަށް އޭނާ ވަޑައިގެންނެވި އެވެ. ފައިނަަަލަށް މަންޑޭލާ ގެނައުމަށް ފީފާއިން ޕްރެޝަރު ކުރުވި ކަމަށް އޭރު މަންޑޭލާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އާއިލާ އިން ބުނަމުންދިޔައީ އެ ފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އާންމުންގެ ތެރެއަށް ދިއުމަކީ އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
އެ ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ 10 ދުވަސް ކުރިން އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާގެ އަތަށް ސީރިއަސް އަނިޔާއެއް ލިބުނެވެ. ޑްރޮގްބާ އަށް އެ ފަހަރުގެ ވޯލްޑް ކަޕްގައި ނުޅެވޭނެ ކަމަށް އޭނާ އަމިއްލަ އަށް ވެސް ނިންމި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެންދިޔަ އެއް ސަަބަބަކީ މަންޑޭލާ އެވެ. ޑްރޮގްބާ އަށް ފޯނުން ގުޅުމަށް ފަހު މަންޑޭލާ ވިދާޅުވީ "އެފްރިކާގައި އޮންނަ ވޯލްޑް ކަޕެއް ޑްރޮގްބާއާ ނުލައި ފުރިހަމަނުވާނެ" ކަމަށެވެ.
ޑްރޮގްބާ އެ މުބާރާތުގައި ކުޅުނީ އަތުގައި ޕްރޮޓެކްޓިން ލޭޔަރެއް އަޅައިގެންނެވެ. ޑްރޮގްބާ އެ އަޅައިގެން ކުޅޭތީ އޭރު ޕޯޗުގަލުގެ ކޯޗަކަށް ހުރި މިހާރު އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް މައްސަލަ ޖެއްސިއިރު، އެކަން ފީފާއިން ނުބަލަ އެވެ. މުބާރާތަށް ފަހު 2013 ވަނަ އަހަރު މަންޑޭލާ އަވަހާރަވުމާ ހަމައަށް ޑްރޮގްބާއާ ދެމެދު ގާތް ގުޅުމެއް އޮތެވެ.
ވޯލްޑް ކަޕުގެ ކުރިން އެ ފަހަރު ދެކުނު އެފްރިކާ ޓީމުގެ މެދުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. ޓީމަށް ކުޅުންތެރިން ނެގުމާ ހުރިހާ ކަމެއްގައި ތަފާތުކުރުންތަކެއް އުޅޭ ކަމަށް މީޑިއާތަކުގައި އަޑުފެތުރުނެވެ. އެކަމަށް ހައްލެއް ހޯދުމަށް މަންޑޭލާގެ އިސްނެންގެވުމުގެ މަތިން ހާއްސަ ކަމެއް ކުރި އެވެ.
އެ ފަހަރު ވޯލްޑް ކަޕް ފެށުމުގެ ހަފްތާއެއް ކުރިން މަންޑޭލާ ވަނީ ދެކުނު އެފްރިކާ ޓީމާ ބައްދަލުކުރައްވައިފަ އެވެ. މަންޑޭލާ ހުންނެވީ ދެކުނު އެފްރިކާ އިން އެ ފަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރި ޖޯޒީގަ އެވެ. އެ ބައްދަލުވުމުގައިވަނީ 1995 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕުގައި މަންޑޭލާ ކަންތައްތައް ކުރެއްވި ގޮތުގެ މައްޗަށް ހާއްސަކޮށް ހަދާފައިވާ "ދި އިންވިކްޓަސް" ފިލްމު ބަލައިފަ އެވެ. މަންޑޭލާގެ ރޯލު ކުޅުނު މޯގަން ފްރީމަންގެ ކުޅަދާނަ އެކްޓިންއާ އެކު ހެދި މި ފިލްމަކީ މިހާރު ވެސް ދެކުނު އެފްރިކާ އިން މުބާރާތްތަަކަށް ދިއުމުގެ ކުރިން ބަލާ ފިލްމެކެވެ.
މީގެ އިތުރުން ވެސް އެ ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު މުބާރާތަކަށް ހެދުމަށް މަންޑޭލާ އެކި ގޮތްގޮތުން މަސައްކަތްކުރެއްވި އެވެ. އެކި ގައުމުތަކުގެ މަޝްހޫރު ކުޅުންތެރިންނާއި އިސް އޮފިޝަލުންނާ ބައްދަލުކޮށް ހެދި އެވެ. ފީފާގެ ކުރީގެ ރައީސް ބްލެޓާ ވަނީ އެ ފަހަރުގެ ފައިނަލަށް ފަހު މަންޑޭލާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.