30 ޖޫން 2018 - 07:19

އޯގަސްޓް 9 ގައި ހަފުލާއެއް އޮންނާނެ ކަމަށް ސެމްސަންގުން ބުނެފި އެވެ. އެއީ ގެލަކްސީ ނޯޓް 9 ނެރެން ބާއްވާ ރަސްމިއްޔާތެއް ކަމަށް ކަނޑައެޅިގެން ނުބުނެ އެވެ. އެހެން ނަމަވެސް، ދުވަސްވަރުގެ ގޮތުން އަދި ދައުވަތުގެ ފާޑުވެރިކަމަށް ބަލާއިރު އެއީ ގެލަކްސީ ނޯޓް 9 ނެރެން ބާއްވާ ހަފުލާކަން، ޝައްކެއް ނެތް މިންވަރަށް އެނގެ އެވެ.
ގެލަކްސީ ނޯޓަކީ ސެމްސަންގްގެ އެންމެ ބާރުގަދަ މަރުކާ އެވެ. ނޯޓް އާއިލާ އަށް ސަޕޯޓްރުން ތިބި ވަރަށް، ގެލަކްސީ މަރުކާގެ އެހެން އާއިލާއަކަށް ސަޕޯޓްުންނެއް ނެތެވެ. އެހެންކަމުން ސެމްސަންގަށް ލިބިފައި ހުރި ބާރުގަދަ ހުރިހާ ޓެކްނޮލޮޖީއެއް، ގެލަކްސީ ނޯޓްގައި އާންމުކޮށް ހިމަނަ އެވެ.
ސެމްސަންގުން މި އަހަރު ގެލަކްސީ ނޯޓް 9 ނެރޭ ތާރީޚަށް ވަނީ ބަދަލުގެނެސް، އަވަސްކޮށްފަ އެވެ. އެއީ ބުނެވޭ ގޮތުގައި ފަތްޖެހޭ ފޯނުތަކަށް ކުރަން ހުރި މަސައްކަތްތަކަށް ވަގުތު ހުސްކުރުމަށެވެ. ނޯޓް 9 ނެރޭނެ ތާރީޚާ ބެހޭ ގޮތުން ކުރިން ދެކެވުނު ވާހަކަތަކަށް ބަލާއިރު، އެއީ ޖުލައި ފަހުކޮޅުން ދުވަހެއް ކަމަށް ވެސް ވަނީ ހީކުރެވިފަ އެވެ.
ގެލަކްސީ މަރުކާގެ ފޯނުތަކުގެ މެދުގައި، ފަހަކަށް އައިސް، ފަރަގު ކުޑަވުން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. ބަލާބެލުމަށް ސިފަ ތަފާތު ނަމަވެސް، ވަކި ކަމަކަށް މޮޅު ފޯނެއް ޚާއްސަވެފައެއް ނުވެ އެވެ. މިއީ ސަޕޯޓަރުންނަށް މޮޅިވެރިކަމެއް ނަމަވެސް، ކުޑަ އިންވެސްޓްމަންޓަކުން ބޮޑު ފައިދާއެއް ހޯދަން ސެމްސަންގް ވެސް ޝައުގުވެރިވެ އެވެ.
ނޯޓް 9 އަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އައްސި ފިލާވަރުގެ ސްޕީޑް ބާރު ފޯނަކަށް ވާނެ އެވެ. އަދި ބޭނުންކުރާ މީހުން މާޔޫސްނުވާ ވަރުގެ ފޯނަކަށް ވެސް ވާނެ ކަމަށް ބުނެވެ އެވެ.