ގޮތްނޭނގޭ ބަލީގެ ސިއްރަކީ އޯވަރީގައި އޮތް 22 ކިލޯގެ ސިސްޓެއް
ގޮތްނޭނގޭ ބަލީގެ ސިއްރަކީ އޯވަރީގައި އޮތް 22 ކިލޯގެ ސިސްޓެއް

އެމެރިކާ އަންހެނަކު ފަލަވެ، ސިއްހީ އެކި އުނދަގޫތައް ކުރިމަތިވާތީ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، ބަލީގެ ސިއްރަކީ އޯވަރީގައި އޮތް 22 ކިލޯގެ ސިސްޓެއްކަން އެނގިއްޖެ އެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭލާ ރާންގެ އޯވަރީން ސިސްޓް ނެގީ މިދިޔަ މެއި މަހު އެވެ.

"ގެއިން ނިކުމެގެން ކާރާ ހިސާބަށް ދާއިރު ވެސް ހުންނަނީ ވަރުބަލިވެފައި. ބަނޑުގެ އުނދަގޫތަކާއި ބަރުހެލި ވުމުގެ އުނދަގޫތަކުގައި އުޅޭތާ ކިތަންމެ ދުވަހެއް،" ކޭލާ ބުންޏެވެ.

ކޭލާ ޑޮކްޓަރަށް ދެއްކުމުން އެންމެ ފުރަތަމަ ބުނީ އުނދަގޫތަކާ ކުރިމަތިވަނީ މާބޮޑަށް ފަލަވުމުން ކަމަށާއި ބަރުދަން ލުއިކުރަންޖެހޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށް ކޮންމެ ކަމެއް ކުރިޔަސް ނަތީޖާ ނުފެނި ބަނޑު ދިޔައީ ބޮޑުވަމުންނެވެ.

"އަހަރެން އަމިއްލަ އަށް މަލާމާތްކޮށް ޖޯކު ވެސް ޖަހަން ބަނޑަށް ނުވަ މަހޭ ކިޔައިގެން."

ކޭލާގެ ބަނޑުގައި ރިއްސުމާއި އެކަމާ ގުޅުން ހުރި އެކި އުނދަގޫތައް ބޮޑުވެ ކެތް ނުވާ ވަރު ވުމުން ޖެކްސަން ހޮސްޕިޓަލަށް ދެއްކުމުން ވަރަށް ގިނަ ޓެސްޓްތައް ހެދި އެވެ. އަދި އެންމެ ފަހުން އެނގުނީ ބަނޑު ލައި، ފަލަވަނީ ސިސްޓުގެ ސަބަބުން ކަމަށާއި އެއީ އޯވަރީގައި އޮތް ބޮޑު ސިސްޓެއް ކަމަށެވެ.

"މިއީ އަހަރެން މިހާތަނަށް މީހެއްގެ ހަށިގަނޑުން ނެގި އެންމެ ބޮޑު އެއް ސިސްޓް،" ސިސްޓް ނެގުމަށް ކުރި އޮޕަރޭޝަނުގައި އިސްކޮށް ހުންނެވި ޑރ. ގްރެގަރީ ޖޯންސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިސްޓެއް އޮތްކަން ދެނެގަނެ، ކާމިޔާބު ފަރުވާއެއް ދެވުނު ކަމީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.