29 ޖޫން 2018 - 15:23

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތައުރީފް ކުރައްވަމުން އެބަ ގެންދަވަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ދޫކޮށްލައްވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
ނަޝީދު އެކަން އިއުލާންކުރެއްވުމާ އެކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ނަޝީދުގެ އެ ނިންމެވުމަކީ ދިވެހި ރައްޔިތުންނަށް ކުރެއްވި ސޮދަގާތެއް ކަމަށެވެ. އަދި ކުރެވޭ ފޮނި އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންމޭޓާއެކު ނެރެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަކީ ސިޔާސީ އާ ސަފުހާއަކަށް އަލިވިލޭނެ ނިންމެވުމެއް ކަމަށެވެ. އަދި ހިތްވަރުގަދަ އެ ނިންމެވުމުގެ ސަބަބުން އުއްމީދުގެ އަލިކަން ދިވެހި އުއްމަތަށް ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިބުރަތްތެރި މިސާލަކަށް ވާނެ. އެކުވެރި ގައުމުތަކަށް ފުރުސަތު ހުޅުވޭނެ،" އަމީން ވިދާޅުވި އެވެ.
ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދު އިންތިހާބަށް ކުރިމަތިނުލައްވަން ނިންމަވައި، އެގޮތަށް އަމަލުކުރައްވައިފި ނަމަ، އެކަން ވެގެންދާނީ މި ގައުމަށް ލިބޭނެ ހަމަޖެހުމަކަށް ކަމަށެވެ.
"އަޅުގަނޑު ވެސް އެންމެ އިސްކަމެއްދޭނީ ޖަލުގައި ހައްޔަރުކުރެވިފައިވާ އަޅުގަނޑުމެންގެ އަޚުން އަވަހަށް މިނިވަންވާނެ ގޮތެއް ހޯދުމަށް،" ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ނަޝީދުގެ ނިންމެވުމަށް ހިތްވަރުދެއްވައިފަ އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެން އަދި އެމްޑީޕީއަށް އާ ލީޑާޝިޕަކަށް މަގުހުޅުވައިދެއްވައިފި. މިއީ ވަރަށް ބުއްދިވެރި ނިންމެވުމެއް،" އޭނާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އޭނާގެ ދުއާއަކީ ނަޝީދު އެނބުރިވަޑައިގެން އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، އެންމެން އެއްބައިވަންތަކުރުވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އީވާ ވިދާޅުވެފައިވެ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ގައުމަށްޓަކައި އެންމެ ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވީ ރައީސް ނަޝީދު ކަމަށެވެ.
"ގައުމަށްޓަކައި އެހެން ސިޔާސީ ބޭފުޅުންނަށް ތިޔަދެއްކެވީ ވަރުގަދަ މިސާލެއް. މަނިކުފާނަށް ދެމިގެންދާ އިހުތިރާމް،" އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސް މެމްބަރެއްކަމަށްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ރައީސް ނަޝީދުގެ ހިތްވަރުގަދަ ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ވެވަޑައިގެންފައި ވަނީ މިހާތަނަށް މި ގައުމުގައި ސިޔާސީ ލީޑަރަކު ސިޔާސީ ގޮތުން ވި އެންމެ ބޮޑު ގުރުބާނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ، ދިވެހި ރައްޔިތުންގެ ހައްގުގައި ނަޝީދު ވެވަޑައިގެންނެވި ދެވަނަ ގުރުބާނީ އެވެ.
ފުރަތަމަ ގުރުބާނީ ކަމަށް ލަތީފް ދެކެވަޑައިގަންނަވަނީ ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ނަޝީދު މިއަދު ނިންމެވި ފަދަ ހިތްވަރުގަދަ ނިންމެވުންތަކެއް ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި ޝެއިޚް އިމްރާން އަބްދުﷲ ނިންމަވާނެ ކަމުގެ ފޮނި އުއްމީދެއް އެބައޮތް ކަމަށެވެ. އަދި ﷲ އިރާދަފުޅާއެކު އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު ނިންމެވި ނިންމެވުމަކީ ގައުމާއި، ގައުމުގެ ދަރީންގެ ދަރިންނަށްޓަކައި ނިންމެވި ވަރަށް މުހިންމު އިހުލާސްތެރި ނިންމެވުމެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ނަޝީދު ނިންމެވީ ވަރަށް ގައުމީ ނިންމެވުމެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް ޖަންގަލީގެ މަގުތަކަށް ބަލައިގެން ދަތުރުކުރަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޝާ ﷲ ހައްގަށް ނަސްރު ލިބޭނެ. މަރުހަބާ ކޯލިޝަން ލީޑަރުންނަށް،" މައުސޫމް ވިދާޅުވި އެވެ.