ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ނިންމެވުމަކީ ތާރީޚީ އަދި ބޮޑު ނިންމެވުމެކެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެއީ ގަބޫލުކުރަން ދަތި ކަމަކަށް ވާނެ އެވެ. ޚާއްސަކޮށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ސިޔާސީ ގޮތުން ކުރެއްވުނުހާ ކަމެއް ނަޝީދު އަމިއްލަފުޅު ގޮތުން ކުރައްވާފައިވާއިރު، އެ ނިންމެވުން ބަދަލުކުރެއްވުމަކީ އެމަނިކުފާނަށް ވެސް ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. އެކަމަކު، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، ނަޝީދު އެ ނިންމެވުން މާ ބޮޑަށް ލަސް ވެސް ވެއްޖެ ކަމަށް އެއްބަޔަކު ދެކެ އެވެ.

ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟

ނަޝީދުގެ ނިންމެވުމުން އިދިކޮޅު ލީޑަރުންގެ ސިޔާސީ ހާސްކަން ވަރަށް ބޮޑަށް ފިލާނެ އެވެ.

ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟

އެމްޑީޕީއާ އެކު ގުޅިފައިވާ އެހެނިހެން އިދިކޮޅު ޕާޓީތަކުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ނަޝީދުގެ ނިންމެވުމަށް ތައުރީފު އޮއްސަވަމުން އެގެންދަވަނީ އެހެންވެ އެވެ. އޭގެ ފަހަތުން އެ ބޭފުޅުން ވިދާޅުވަނީ މިއީ ގައުމު ހަމަ މަގަށް އަޅުވައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސުލްހަވެރިކަމާ އެކު މަސައްކަތް ކޮށް، އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކަށް މަގުފަހި ކުރުމަށް ހުޅުވުނު ދޮރެއް ކަމަށް ވެސް ވިދާޅުވެ އެވެ.

ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް؟

އެހެން އެ ބޭފުޅުން ވިދާޅުވާ މައިގަނޑު ސަބަބަކީ، ނަޝީދަކީ ސިޔާސީ ގޮތުން ރާއްޖޭގައި އެންމެ ތާއީދު ބޮޑު ލީޑަރަށް ވިޔަސް ގާނޫނީ ގޮތުން ހުރި ހުރަސްތަކެވެ. ސިޔާސީ ގޮތުން މިހާތަނަށް ކަންކަން ބަދަލުވަމުން އަދި ސަރުކާރުން ކުޅޭ ސިޔާސީ "ގޭމް" އިން ނަޝީދަށް ކުރި ލިބިވަޑައި ނުގަންނަވާނެކަން ސާފުކޮށް އެނގޭތީ އެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި "އަށާރަ، ނަވާރަ" އިގެ ނަމުގައި ކޮމެޓީއެއް އުފައްދައި މަސައްކަތް ކުރަމުން އައި ނަމަވެސް އެ ކޮމެޓީ އަށް އެމްޑީޕީން ދައްކަމުން އައީ ނަޝީދުގެ ނަމެވެ. ރިޔާސީ ޕްރައިމަރީ ބާއްވައި އެމްޑީޕީގެ އެތައް ހާސް ބައެއްގެ ތާއީދު އޮތީ ނަޝީދަށް ކަމަށް ވެސް ދެއްކި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު ހެދި އެވެ.

ނަމަވެސް ސިޔާސީ ހަގީގަތް ބަދަލު ނުވެ، ކޯލިޝަން ތެރޭގައި ވެސް "އަޑިއަޑިން" ހުޅު ފަޅައިގެން ދާން ފެށީ ނަޝީދު ނޫން އެހެން ނަމެއް އެންމެ ބޮޑު އިދިކޮޅު ޕާޓީން ނުދައްކައި ދިގުލައިގެން ދިއުމުންނެވެ. އެމްޑީޕީ އަކީ އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ވާއިރު އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރުމަކީ އެންމެ އައުލާކަން ބޮޑު ގޮތެވެ. ނަމަވެސް ގާނޫނީ ހުރަސްތައް ބަދަލުނުވެ، އޮތް އިރު ފަހު ވަގުތާ ހަމައަށް ވެސް އެކަން ބަލައިގަންނަން ނަޝީދު ނުވަތަ އެމްޑީޕީ އަށް އުނދަގޫވީ އެވެ. ނަޝީދު ނޫން ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް ދައްކަން ނަޝީދަށް ވެސް އުނދަގޫވީ އެވެ.

ނަޝީދާ އެކު، ދެން ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމް ކަމަށް ބެލެވެމުން އައި އިރު، އެއީ އެއް ހާލަތެއްގައި ތިއްބެވި ދެ ބޭފުޅުންނެވެ. އެކަމަކު ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް އެކި ޕޯޑިއަމްތަކުގައި ވިދާޅުވިޔަސް ނަޝީދުގެ ފަރާތްޕުން އެކަން ނުފެނި ދިގުލައިގެން ދިޔަ އެވެ.

ރިޔާސީ އިންތިޚާބުން ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވެ އެވެ. ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކަށް ބަލާއިރު އެމަނިކުފާނު އަބަދުވެސް ހުންނެވީ އެ އުންމީދުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނުވަތަ 2008 ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ސުޕްރީމް ކޯޓުން ފަހު ވަގުތު ފުރުސަތު ލިބިވަޑައިގެންނެވި ގޮތަށް މި ފަހަރު ވެސް ކަންކަން ވެދާނެ ކަމަށް ބެއްލެވި އެވެ.

ނަމަވެސް ރާއްޖޭގެ މިހާރުގެ ސިޔާސީ ހަގީގަތާއި ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި ސުޕްރީމް ކޯޓުގެ މިއަދުގެ ހަގީގަތް ނަޝީދަށް މާ ބޮޑަށް ފަސޭހަކޮށް ނެންގެވުނީ ކަމަށް ވެދާނެ އެވެ. އަބަދުވެސް އިންތިޒާރު ކުރެއްވީ ސުޕްރީމް ކޯޓުގެ ނިންމުމަށެވެ. ބައިނަލްއަގްވާމީ ފިއްތުންތަކަށެވެ.

އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އިންތިޒާރު ކުރަމުން އައި އެއް ކަމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރުގެ ބައެއް އިސް ވެރިންނާއި ބައެއް ވިޔަފާރިވެރިންނާ މެދު އަޅާނެ ފިޔަވަޅަކަށް ކަމަށް ވެ އެވެ. ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އީޔޫ އިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު، ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އައެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އިސް ވެރިންނާ އެކު އީޔޫ އިން ބޭއްވި ބައްދަލުވުމަށް ފަހު، ނެރުނު ބަޔާން އޮތީ ވަރަށް "ފެން" ކޮށެވެ. ދިވެހި ސަރުކާރުން ހިންގާ އިންސާނީ ހައްގުތަކާއި އަދި ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހަނދާން ކޮށްދިނީ އެވެ. ފަހުން ވާނެ ގޮތެއް ނޭނގެ އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެ ހުރިހާ ފުރުސަތެއް ބަންދުވެ، އެމްޑީޕީ އަށް ރިޔާސީ ޓިކެޓު ގެއްލިދާނެ ކަމަށްޓަކައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަތުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ސޮފްހާއެއް ކުރަހައިލީ އެވެ. ނަޝީދާ ނުލައި ރައީސް ޔާމީން ބަލިކުރެވޭނެ ފޯމިއުލާ އެއް ނެރެން ޖެހުނީ އެވެ.

ނަޝީދުގެ ބަދަލުގައި އިދިކޮޅުން އެއްބަސްވާނެ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ނަޝީދަށް ގާނޫނީ ގޮތުން ފުރުސަތު ނެތް ކަމަށް ޔަގީންވި ހިސާބުން، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ތާއީދު ކުރިއްސުރެ ވެސް އިބޫ އަށް އޮތް ކަމަށް ވެ އެވެ. އިބޫ އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ވެސް އެ ބޭފުޅުން އެކި ގޮތްގޮތުން މަސައްކަތް ކުރި ކަމަށް ވެ އެވެ.

ނަޝީދު ރިޔާސީ ޓިކެޓު ދޫކޮށްލެއްވިކަން އިއުލާން ކުރެއްވުމާ އެކު، އިބޫ އަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ބައެއް އިސް ވެރިން ވަގުތުން ވިދާޅުވެ ޓުވީޓް ކުރެއްވި އެވެ. އެހެންވެ، އިބޫ އަށް އޮތް ފުރުސަތު ވަރަށް ބޮޑެވެ. މަޑުމައިތިރި، އަދި ސިޔާސީ ގޮތުން ދުރު ވިސްނޭ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ބުނާ އިބޫ އިދިކޮޅުގެ އެއް ކެންޑިޑޭޓަކަށް ހަދައިފި ނަމަ، ރަނިންމޭޓަކަށް ވާނެ ކަމަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އެކަމަށް އޮތް މަސައްކަތްތައް ކުރިއަށް އަދި އޮތީ އެވެ.

އިދިކޮޅުން ނެރޭ އެއް ކެންޑިޑޭޓަކަށް އިބޫ ހަދައިފި ނަމަ، މިހާތަނަށް އެމްޑީޕީ އަށް އޮތް ނެގެޓިވް ހުރިހާ ކަމެއް ބަދަލުވެ، ރައީސް ޔާމީނަށް ގޮންޖެހުމަކަށް ވެދާނެ ހެއްޔެވެ؟ މިއީ ވެސް ބޮޑު ސުވާލެކެވެ. ނަޝީދު ވީމާ ތާއީދު ނުކުރާނެ ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ. އެއީ ކުރިން ތަޖުރިބާކޮށް، ފެއިލް ވެފައިވާ ބޭފުޅަކަށް ވާތީ ކަމަށް ބުނެ އެވެ. ސިޔާސީ ގޮތުން ނުކިއްސަރު އެތައް ކަމެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބުނެ އެވެ. ސިފައިންނާއި ފުލުހުންގެ ތާއީދެއް ނެތް ކަމަށް ބުނެ އެވެ. ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ވެސް ތާއީދު ނެތް ކަމަށް ބުނެ އެވެ.

އެހެންވީމާ، ރައީސް ޔާމީން ބަލިކުރުމަށް އިދިކޮޅުން މިހާރު ދައްކަން މިއުޅެނީ އެ ހުރިހާ ކަމަކުން ސަލާމަތް ވެފައި ހުންނެވި ބޭފުޅެކެވެ. ރައީސް ކަމުގެ ގޮނޑި ތަޖުރިބާ ކުރައްވާފައި ނުވާ އާ ބޭފުޅެކެވެ. ބަސްމަދު، ސިޔާސީ ދާއިރާ އަށް ވެސް އާ ނޫން ބޭފުޅެކެވެ. ރައީސް ޔާމީން ބަލިކުރުމަށް ދެން ވާނެ ގޮތެއް ބަލަމާ ހިނގާށެވެ.