ރިޔާސީ ޓިކެޓް ނަޝީދު ދޫކޮށްލެއްވުމުން ޝާހިދުގެ ތާއީދު އިބޫއަށް
ރިޔާސީ ޓިކެޓް ނަޝީދު ދޫކޮށްލެއްވުމުން ޝާހިދުގެ ތާއީދު އިބޫއަށް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން، ހެންވޭރު އުތުރު ދާއިރާގެ މަޖްލިސް މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ހިންނަވަރު ދާއިރާގެ މެމްބަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ނަޝީދު ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ނިންމެވިކަން އެންގެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޝާހިދުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާތީ ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓެވުމުގެ މަގުސަދުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫއަށް ތާއީދުކުރުމަށް އަޅުގަނޑު ނިންމައިފިން" ކަމަށެވެ.

ޝާހިދު އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ކުރިމަތިނުލައްވާ ނަމަ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނީ ބެލެވޭ ގޮތުގައި، އިބޫ އެވެ. އެކަމާ މެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމެވިކަން ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގަ އެވެ.

އެމަނިކުފާނު، އެ މެސެޖުގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރައްވާނީ އއ. އުކުޅަހުގައި މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.