29 ޖޫން 2018 - 11:08

ވާދަވެރި ޓީމުތައް ވަރުގަދަކުރި ނަމަވެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޭވަރިޓަކަށް ވާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ނިއު އިން ވަނީ ރޭ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން 10-0 އިން މޮޅުވެފަ އެވެ.
"މިދިޔަ އަހަރު ފުރަތަމަ މެޗުގައި (ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި) މާޒިޔާ މޮޅުވީ ކުޑަހުވަދޫ އަތުން 4-0 އިން. އަހަރެންގެ ނަޒަރުގައި އަތޮޅުތަކުން އަންނަ ޓީމުތައް ނަގާނެ މި މާހައުލަށް ހޭނެން އެއް މަސް ނޫނީ ހަތަރެއް ނޫނީ ފަސް ވަރަކަށް މެޗު. އެއީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެން ދަސްވާނީ އެވަރުން. މި މެޗުގައި އަހަރެން ވަރަށް ހިތްހަަމަ ޖެހުނު ޑިފެންސްކުރަން ނުތިބެ އެ މީހުން (ތިމަރަފުށި) ވެސް މެޗެއް ކުޅެން އުޅުނީތީ،" ރޭގެ މެޗަށް ފަހު އޮސްކާ ބުންޏެވެ.
އޭނާ ބުނީ މިދިޔަ އަހަރު ޕްރިމިއާ ލީގަށް ނުކުތްއިރު އޮތް ހާލަތާއި މިހާރު އެ ޓީމު އޮތް ހިސާބު މުޅިން ތަފާތު ކަމަށާއި އެއް ގޮތުން ބަލާއިރު ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"ފޭވަރިޓުންނަކީ އަބަދުވެސް އެންމެ ފަހުގެ ޗެމްޕިއަނުން. އަހަރެމެންނަކީ މި ވަގުތު ގައުމުގައި އޮތް އެންމެ މޮޅު ޓީމު. އެއީ އަހަރެން ދައްކާ ވާހަކައެއް ނޫން. އެކަން އެބަ ފެނިގެންދޭ ދަނޑުމަތީގައި ނުކުންނަ ނަތީޖާތަކުން ވެސް. ހަމައެކަނި ނަތީޖާތަކެއް ވެސް ނޫން މިދިޔަ މަސް ތަކުގައި އަަހަރެމެން ދެއްކި ކުޅުމުން ވެސް އެކަން ފެނިގެން ގޮސްފި،" އޮސްކާ ބުންޏެވެ.
އޮސްކާގެ ކޯޗުކަމުގައި ނިއު އިން ހޯދި ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. ޓީސީގެ އިތުރުން އެހެން ޓީމުތަކުން ވެސް ވަނީ ޕްރިމިއާ ލީގަށް އިތުރު ކުޅުންތެރިން ގެނެސްފަ އެވެ.
ނިއު އިން ފުރަތަމަ ފަހަރަށް ދަގަނޑޭ ނުލައި ރޭ މެޗެއް ކުޅުނުއިރު ޖުމްލަކޮށް ބުނާނަމަ ހީކުރި ވަރަށް ވުރެން ރަނގަޅު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި މިއީ ވެސް ހިތްހަމަ ޖެހުމެއް އޮސްކާ ގަބޫލުކުރެ އެވެ. އޮސްކާ ބުނީ ވާދަވެރި ޓީމުތަކަށް ނިއު އިން އެހާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށާއި ވިސްނާނީ އަމިއްލަ މެޗުތަކަށް ކަމަށެވެ.
"ހަގީގަތަށް ބުނާނަމަ އަހަރެންގެ ނަޒަރުގައި ނިއު، ޓީސީ، މާޒިޔާ، އީގަލްސް ދެން ވިކްޓަރީ. މި ފަސް ޓީމުގައި ވެސް މާ ބޮޑު ތަފާތުތަކެއް ނެތް. މާލޭ ލީގުގައި ގްރީން ސްޓްރީޓްސް ދަށްކޮށް ދިޔަސް އެ މީހުން ވެސް މި ފަހަރު ރަނގަޅުވާނެ. މި ގޮތަށް އަހަރެމެން ދަނޑުމަތީގައި މަސައްކަތްކުރާނަމަ އަހަރެން ނުވިސްނަން ޓީސީ، މާޒިޔާ، އީގަލްސް އަށް ވެސް. ފޯކަސް އަކީ އަހަރެމެންގެ ކުޅުން ރަނގަޅު ކުރުން. ދަނޑުމަތީގައި އަހަރެމެން ނަތީޖާ ނެރުން،" އޮސްކާ ބުންޏެވެ.
ތިމަރަފުށީ ޓީމުގެ މެނޭޖަރު އިބްރާހިމް ސަނާހު ބުނީ މިއީ އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނޫން ކަމަށެވެ.
"އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނޫން. ކުޅުން ގޯހެއް ނޫން މި ވަރުގެ ބޮޑު މެޗަކަށް ނުކުތްއިރު. އެނގޭ ބޮޑު އެއްޗެއް ޖަހާނެކަން. އެކަމަކު ދެ އަދަދުގެ ސްކޯއެއް އަރާނެ ކަަމަށް އުއްމީދުނުކުރަން. ތައްޔާރުވާންވީ ވަރަށް ނުވީމަ މިހެންމިވީ. އެއީ ސަބަބުތަކެއް ވެސް ހުރީމަ. ފައިނޭންޝިއަލީ ގިނަ ދަތިތަކެއް ދިމާވީމަ،" ސަނާހު ބުންޏެވެ.
އޭނާ ބުނީ މިހާ ބޮޑު ތަފާތަކުން ބަލިވިޔަސް ކުޅުންތެރިންނަށް ލިބޭނެ މާޔޫސްކަމެއް ނެތް ކަމަށާއި ޓީމުގައި ތިބީ ގިނައިން ޒުވާން ކުޅުންތެރިން ކަމަށްވެފައި އެ ކުޅުންތެރިން މި މުބާރާތަށް ނުކުތީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އަދި މިރޭގެ މެޗުގައި ޓީސީ ބައްދަލުކުރާނީ ނިލަންދޫއާ އެވެ.