ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމަވައިފި
ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމަވައިފި
ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމަވައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު މިކަން ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގަ އެވެ.

އެމަނިކުފާނު، އެ މެސެޖުގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރައްވާނީ އއ. އުކުޅަހުގައި މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.

ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނީ ބެލެވޭ ގޮތުގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިކް (އިބޫ) އެވެ. އެކަމާ މެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.

ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އެ ގައުމުގެ ސަރުކާރުގެ ހިމާޔަތް ހޯއްދަވާފައިވާ ނަޝީދަށް ޖަލު ހުކުމް އައީ އެމަނިކުފާނުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގަ އެވެ. އެ ހުކުމާ އެކު، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ނަޝީދަށް ވަނީ ބަންދުވެފަ އެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ނަޝީދު ކާމިޔާބު ކުރައްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމުން، އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. ސަބަބަކީ ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވުމަށްޓަކައި ނަޝީދު ވަކިން މަސައްކަތްޕުޅު ކުރައްވާތީ އެވެ.

ނަޝީދުގެ ނިންމެވުމާ ގުޅިގެން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕްގައި އެމަނިކުފާނަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ނަޝީދު ނިންމެވީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ.

"ވަރަށް ގިނަ ބައެއްގެ ހާސްކަން ފިލައިގެން ދާނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވީ ރާއްޖޭގެ އެތައް ހާސް ބަޔަކު ބޭނުންވަނީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަކުރައްވަން ކަމަށެވެ. އަދި ނަޝީދު ފަދަ މުރާލި، ހިތްވަރުގަދަ ބޭފުޅެއްގެ ކެމްޕެއިން ގައި މަސައްކަތް ކުރެއްވުމަކީ ބޭނުންވި ކަމެއް ކަމަށް މަހްލޫފު ވިދާޅުވި އެވެ.

"ނަމަވެސް ވަގުތާއި ހާލަތަށް ބައްލަވައި މިއަދުގެ ތިޔަ ނިންމެވުމަކީ ހަގީގަތުގައި ވެސް ވަރަށް ހިތްވަރުގަދަ ނިންމެވުމެއް. ރައީސް [ނަޝީދު] ގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އޭގެ ފަހުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ ފެށުނީއްސުރެ ވެވަޑައިގެންނެވި ގުރުބާނީ އާއި އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށްޓަކައި އަމަލީ ސިފަ ގެންނެވުމަށް ރައީސަށް އެ ފުރުސަތު ހައްގުކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން،" މިހާރު ގޭ ބަންދުގައި ހުރި މަހްލޫފް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމެވިއިރު، އެމަނިކުފާނު މިހާތަނަށް ވިދާޅުވަމުން ގެންދެވީ، އެ އިންތިޚާބުގައި ވާދަކުރައްވަން ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް. އެކަން ދެމިގެންދާނެ އެންމެ ފަހު ވަގުތާ ހަމައަށް. އެކަމަކު އެންމެ ފަހުން ނިންމާނެ އަޅުގަނޑަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް. މި އުއްމީދު ކުރަނީ ވެސް އެ އިންތިޚާބު ވެސް އަނެއްކާ ވެސް ކާމިޔާބު ކުރުމަށް،" ސްރީ ލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި މިދިޔަ އޭޕްރީލް މަހު ދެއްވި ތަގުރީރަށް ފަހު، ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައި ވެ އެވެ.

ނަޝީދު ޖަލަށް ލުމަށް މާޗް 13، 2015 ގައި ހުކުމް ކޮށްފައި ވިޔަސް، މިހާތަނަށް އެ މަނިކުފާނު ތަންފީޒު ކުރައްވާފައި ވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި ގޮތަށް އުޅުއްވަމުން އެ ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ. ފަހަކަށް އައިސް އާންމުކޮށް އުޅުއްވަނީ ސްރީ ލަންކާގަ އެވެ.