މަންމައަށް ޓަކައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
މަންމައަށް ޓަކައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ތެހެރާން، އީރާން (ޖޫން 29) - ވޯލްޑް ކަޕުގައި ވާދަކުރި އީރާން ޓީމުގެ ފޯވާޑް ސަރްދާރް އަޒްމޫނަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި އޭނާގެ މަންމަގެ ސިއްހީ ހާލަތު ދަށަށް ދިއުމުން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ރަޝިއާގެ ރުބިން ކަޒާނަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ އަޒްމޫން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އީރާނުން ކުޅުނު ތިން މެޗުގައި ވެސް 90 މިނިޓް ކުޅެފަ އެވެ. ވޯލްޑް ކަޕްގެ ކުރިން އީރާން ކުޅުނު މެޗުތަކުގައި 33 މެޗުން އަޒްމޫން ވަނީ 23 ލަނޑު ޖަހައިފަ އެވެ. އެކަމަކު އޭނާ ވޯލްޑް ކަޕް ނިންމާލީ ލަނޑެއް ނުޖެހި އެވެ.

އީރާނުން ވޯލްޑް ކަޕުގައި ޖެހި ދެ ގޯލަކީ މޮރޮކޯ އަތުން ބައިކޮޅަށް ވަން ގޯލަކާއި ފަހު މެޗުގައި ޕޯޗުގަލް ކޮޅަށް ޖެހި ޕެނަލްޓީ އެވެ. އީރާނުން މުބާރާތް ނިންމާލީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮވެ އެވެ.

"ގައުމަށް ކުޅުން ހުއްޓާލުމުން ވަރަށް އަސަރުކުރޭ. އެކަމަކު މިއީ ކުރަން ޖެހޭ ކަމެއް. އަހަރެންގެ މަންމަ ވަރަށް ސީރިއަސް ބައްޔަކުން މި ސަލާމަތްވީ. އަހަންނަށް އަމާޒުވި ފާޑުކިޔުންތަކަކީ އިންސާފުވެރިކޮށް އައި ކަމެއް ނޫން. ހަޑި ހުުތުރުކޮށް މަލާމަތްކޮށް ދިމާކޮށް ހެދުމަކީ ރަނގަޅު ގޮތެއް ނޫން،" އަޒްމޫން ބުންޏެވެ.

އޭނާ ބުނީ ކުޅުން ހުއްޓާލަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށެވެ.

"މިހުރިހާ ކަމަކާ ހެދި އަހަންނަށް އޮތީ އުނދަގޫ ހާލަތެއް ކުރިމަތިވެފައި. ކޮންމެވެސް އެއްގޮތެއް އިހުތިޔާރު ކުރެވެން އޮތީ. އެެހެންވެ އަހަރެން ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން،" އުމުރުން 19 އަހަރުގައި ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި އަޒްމޫން ބުންޏެވެ.

އީރާނުގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ އަޒްމޫނަކީ އެ ގައުމުގެ ލެޖެންޑް އަލީ ދާއީ އަށް ފަހު ގައުމީ ޓީމަށް އައި އެންމެ ތަފާތު މޮޅު ފޯވާޑް ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަޒްމޫން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އެކި ހިޔާލުތަފާތުވުންތަކާ ހެދި އީރާނުގެ ކޯޗު ކާލޮސް ކުއެރޯޒް ވެސް ޓީމު ދޫކޮށްލަން އުޅޭ ކަމަށް ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕުން މެޗަކުން މޮޅެއް ނުލިބި ކެޓުމާ އެކު މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ވެސް ވަނީ މަގާމުން ވަކިވެފަ އެވެ.