29 ޖޫން 2018 - 01:29

ކަލިނިންގްރާންޑް (ޖޫން 29) – ދެ ޓީމުން ވެސް މުހިއްމު ގިނަ ކުޅުންތެރިން ނާރުވައި ކުޅުނު މެޗެއްގައި މިރޭ އިންގްލެންޑް 1-0 އިން ބަލިކޮށް ބެލްޖިއަމުން ވޯލްޑް ކަޕުގެ ގްރޫޕް ޖީ އިން އެއް ވަނަ ހޯދައިފި އެވެ.
ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެއް ވަނަ ހޯދި ބެލްޖިއަމް ދެ ވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެޗް ގެ ދެ ވަނަ ޖަޕާނާ އެވެ. ހަ ޕޮއިންޓާ އެކު ދެ ވަނަ އަށް ދިޔަ އިންގްލެންޑް ވާދަކުރަން ޖެހޭނީ ދެކުނު އެމެރިކާގެ ގަދަބާރު ކޮލަމްބިއާއާ އެވެ.
އެކަމަކު ދެ ވަނަ އަށް ދިއުމުން އިންގްލެންޑަށް އެހެން ފައިދާއެއް އެބައޮތެވެ. އެއީ ބްރެޒިލް، ފްރާންސް، އާޖެންޓީނާ، އުރުގުއޭ އަދި އަދި ޕޯޗުގަލް އޮތް ފަޅިން ސަލާމަތްވުމެވެ. މާނައަކީ ފައިނަލަށް ދަތުރުކުރާ ނަމަ އޭގެ ކުރިން ވާދަކުރަން ޖެހޭނެ ހަމައެކަނި ބޮޑު ޓީމަކީ ސްޕެއިން ނުވަތަ ކްރޮއޭޝިއާއަށް ވުމެވެ.
މިރޭ ކުޅުނު ގްރޫޕުގެ އަނެއް މެޗުގައި ޕެނަމާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ޓިއުނީޝިއާ ވަނީ ހަ ޕޮއިންޓް ހަމަކޮށް ފުލުން ސަލާމަތްވެފަ އެވެ. ޕެނަމާ ފުލަށް ދިޔައީ ޕޮއިންޓެއް ނުލިބި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް ބަރޯސާވެފައިވާ އިންގްލެންޑާއި އެ ލީގުގައި ގުޅޭ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ބެލްޖިއަމުން މިރޭ މެޗު ފެށީ ބަދަލުތަކާ އެކު އެވެ. އިންގްލެންޑުން މާކަސް ރެޝްފޯޑާއި ޖެމީ ވާޑީ އާއި އަލެކްސެންޑާ-އާނޯލްޑާއި ފަބިއަން ޑެލްފަށް ފުރަތަމަ އެގާރައިން ފުރުސަތު ދިން ޖުމްލަ އަށް ބަދަލެއް ގެނެސްފައިވެ އެވެ. އިރު ބެލްޖިއަމް ފެނުނީ އެއަށް ވުރެ ބޮޑަށް ބަދަލުވެފައި އޮއްވަ އެވެ. ގޯލްކީޕަރު ތިބައޫ ކޯޓުއާ ކެޕްޓަން ބޭންޑް އެޅިއިރު، އެންމެ ފަހުން ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މިރޭ ފުރަތަމަ އެގާރައިގައި ކުޅުނީ ކޯޓުއާ އާއި ޑެޑްރީޗް ބޮޔާޓާ އެކަންޏެވެ.
މިރޭގެ މެޗުގެ ހަމައެކަނި ގޯލް 51 ވަނަ މިނެޓުގައި ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު އަދުނާން ޔަނޫޒާއީ އެވެ. ޔޮއެރީ ޓިއެލެމަންސް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށް އިންގްލެންޑުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓިއެލެމަންސްގެ ނުރައްކާތެރި ބޯޅައެއް އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޮޑް މަތަކުރި އެވެ. އޭގެ ފަހުން މިޗީ ބަޓްޝުއާއީ ފޮނުވާލި ބޯޅައެއް ގެރީ ކޭހިލް ވަނީ ގޯލް ރޮނގު މަތިން ސަލާމަތްކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އިންގްލެންޑުގެ ޒުވާން ފޯވާޑް ރެޝްފޯޑަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު ފަހު ވަގުތު ބަދަލު ކުޅުންތެރިއާ ޑެނީ ވެލްބެކް ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ފުރަތަމަ ކުރި ހޯދީ ޕެނަމާ އިންނެވެ. އެ ޓީމަށް 33 ވަނަ މިނެޓުގައި ލީޑު ލިބުނީ ޓިއުނީޝިއާ ޔާސީން މިރްހާޔް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓިއުނީޝިއާ ފަހަތުން އަރައި މޮޅުވީ ފަހްރުއްދީން ބިން ޔޫސުފާއި ވަހްބީ އަލް ޚަޒްރީގެ ގޯލްތަކުންނެވެ.