ސެނެގާލް ކަޓައި ކޮލަމްބިއާ އާއި ޖަޕާން ދެ ވަނަ ބުރަށް
ސެނެގާލް ކަޓައި ކޮލަމްބިއާ އާއި ޖަޕާން ދެ ވަނަ ބުރަށް

ސަމާރާ، ރަޝިއާ (ޖޫން 28) – ސެނެގާލް އަތުން 1-0 އިން މޮޅުވެ ކޮލަމްބިއާ އިން ވޯލްޑް ކަޕުގެ ގްރޫޕް އެޗް ގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ޕޮލެންޑް އަތުން 1-0 އިން ބަލިވީ ނަމަވެސް ޖަޕާނުން ވެސް ދެ ވަނަ ފުރުސަތު ހޯދައިފި އެވެ.

ކޮލަމްބިއާ އެއް ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ޖަޕާނާއި ސެނެގާލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ދެ ޓީމުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް އެއްވަރުވީ އެވެ. އެހެންވެ ދެ ޓީމު ފަރަގުކުރަން ދެން ބަލަން ޖެހުނީ އެ ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ އަށެވެ. އެ މެޗު 2-2 އިން އެއްވަރުވެ ދެ ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ މެޗުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް ހަމަހަމަ އެވެ. އެންމެ ފަހުން ޖަޕާނަށް ކުރި ލިބުނީ ފެއާޕްލޭ ޕޮއިންޓަށް ބަލައިގެންނެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާން އަތުގައި ގެއްލުން ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ ގެއްލުން ފަސް ޕޮއިންޓެވެ.

ސެނެގާލް އަތުން ކޮލަމްބިއާ މޮޅުވީ ނަމަވެސް ޕޮލެންޑް އަތުން މޮޅުވެގެން ޖަޕާނަށް އެއް ވަނަ ހޯދެން އޮތެވެ. އެކަމަކު ޕޮލެންޑް އަތުން 1-0 އިން ބަލިވަމުން ދިޔައިރު ފަހު ވަހުތު އެ ޓީމުން އެޓޭކަށް ނާރައި ބެލީ ބޯޅަ ޕާސްކޮށްގެން ކުޅޭށެވެ. އެއީ އެ ޓީމުން ލަނޑެއް ޖަހަން އަރަން ހަދައިގެން ޕޮލެންޑުން އިތުރު ގޯލެއް ޖަހާފާނެތީ އެވެ. އޭރު ކޮލަމްބިއާ-ސެނެގާލް މެޗުގެ ނަތީޖާ އޮތް ގޮތަށް ބަލާއިރު ޕޮލެންޑުން އިތުރު ގޯލެއް ޖެހި ނަމަ ޖަޕާނަށް ފައިދާ ގޯލް މަދުވެ ސެނެގާލަށް ކުރި ލިބި އެ ޓީމު ދެ ވަނަ ބުރަށް ދިޔައީހެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު މުބާރާތާ ކުރިމަތިލީ ސެނެގާލް ކެޓި އިރު މި ފަހަރު އެފްރިކާގެ އެއްވެސް ޓީމަކަށް ދެ ވަނަ ބުރަށް ދެވޭ ގޮތް ނުވީ އެވެ. އެ ޓީމުގެ އިތުރުން ކެޓީ މޮރޮކޯ، ނައިޖީރިއާ އަދި ޓިއުނީޝިއާ އެވެ.

ސެނެގާލް އަތުން ކޮލަމްބިއާ މޮޅުވީ ނަމަވެސް މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ސެނެގާލުންނެވެ. އެ ޓީމުގެ ހުއާން ފެނާންޑޯ ކީންޓެރޯ ހިލޭ ޖެހުމަކުން ނުރައްކާކޮށްފައި ވަނިކޮށް ޕެނަލްޓީއެއް ލިބުމާ ގާތަށް ދިޔަ އެވެ. ސަޑިއޯ މާނޭ އަށް ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒް އޭރިއާ ތެރެއިން ކުރި ފައުލަށް ޕެނަލްޓީ ފުރަތަމަ ދިން ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ ސަންޗޭޒްގެ ޓެކްލް އެރީ ބޯޅައަށް ކަމަށެވެ. އެހެންވެ އެ ނިންމުން ބަދަލުކުރީ އެވެ.

ކޮލަމްބިއާގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ހަމެސް ރޮޑްރިގޭޒަށް އަނިޔާވެ ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހި އެ ޓީމަށް މައްސަލަތަކެއް ދިމާވި އެވެ. އެކަމަކު ދެ ވަނަ ހާފުގައި، 74 ވަނަ މިނެޓުގައި ޔެރީ މިނާ އެ ޓީމަށް ކުރި ހޯދައިދިނެވެ. ބާސެލޯނާ އަށް ކުޅޭ މިނާ މި ގޯލް ޖެހީ ކޯނަރަކުން ކީންޓެރޯ ހުރަސްކޮށްދިން ބޯޅައަކުންނެވެ.

ޖަޕާން އަތުން ޕޮލެންޑަށް އުފަލެއް ނެތް މޮޅެއް ލިބުނުއިރު ހަމައެކަނި ގޯލް 59 ވަނަ މިނެޓުގައި ޖެހީ ޔާން ބެޑްރަނެޗެވެ. ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް ކުޅޭ ކުޅުންތެރިންތަކެއް ހިމެނޭ ޕޮލެންޑުން މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު ފުލުގައި އޮވެ އެވެ.