28 ޖޫން 2018 - 18:02

ވިލާ ކޮލެޖުން މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ކުރިއަށް ގެންދާ 95 ޕްރޮގްރާމަކަށް، އަންނަ އޯގަސްޓް މަހުގެ ފަހެއްގެ ކުރިން ކުރިމަތިލުމަށް ވިލާ ކޮލެޖުން ވަނީ މުއްދަތު ދީފަ އެވެ. އެއީ މާލޭގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.
ވިލާ ކޮލެޖުން ފުރުސަތު ހުޅުވައިލި ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، ހިއުމަން ރިސޯސަސް އަދި ޕަބްލިކް ހެލްތު ފަދަ ރާއްޖެ އަށް މުހިއްމު ދާއިރާތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސި ވިލާތުގެ ޔުނިވަސިޓި އޮފް ދަ ވެސްޓް އޮފް އިިންގްލެންޑާ ގުޅިގެން ޑިގްރީ އަދި މާސްޓާސްގެ ޕްރޮގްރާމްތައް ވެސް ދެ ވަނަ އިންޓޭކުގައި ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.
ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި މެރިން ސްޓަޑީޒް ދާއިރާގެ އަށް ކޯހަކާއި ސެޓްފިކެޓް އެކި ލެވެލްތަކުގެ ޖުމްލަ 22 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 18 ކޯހެއްގެ އިތުރުން އެޑްވާންސްޑް ޑިޕްލޮމާގެ ތިން ކޯހެއް ހިމެނެ އެވެ. އޭގެ އިތުރުން، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ހަތް ކޯހެއް އަދި މާސްޓާސް ފެންވަރުގެ 13 ކޯހެއް ހިމެނެ އެވެ.
ވިލާ ކޮލެޖުން ވަނީ އެ ތަނުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވީހާ ވެސް ފަސޭހަ އިން ކޯސް ފީ ދެއްކޭނެ އިންތިޒާމް ހަމަަޖައްސައިފަ އެވެ. އެގޮތުން، މަހުން މަހަށް ބަހާލައިގެން، ކޮންމެ މަހަކު ވަކި އަދަދެއް ދައްކައިގެން ވެސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވެގެން ވެސް ކޯސް ފީ ދެއްކޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.