އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ސައުދީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ސައުދީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

ރިޔާޒް (ޖޫން 28) - ސައުދީ އަރަބިއާގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހާތޫން އަލް ފާސީ ހައްޔަރުކޮށްފި އެވެ.

އަލް ފާސީ ވަނީ ސައުދީގެ މުނިސިޕަލް އިންތިޚާބުތަކުގައި އަންހެނުންނަށް ވާދަކުރެވެން ޖެހޭނެ ކަމަށް ބުނެ ވަރަށް ބޮޑަށް ކެމްޕޭން ކޮށްފަ އެވެ. ސައުދީގައި އަންހެނުންނަށް ކާރު ދުއްވުން ހުއްދަ ކުރުމާ އެކު އެންމެ ފުރަތަމަ ކާރު ދުއްވި އަންހެނުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ސައުދީ އަރަބިއާ އިން މިދިޔަ މަހު ވެސް ވަނީ ގިނަ އަދަދެއްގެ އަންހެން އެކްޓިވިސްޓުން ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައި ވަނީ ބޭރުގެ އެކި އެޖެންސީތަކާ ގުޅުން ބާއްވާ ކަމަށް ބުނެ އެވެ.

އދ.ގެ ތަޖްރިބާކާރަކު އިއްޔެ ވަނީ ސައުދީގައި ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުން ދޫކޮށްލަން ގޮވާލައިފަ އެވެ.