އަނިލް އާއި ސޯނަމް ކަޕޫރްގެ ފިލްމްގެ ޓީޒާ ދައްކާލައިފި
އަނިލް އާއި ސޯނަމް ކަޕޫރްގެ ފިލްމްގެ ޓީޒާ ދައްކާލައިފި

އަނިލް ކަޕޫރާއި އަންހެން ދަރިފުޅު ސޯނަމް ކަޕޫރް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، ބެލުންތެރިން ފިލްމަށް ޝައުގުވެރި ކުރުވައިފި އެވެ.

މި ފިލްމްގައި އަނިލް ފެނިގެން ދާނީ ވެސް ސޯނަމްގެ ބައްޕަގެ ރޯލުންނެވެ. އަދި އޭނާގެ މަންމަގެ ރޯލް ކުޅެފައި ވަނީ ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ އެވެ. މި ފިލްމްގައިި ސޯނަމްގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދާނީ ރާޖްކުމާރް ރާއޯ އެވެ.

މިއީ 2015 ގައި ރިލީޒް ކުރި "ޑޯލީ ކީ ޑޮލީ" އަށް ފަހު ސޯނަމާއި ރާޖްކުމާރް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

"އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އަކީ އަނިލް ކަޕޫރްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "1942: އަ ލަވް ސްޓޯރީ" ގެ ޑައިރެކްޓަރު ވިންދޫ ވިނޯދް ޗޯޕްޅާގެ ދަރިފުޅު ޝެލީ ޝޯޕްޅާގެ އަލަތު ޑައިރެކްޝަނެވެ. ފިލްމަށް ނަން ވެސް ދީފައި މި ވަނީ އެ ފިލްމްގެ އެންމެ ރީތި އެއް ލަވައިގެ ކަޑިއަކުންނެވެ.

ޓީޒާ ފެށިގެން އަންނަނީ އަނިލްގެ ފިލްމްގެ ހަނދާންތަކާ އެކު، ލަވައިގެ އަޑާ ވެސް އެކުގަ އެވެ. މީގެ މަންޒަރުތައް ނިއުޅެމުންދާ އިރު، މިއީ ވަރަށް ވެސް ޖަޒުބާތީކޮށްލާނެ އާއިލީ ފިލްމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

އަދި ޓީޒާ ނިންމައިލަނީ ވެސް "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ލަވައިގެ ކަޑިންނެވެ. ފިލްމްގައި މި ލަވަ ވެސް ހިމެނޭނެ ކަމަށް ގަބޫލު ކުރެ އެވެ.

"އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު މަހުގެ 12 ގަ އެވެ. ކުރިން މި ފިލްމް ރިލީޒް ކުރަން އޮތީ އޮކްޓޯބަރު 18 ގަ އެވެ.

އެކަމަކު އޭގެ އެއް ދުވަސް ފަހުން، އަރްޖުން ކަޕޫރްގެ "ނަމަސްތޭ އިންގްލެންޑް" ރިލީޒް ކުރަން ނިންމާފައިވާތީ، ހަފުތާއެއްހާ ދުވަސް ކުރިއަށް ފިލްމް ޖައްސައިލީ އެވެ. ބޭނުމަކީ އެއް އާއިލާއެއްގެ ބައެއްގެ ފިލްމްތައް ބޮކްސް އޮފީހުގެ ކުރިމަތިލުކަށް ނުދިއުމެވެ.

މި މި މަހުގެ 1 ގައި ސޯނަމްގެ "ވީރޭ ދީ ވެޑިން" އާއި ކޮއްކޮ ހާޝްވަރްދަން ކަޕޫރްގެ ދެވަނަ ފިލްމް "ބަވޭޝް ޖޯޝީ" ރިލީޒްކޮށްގެން ވެސް ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. އެ ފަހަރު ހާޝްގެ ފިލްމް ބަލާނެ ބަޔަކު ނުވެ، ފިލްމްގައި އަޅުވަން ޖެހުނީ ފްލޮޕް ބޯޑެވެ.